ކޮވިޑް-19 އަކީ މުޅި އިންސާނިއްޔަތަށް ހިތާމައާއި ހިތްދަތިކަމާއި ބިރުވެރިކަން ކުރިމަތިކުރުވި ނުރައްކަލެއްކަން ބުއްދި ސަލާމަތުންހުރި އެއްވެސް މީހަކު ދެބަސްނުވާވަރުގެ ވަބާއެކެވެ. ޤަދީމީ ޒަމާނުގެ ޠާޢޫން ބައްޔާއި އެއްފަދައެވެ. އިހުޒަމާނުގައި ގްރީކުންގެ ތެރޭގައިވެސް ފެނިފައިވާ ބިރާއި ހިތާމައާއި ހިތްދަތިކަންފަދަ ޙާލަތެއް ގެނުވި އެއްޗެކެވެ.

ދުނިޔޭގައި ޙަޟާރަތްތަކުގެ އެކި ދިރާސާތައް ކުރި މީހުންގެ ތެރޭގައި ހިމެނޭ ގްރީކުގެ ފިލޯސަފަރު އެރިސްޓޮޓްލްވެސް ސިފަކޮށްފައިވާ ފަދައިން ފަޚުރުވެރި ޒަމާނެއްގެ ތެރެއަށް ގެނުވި ފަނާކުރަނިވި ނިމުމެއްފަދަ އެއްޗަކަށް ކޮވިޑް-19 މިވަނީ ވެފައެވެ. އޭނާގެ ބަހުރުވައިން ބުނާނަމަ އޮއެޑިޕަސް ނުވަތަ އެގަމެމްނަންއެއްވެސް ނޫނެވެ. މިމީސް މީހުންނަކީ އެމީހުންގެ ފިޠުރަތު އަމިއްލައަށް ބަދަލުކުރެވޭނެކަމަށް ހީކޮށް އުޅުނު މީހުންނެވެ. ނަމަވެސް މިފަހަރު މި ފަނާކުރަނިވި ޙާލަތުގެ ތެރެއަށް މިދެވުނީ އަހަރެމެންނަށް އަމިއްލައަށެވެ.

މިވަބާގެ ކުޑަބޮޑުމިނާއި އޭގެ ގެއްލުން އޮތް މިންވަރު ރައްދުވެގެންދަނީ ނަޞީބުގެ ދެރަކަމަކަށެވެ. އަދި ބިރުވެރި ދުނިޔެއަކަށް މުޅި ޙަޟާރަތު ގެންގޮސްފައިވާއިރު އިންސާނުންގެ ދުރުވިސްނުމާއި ތަޖުރިބާއިން ދަސްވި ފިލާވަޅުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއެވެ. ދުރުވިސްނުމުގެ ނާކާމިޔާބުގެ ސަބަބުން އިޖުތިމާޢީ ރޫޙުގެ އެއްބައިވަންތަކަމާއި އިސްވެ ކުރިއަށްދިއުމުގެ ވިސްނުމުގެ ކޮށިކަމުންނެވެ.

ކުޑަ ވަގުތުކޮޅަކަށް ނަމަވެސް މާޒީގެތެރެއަށް ނަޒަރު ހިންގައިލަމާތޯއެވެ. އަދި ކޮވިޑް-19 ގެ ބަލި ޖައްސާ ޖަރާސީމުގެ ނަޒަރިއްޔާއިން މުޅި ޙާދިސާއަށް ބަލައިލަމާތޯއެވެ. ބަދަލުވަމުން އެންބުރެމުން ސެނބުރެމުންދާ ފިޠުރަތީ ޙަޔާތުގެ މިންގަނޑުން ކިރައިލަމާތޯއެވެ. ކުޑަކުޑަ ލޮލަށް ނުފެންނަ ޒައްރާއެއްގެ ޠަބަޢީ ބަދަލުވުންތައް އައިސްފައިވާ ގޮތަށް ބަލައިލި ނަމަވެސް އެކަން މިއޮތީ ފެންނާށެވެ. ސާޒް-ކޯވީ-2 އެއްތަނުން އަނެއްތަނަށް ގެންގޮސް ނުވަތަ އެކަތިން އަނެކަތީގެ ޠަބަޢީ ދިރުމުގެ ތެރެއަށް ވައްދާ ޖަރާސީމު އޭގެ ޒާތުގައި މިވަނީ ކާމިޔާބު ހޯދައިފައިނޫންތޯއެވެ.

