އަމާޒަކީ ފުލުހުންގެ ގާނޫނަށް ހެޔޮ ބަދަލުތަކެއް ގެނައުން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ކޮމިޓީން ބަލައިގަތް މައްސަލަތައް، ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުން މެމްބަރު އާޒިމް ވިދާޅުވީ، ވިސްނުން ހުރީ ފުލުހުންގެ އިދާރާ ރަނގަޅުކުރަން ކަމަށާއި އެތަނުގައި ހުރި މައްސަލަތައް ބަލާ ދިރާސާ ކުރުމަށްފަހު އެތަނަށް ހެޔޮ ގޮތްތަކެއް ގާނޫނުގެ ތެެރެއިން ހޯދަންޖެހޭ ކަމަށެވެ.

އެގޮތުން ކުރަން އުޅޭ މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑު އެއް މަސައްކަތްތަކަކީ ފުލުހުންގެ ގާނޫނަށް ހެޔޮ ބަދަލުތަކެއް ގެނައުން ކަމަށާއި 2012 ވަނަ އަހަރުގައި ހިނގައިދިޔަ ބަޢާވާތަށް ފަހު މިއަދާއި ހަމައަށް ކަންކަން ގޮސްފައިވަނީ ކަންބޮޑުވާ ދަރަޖައެއްގައި ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

"އެހެންކަމުން އަޅުގަނޑުމެންނަށް ސުޕަ މެޖޯރިޓީ އެއް ރާއްޖޭގެ ރައްޔިތުން ދިނީ އެކަންކަން ރަނގަޅުކުރުމުގެ ނިޔަތުގައި ކަމަށްވުމުން އަޅުގަނޑުމެން މިދަނީ އެކަންކަން ރަނގަޅުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންކަން މިއަދުގެ އެޖެންޑާއަށް ބަލާލުމުން ވަރަށް ރަނގަޅަށް އެނގިގެންދާނެ."
މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް

2012 ވަނަ އަހަރުގެ ބަޢާވާތަށް ފަހު ދައުލަތުގެ 3 މުއައްސަސާ އެކުވެގެން ގޭންގެއްގެ ގޮތުގައި ހިނގަމުން ދިޔަކަމުގެ ނަމޫނާ މިއަދު ފެނިގެންދާކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީ އަދި އެހެން ކޮމެޓީއެއްގައިވެސް ދައުލަތާއި ގުޅޭގޮތުން މައްސަލައެއް ބެލިފައިނުވާ ކަމަށެވެ.

241 ކޮމެޓީގެ މައްސަލަތައް ފަހުން ދިރާސާކުރަމުން ދިޔައިރު 18 ވަނަ މަޖިލީހުގައި ބަލަން ޖެހޭ މައްސަަލަތަކެއް ހުރިކަން ފާހަގަ ކުރެވުނު ކަމަށާއި ދައުލަތުގެ އެހެން މުއައްސަސާތައް ހިންގަންޖެހޭ ގޮތަށް ހިންގިނަމަ މިފަދަ ބޮޑެތި މައްސަލަތައް މަޖިލީހުން ބަލަން ނުޖެހުނީސް ކަމަށް މެމްބަރު އާޒިމް ވިދާޅުވިއެވެ.