ސަރުކާރުން ކުޅިވަރަށް ތަރައްގީކޮށްފައިވާ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ކުޅިވަރު އެސޯސިއޭޝަންތަކުގެ އެހީތެރިކަމާއެކު، ގައުމަށް ރިވެތިނަން ހޯދައިދޭން ގަދައަޅައި މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ޒުވާނުންނާއި އެމީހުންގެ ބެލެނިވެރިންނަށް ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް އެދި ގޮވާލެއްވީ، ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ނޭޝަނަލް މާޝަލް އާޓްސް ސެންޓަރާއި، ޓޭބަލް ޓެނިސް ހޯލް ރަސްމީކޮށް ހުޅުއްވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިރަސްމިއްޔާތުގައި ރައީސް ވަނީ ޒުވާނުންގެ ކިބައިގައި ހުރުމަށް އެ މަނިކުފާނު އެދިވަޑައިގަންނަވާ ބައެއް ސިފަތައް ހިއްސާ ކުރައްވާފައެވެ.
އެގޮތުން، ކޮންމެ ޒުވާނަކީވެސް، އަދި ވަކީން ޚާއްސަކޮށް ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ޒުވާނުންނަކީ، ދީނީ ގޮތުންނާއި އަޚުލާގީ ގޮތުން ރިވެތި ނަމޫނާއަކަށް ވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ކުޅިވަރުގެ ދާއިރާ ތަރައްގީ ކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް އަލިއަޅުއްވައިލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމާއި، އެކި ކުޅިވަރުތަކުން ރަނގަޅު ނަތީޖާތަކެއް ހާސިލުކުރުމުގައި އެހީތެރިވެދިނުމުގައި ސަރުކާރުން 2 ކަމަށް ވިސްނައިގެން މަސައްކަތް ކުރައްވާ ކަމަށެވެ.
2019 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ޓީ.ޓީ އަދި ބެޑްމިންޓަން ޓީމުން ހޯދި ކުލަގަދަ ކާމިޔާބީއަށް އިޝާރާތްކުރައްވައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހުޅުވި ޓީ.ޓީ ހޯލަކީ ގައުމަށް އިތުރު ރަން ވަނަތަކެއް ހޯދައިދޭނެ ކުޅުންތެރިންތަކެއް އުފެދިގެންދާނެ ތަނަކަށް ވާނެކަމަށް އުންމީދުކުރައްވާ ކަމުގައެވެ.
މާލޭގައިވެސް ނޭޝަނަލް ޓީ.ޓީ ސެންޓަރެއް ބިނާކުރުމަށް ބިމެއް ކަނޑައަޅައި، އެމަސައްކަތް އަންނަ އަހަރު ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސް ވިދާޅުވިއެވެ.
އަންނަ އަހަރު ރާއްޖޭގައި ބައިނަލްއަގްވާމީ ޓީ.ޓީ މުބާރާތެއް ބޭއްވުމަށްވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
ކުޅިވަރުގެ ދާއިރާ ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުންދާ އިތުރު މަސައްކަތްތަކަށް އަލިއަޅުއްވައިލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ގައުމީ ފެންވަރުގެ ބިލިއާޑު ހައުސްއެއް މިއަހަރުގެ ތެރޭގައި ހުޅުވާފައިވާކަން ފާހަގަކުރައްވާ، ވޯލްޑް ޗެމްޕިއަންޝިޕް މުބާރާތެއް ބޭއްވޭ ފެންވަރަށް އެތަން ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ވިދާޅުވެފައެވެ.
ހަމައެއާއެކު، ރާޒުވާއާއި މޫދު ކުޅިވަރުތައް ފަދަ އެހެނިހެން ކުޅިވަރުތައް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.