މި ބޯހަރު ކޮރޯނާ ވައިރަހަކީ އެއްޒަމާނެއްގައި އިންސާނުން އެއާއިމެދު އެއްވެސް ފިކުރެއް އަޅައިލުމެއް، ނުވަތަ އެއީ ވުޖޫދުގައި އޮތް ނަމަވެސް ދެނެހުރިކަމަށް ނުހަދައި އޮތް ވައިރަހެކެވެ. އަދި އެވައިރަސް ބޮނދަ ބޮނދައިގެން މަޑުމައިތިރިކަމާއިއެކު ފިލައިއޮތީ އެއަށް ދިރި އުޅެވޭނެ ޤުދުރަތީ ވެއްޓެއްގައެވެ. ބައެއް ޖަނަވާރުގެ ހަށިގަނޑުގެ ތެރޭގައެވެ. ބެލެވޭ ގޮތުގައި ވާލުގެ ހަށިގަނޑުގެ ތެރޭގައެވެ. ޗައިނާގެ ދުރު ހިސާބުތަކުގެ ޖަންގަލިތަކާއި ހޮހޮޅަތަކުގައި ދިރިއުޅޭ މި އުދުހޭ މީދަލެއްކަހަލަ ޖަނަވާރުގެ އަބާދީއެއްގެ ތެރޭގައެވެ. ފިލާއޮވެގެން ދިރުމުގެ ތެރެއަށް ވުޖޫދުވާ މިފަދަ ވައިރަސް އިންސާނުންގެ ކުރިމައްޗަށް ކުއްލިއަކަށް ނިކުންނަނީ އެ ޖަރާސީމުގެ ސަބަބުން އިންސާނުންނަށް ގެއްލުންތަކެއްވެ އިންސާނުންގެ ތެރެއަށް ފެތުރިގަތުމުންނެވެ. އެހެން ގޮތަކަށް ބުނާނަމަ ފުޅިއަކަށް ލައިފައި އޮތް މެސެޖެއް ފެނުންކަހަލަ ގޮތަކަށް މުޅީން އާ ވައިރަހެއްގެ ގޮތުގައެވެ.

ކީއްވެތޯއެވެ. ސަބަބަކީ ކޮންމެ އެއްޗަކީވެސް ކޮންމެވެސް ދިމާއަކުން އަންނަ އެއްޗެކަށްވުމެވެ. ވައިރަހަކީވެސް އެފަދަ އެއްޗެކެވެ. އަދި ވައިރަސް އުފެދިފައިވާ ކަމަށް ސައިންސްވެރީން ކިޔާ ސެލިއުލަރ ކްރީޗަރގެ ގޮތުގައި ހިމެނެނީ ޖަނަވާރާއި ގަސްގަހާގެހި ނުވަތަ ފީ ޖަހައި ހެދޭ ހަންޑިކުޑައާއި އެޒާތުގެ ތަކެއްޗެވެ. އަދި އެތަކެތީގެ ތެރޭގައި ގުނަވެގެންދަނީ ސެލް ތަކަކުން އެތަކެތި އުފެދިފައިވަތީ ކަމަށް ސައިންސްވެރީން ބުނެއެވެ. އަދި ފެތުރިގަންނަ ނުވަތަ ވައިރަލްއޭ މިކިޔާ ގޮތަށް، ލޮލަށް ނުފެންނަ ކުޑަކުޑަ ޒައްރާއަކީ އެންމެ ސެލްއެއް ނޫންކަމަށް ސައިންސްވެރީން ބުނެއެވެ. އޭގެ ބަދަލުގައި އެއީ ދިރުންހުރި ގިއުގަނޑެއް ކަމަށާއި އެއީ ޕްރޮޓީން ގުުޅައެއްގެ ތެރޭގައި އޮންނަ ފަށަލައެއް ކަހަލަ އެއްޗެއްކަމަށް އެމީހުން ބުނެއެވެ. އެހެންވީމާ ވައިރަހަކަށް އޭގެ ދެވަނަ ގިއުގަނޑެއް އުފެއްދެނީ ނުވަތަ އޭގެ ދެވަނަ އެއްޗެއް ދިރިހުންނަ އެއްޗެއްފަދައިން އުފެއްދެނީ އެފަދަ ސެލްއެއްގެ ތެރޭގައި އޮތުމަށް އެއަށް ފުރުޞަތު ލިބުމުންނެވެ.

ޢާންމު ގޮތެއްގައި ވައިރަހަށް ގުނަވެގަތުމުގެ ޤާބިލްކަން ލިބިދެނީ އެއަށް ދެމިއޮވެވޭ ދިރުންހުރި އެހެން އެއްޗެއްގެ ތެރޭގައެވެ. އެތައް ޒަމާނެއްވަންދެން އެއެއްޗެއްގެ ތެރޭގައި ފިލައިގެން އޮވެއެވެ. މާބޮޑު އުނދަގޫތަކެއް އިންސާނުންނަކަށް ނުފޯރައެވެ. މަޑުމަޑުން ހިލަމެއްވެސް ނުވެ ހަމައެކަނި އެއަށް އޮވެވޭ ވެށީގެ ތެރޭގައި އޮންނަނީއެވެ. އެހެންވީމާ އޭގެ އަމިއްލަޒާތުގެ ރައްކާތެރިކަން އެތައް ޒަމާނަކަށް ދެމިއޮވެއެވެ. އެ ވައިރަހަށް އޮންނަ އުދަރެސް މިންގަނޑެއްގެ ތެރޭގައި ނުވަތަ ނާރެހެއްގެ ތެރޭގައި އޮވެދެއެވެ. ކުޑަކުޑަ އާބާދީއެއްގެ ތެރޭގައެވެ. ކުޑަކުޑަ ވެއްޓެއްގެ ތެރޭގައި ޙުދޫދެއް ކަނޑައެޅިގެންނެވެ.

އެހެން ނަމަވެސް މި ޙުދޫދާއި އެ ވެށި އެއީ އެއް ވަޒަނެއްގައި އޮންނަ އެއްޗެއް ނޫނެވެ. އަދި އެއީ އެހިސާބުން ނިމުން އޮތް އެއްޗެއްވެސް ނޫނެވެ. ސަބަބަކީ، އެފަދަ ވައިރަހެއްގެ ޠަބަޢީ ވަޒަނާއި ވެށީގެ ތެރެއަށް އެހެން ޖަނަވާރެއް ވަންނަ ހިސާބުން، އެ ވައިރަސް އޭގެ ޤާބިލްކަން އިތުރުކޮށް، އެ ވައިރަހުގެ ޝިކަާރައަކަށް އެ ޖަނަވާރު ހަދައިލުމެވެ. ސަބަބަކީ އެ ވައިރަސް ގުނަވަމުންދިޔަ ޖަނަވާރުގެ ވެށީގެތެރެއަށް އަންނަ ޖަނަވާރު އެވެށީގައި ދިރިއުޅެން ފެށުމާއެކު އެ ވައިރަހަށް މުޅީން އާ ޙަޔާތެއް ފެށުމަށް ފުރުޞަތު ލިބިގެން ދިއުމެވެ. އެހެންވީމާ މަޑުމަޑުން އަރާމު ތަންމަތީން އެއަށްވުރެ އަރާމު އަނެއް ތަންމައްޗަށް ފުންމައިލަނީއެވެ.

މިއީ ދިވެހީން ކިޔައިއުޅޭ މިސާލު ބަހުގައި ބުނާފަދައިން ކޮކަޑިކޭމީދާ ވާރޭފެން ބޮއިގެން ގަދަވެގެން އުޅުން ކަހަލަ ކަމެކެވެ. ނުވަތަ މޫދަށް ވެއްޓި އޮޔާދަނިކޮށް ފެނުނު ބޮނބިގަނޑަކަށް އަރައިގެން އެ މީދަލަށް އެހެން ހިކިފަސްތަނެއް ލިބުންކަހަލަ ކަމެކެވެ. ތުނޑު ހަސަނަށް ލަނޑުދޭން ލިބުނު ފުރުޞަތުކަހަލަ ކަމެކެވެ.

ކޮންމެއަކަސް ވައިރަހަށް އަލަށް ލިބުނު ޙަޔާތުގެތެރޭގައި އެއަށް އޮތީ ގުނަކުރުމުގެ ޤާބިލްކަން ހޯދުމާއި ފަނާވެ ދިއުމުގެ ފުރުޞަތެވެ. ނަމަވެސް އެ ފުރުޞަތަކީ ވައރަހުގެ ނަސްލު އޭގެ އަތުގައި ހިފައިގެން ކުރިއަށްދާން ލިބުނު އެއްޗެއްނަމަ އެއީ ހަމައެކަނި އެއަށް އަލަށް ލިބުނު އެންމެ އެއްޗެއް ނޫނެވެ. މުޅީން އާ އާބާދީއެއް ލިބުނީއެވެ. އެހެންވީމާ އެ ވައިރަސް ހޯދަން މަސައްކަތްކުރާނީ އަލަށްލިބުނު ވެށީގެ ތެރޭގައި ގުނަވެގަންނާނެ ސަރާސަރު މައިދާނެކެވެ. އެކަތީން އަނެކައްޗަށް ފުންމައިގެން އަރައި މުޅި އެ ވެއްޓަށް ފެތުރިގަތުމަށެވެ. އެއީ ބިންމައްޗަށް ބަންޑުންވާ ދިރޭރަހަ ފަދައިންނެވެ. އެއް ދާނުން އަނެއްދާނަށް އަރާމު ތަންމައްޗެއް ފެންނަ ފަދައިންނެވެ. އެހާހިސާބުން އެޖަރާސީމު ބައްޔަކަށްވެ އެއް އާބާދީން އަނެއް އާބާދީގެ ތެރެއަށް ފެތުރި ވަބާއަކަށް ވަނީއެވެ.

މިއީ ދިވެހި ރާއްޖެއަށްވެސް މުޅީން އާކަމެއް ނޫނެވެ. މިފަދަ ބައެއް ޖަރާސީމުތަކަކީ ގަސްގަހާ ގެއްސާއި ޖަނަވާރުތަކަށްވެސް ފަނާކުރަނިވި އެއްޗަކަށްވެއެވެ. މިސާލަކަށް ގަސްގަހުގައި ކޫޑިއެޅުމާއި ގަސްގަހުގެ ފަތްތަކަށް ދިވެހީން ކިޔައިއުޅޭ ދަބަރުބަލި ޖެހުންފަދަ ކަންކަން މިހާރުވެސް ފެންނަމުން ދިއުމެވެ. އަދި 80 ގެ ނިމޭ ހިސާބަަށްވުރެ ތަންކޮޅެއް ކުރީން ރާއްޖޭގައި ގެންގުޅުނު ކުކުޅު ހާލަށްވެސް މިފަދަ ޙާލަތެއް ކުރިމަތިވިއެވެ.

ކޮންމެއަކަސް ޖަރާސީމެއް އޭގެ ފުރަތަމަ ދާނުން އަނެއް ދާނަށް ފުންމައިގަނެ އެއަށްފަހު އަލަށް ލިބުނު ދާނުގެ ވެށްޓާއި އާބާދީގެ ތެރެއަށް ގިނަވެ އެއްއާބާދީން އަނެއް އާބާދީގެ ތެރެއަށް ފެތުރޭ ހިސާބުން އައުޓް ބްރޭކަކަށް ދަނީއެވެ. އަދި ޤައުމެއްގެ ތެރެއަށް ފެތުރިގެންފިނަމަ އެއީ ބޮޑު ވަބާއެއްފަދަ ބައްޔެކެވެ. އަދި ދުނިޔެއަށްފެތުރޭ ހިސާބުން އެވަނީ ސީދާ ވަބާއަކަށެވެ.

ކޮކަޑިކޭ މީދަލުގެ ވާހަކައަށް ބަލައިލަމާ ހިންގަވާށެވެ. މީދަލުގެ އުނދަގުލާއިހެދި ތުނޑު ހަސަނު މީދަލަށް ކޮކަޑިލީއެވެ. އަދި މީދާ ކޮކަޑި ކައިގެން ވެއްޓި ބަލިވެފައި އޮއްވައި ވާރޭ ވެހެން ފެށުމުން އެއަށް ފެންލިބި ހަށިގަނޑުގައި ވަރުޖެހުމުން ތުނޑު ހަސަނު ހޯދައިގެން ތުނޑު ހަސަނަށް ކެހިދިނީއެވެ.

ދުނިޔޭގެ އެހެން ޤައުމެއްގައި މިވާހަކަ އަދި އެހެން ގޮތަކަށް ކިޔައި އުޅެއެވެ. އެއީ މީދަލެއް މޫދަށް ވެއްޓި މޫދުގައި ބަކަތަޅަތަޅައި އޮއްވައި އޮޔާދިޔަ ބޮނބި އޮޑިއަކަށް އެރުނީ ވާރޭ ވެހެމުން ދަނިކޮންނެވެ. އަދި އޮޔާއި ވަޔާއި ތަޅަމުންގޮސް ކުޑަވަރެއްގެ ހުރާ ގަނޑަކަށް ލެއްގީއެވެ. މިއީ ވައިރަހަށްވެސް ވާގޮތެވެ. އަލަށް ލިބުނު ވެށީގައި އެއަށް އޮންނަނީ ދިރިއޮތުމާއި މަރުވުމެވެ. އަދި އެއަށް ލިބޭ ކުޑަކުޑަ ފުރުޞަތެއްގައި ފަނާނުވެ އަލަށް ލިބުނު ވެށްޓަކީ އުޅެލަން ފަސޭހަ އެއްޗަކަށްވަނީއެވެ. އަދި އެހެންވުމާއެކު އަލާވެ ގިނަވުމަށް ފުރުޞަތު ހޯދަނީއެވެ.

މިހާހިސާބުން ވައިރަހަށް ލިބިފައިވާ ޤާބިލް ކަމާއެކު އެއަށްދިރުން ލިބުމަށް ހޯދި ފުރުޞަތުގެ ބޭނުން ރަނގަޅަށްހިފައި އަލަށް ލިބުނު ވެށީގެ ސެލްއަކަށްވަދެ ސެލްއަކަށްފަހު ސެލްއެއްގެ ތެރޭގައި ގިނަވެގަންނަނީ ކަމަށް ސައިންސްގެ ދިރާސާތަކުން ހޯދިފައިވެއެވެ.

ކޮކަޑިކޭ މީދަލުގެ ވާހަކައަށް އަނެއްކާވެސް ޖެހިލަމާ ހިނގާށެވެ. މީދަލަށް ގޮސް އެރުނު ކުޑަ ހުރާގަނޑަކީ ކުރީން މީދާ އުޅުނުތަނެއް ނޫނެވެ.

އަދި އެ ހުރާގަނޑަކީ ހަމައެކަނި އެތަނުގައި ދިރިއުޅޭ ސޫފިތައް ފިޔަވައި އެހެން އެއްޗެއް އުޅޭތަނެއް ނޫނެވެ. އެހެންވީމާ ސޫފާސޫފީގެ ޙާލަތު އަދި އެތަކެތީގައިވާ ޖަރާސީމުތައް ނިސްބަތްވެފައި އޮންނަނީ ހަމައެކަނި އެހުރާގަނޑުގައިވާ ދިރުންތަކުގައެވެ. އަދި އެއީ އަމިއްލަ ތަނެއްކަމުން އެތަނުގައި އެހެން ސޫތްޕެއްގެ ބިރެއް ސިހުމެއްނެތި ހާލިހަދައި ބިސްއަޅައި އާލާވެގެން އުޅެމުންދިޔައީއެވެ.

މީދަލަށް ހިކިފަސްބިމަށްއެރި ލިބުނު އުފާވެރިކަމާއިއެކު އެ ހުރާގަނޑުގައި ދިރިއުޅޭ ދޫނިސޫފާސޫފީގެ ބިސްކައި ހަދަންފެށުމުން ދޫނިތައް ނެތި މަރުވެ ގެއްލި ދިޔައީއެވެ. އެހެން ނަމަވެސް އެ ހުރާގަނޑު ވެގެންދިޔައީ މީދަލުގެ އާބާދީއެއް އުފެދިގެންދިޔަ ތަނަކަށެވެ. ދިރުންތައް ނެތިދާންފެށުމާއި އެކު އެއްކަލަ މީދާތައް އެރަށުގައި ދިރިއުޅެމުންދިޔަ އެހެނިހެން ޒާތްޒާތުގެ ބޮނޑާއި އެނޫންވެސް ސޫފިތައް ހޯދައިގެން ކައިހަދަންފެށީއެވެ. އަދި އަމިއްލައަށް ގަސްގަހުގެ ކުރިއަށްއެރުމުގެ ޤާބިލްކަން ހޯދައި ގަސްގަހުގައި ދިރިއުޅެމުންދިޔަ ސޫފިތައްވެސް ކައިހަދަންފެށީއެވެ. އަދި އެރަށް މީދާ ހުރައަކަށް ވެގެންދިޔައީއެވެ. ކޮކަޑިކޭ މީދަލުގެ މިޙާލަތަށް ބަލައިލި ނަމަވެސް އެއީ އެއަށްލިބުނު ކާމިޔާބެކެވެ.

ހަމަ މިގޮތަށް އިންސާނުން ދިރިއުޅޭ ރަށެއްގެ ޖަނަވާރެއްގެ ހަށިގަނޑުގައިވާ ޖަރާސީމެއް އެރަށެއް ޙިޞާރުކޮށްފިނަމަ އެ ވައިރަހަކަށް މި ކިޔަނީ ޒޫނޮސިސްއެވެ. އަދި އެ ވައިރަހުގެ އަސަރުތަކުން އުފެދޭ ޢަލާމާތްތަކާއެކު އެއަށް ޒޫނޮޓިކް ބައްޔޭ ކިޔައެވެ. އިންސާނުންނަށް ބަލީގެ އަސަރުތައް ފޯރުކުރުވާ ޖަރާސީމުގެ 60 އިންސައްތަ ވައިރަހަކީ މީގެ ވައިރަހެވެ. އަދި ކޮވިޑް-19 ވެސް ފެތެނީ މިގޮތަށް ބާރުގަދަކަމާއިއެކު ފެތުރިގަންނަ ޒޫނޯސަސްގެ ތެރެއަށެވެ.

މިބާވަތުގެ ޒޫޓޮނިކް ބަލި ޖައްސަނީ ބެކްޓީރިއާއަކުންނެވެ. އޭގެ ތެރޭގައި ހަފްތާއަކަށް ނުވަތަ ދެހަފްތާއަށް ދެމިގެންދާ ހުމާއި ހޮޑުލެވުމާއި ބޯއެނބުރުންފަދަ އަލާމާތްތައް ދައްކައެވެ. އެއަށް މިކިޔަނީ ބިއުބޮނިކް ޕްލޭގްއެވެ. ނުވަތަ އެނޫންވެސް ބައްޔެއް ޖައްސާ ބާވަތަކުންނެވެ. ނަމަވެސް މިއިން ކޮންމެ އެއްޗަކީ ވަރަށް ބާރަށް ފެތުރިގަންނަ އެއްޗެކެވެ.

ޙަޤީޤަތުގައި ވަރަހަކީ އިންސާނުންނަށް ގެއްލުން ދިނުމުގެ މަޤްޞަދެއް އޮންނަ އެއްޗެއް ނޫނެވެ. އެއަށް އެކަމުގެ އެއްވެސް ސަބަބެއްވެސް ނޯވެއެވެ. ނަމަވެސް އެއަށްލިބިގެންވާ ޤުދުރަތީ ދިރުން ދެމެހެއްޓުން ފިޔަވައި އެހެން ކަމެއް އެއެއް ނުކުރެއެވެ. އެހެން ނަމަވެސް ޑާރވިންގެ ތިއަރީ އަދި މިއާއި ތަފާތެވެ.

ޑާރވިންގެ ތިއަރީގައި އެއީ އެއް ސިފައިން އަނެއް ސިފައަށް އެއްނަސުލުން އަނެއް ނަސްލަށް ނަޤުލުވެ ނުވަތަ ބަދަލުވަމުންދާ އެއްޗެކެވެ. ނަމަވެސް ތަޤުދީރުގައިވާ އެފަދަ ސިއްރުތައް ޢިލްމުގެ ޒަރީޢާއިން ދެއްވައިފައިވާ މިންވަރަށްވުރެ އިތުރަކަށް ނޭނގެއެވެ.

އަލަށް ފެންނަ ވައިރަހަކީވެސް އޭގެ ނަސްލު ގިނަކޮށްލުމަށް ހާލިހަދައިލެވޭ އެއްޗެއްގެ ޤުދުރަތީ އުފެއްދެވުމާއި ސިފަ ބަދަލުކުރާ އެއްޗެއް ނޫނެވެ. ނަމަވެސް އެއީ ވިހަ އެއްޗަކަށްވެ އިންސާނާގެ ޙަޔާތަށް ނިމުން ގެނުވާ އެއްޗަކަށްވެދެއެވެ. އިންސާނާގެ ނުވަތަ ޖަނަވާރެއްގެ އެތެރެހަށީގެ ގުނަވަންތަކަށް ކެތްނުވާވަރުގެ ބުރަ ކަންތައްތަކެއް ކުރިމަތިކުރެއެވެ. ނުވަތަ އެއެއްޗެއްގެ ދިފާޢީ ނިޒާމުގެ ތެރޭގައިވާ ޒައްރާތަކުގެ މައްޗަށް ބާރުގަދަކޮށް އެ ނިޒާމު ބަލިކަށިކޮށްލާ އެއްޗެކެވެ. އެފްރިކާއާއި އޭޝިއާ ނުވަތަ އެމެރިކާއާއި އެހެން ބައްރެއްގައިވިޔަސް މީދަލެއްގައި، ވާލެއްގައި ނުވަތަ ރާމާމަކުނެއްގައިވެސް މިބާވަތުގެ ޖަރާސީމެއް އުޅެފާނެއެވެ. އަދި އިންސާނާއަކީ އެ ވައިރަހަކަށް އަލަށްލިބޭ ވެއްޓަކަށް ނުވަތަ ގޮވައްޗަކަށްވެދެއެވެ. އެހެން ނަމަވެސް ކޮންމެ ވައިރަހަކީ އިންސާނާއަށް ގެއްލުންތަކެއް ދިނުމަށް ކާމިޔާބު ކަމާއިއެކު މަސައްކަތްކުރެވޭ އެއްޗެއްނޫނެވެ. ނަމަވެސް ބައެއް ވައިރަހަކީ އިންސާނާގެ ދިފާޢީ ނިޒާމު ފޫއަޅުވައިލާ އިންސާނުންގެ ތެރޭގައި ވަބާއެއްފަދަ ބައްޔެއް ފަތުރާއެއްޗަކަށް ވެދެއެވެ.

މިއީ އެއިޑްސްބަލި ފެތުރިގެންދިޔަ ފަދަ ގޮތްކަމަށް ވެދާނެއެވެ. ސައިންޓިސްޓުން ބުނަނީ އެއީ ރާމާމަކުނުގެ ވައްތަރަކުން އުފެދިގެންއައި ބައްޔެއް ކަމުގައެވެ. ދިވެހި ބޭސްވެރީން އެއަށް މަކުނު ބައްޔޭ ކިޔައެވެ. މިބައްޔަކީ މިހާރުގެ ދިރާސާތަކުން ހާމަކޮށްފައިވާ ގޮތުގައި ސިވް ސީޕީޒެޑް ނަމަކަށްކިޔާ ޗިމްޕަންޒީ ވައިރަހެކެވެ. މިވައިރަސް ޗިމްޕަންޒީއެއްގެ ހަށިގަނޑުން އިންސާނެއްގެ ހަށިގަނޑަށް ވަނީއެވެ. ސައިންޓިސްޓުން ޤަބޫލުކުރާ ގޮތުގައި އެކަން ދިމާވީ ޝިކާރަވެރި ހަނގުރާމައެއްގައި ލޭގެ ތެރެއިންނެވެ. އަދި އިންސާނުންގެ ހަށިގަނޑުގައި ފައިވިއްދައިލައިގެން އުޅެމުންދިޔައީއެވެ.

ސައިންޓިސްޓުންގެ ތެރޭގައި ހިމެނޭ ޑރ. ބިއެޓްރިސް އެޗް ހާން އާއި މައިކަލް ވޮރޮބީ ވަނީ ދިރާސާތަކެއް ކުރައްވައި މިއާއިބެހޭ މޮލެކިއުލަރ ހެކިތަކެއް އުފައްދަވައިފައެވެ. އެބޭފުޅުން ދެކިވަޑައިގަތް ގޮތުގައި މިކަން ހިނގައިފައިވަނީ މީގެ ޤަރުނަކަށްވުރެވެސް ކުރީންނެވެ. މެދުތެރޭ އެފްރިކާގެ ކެމަރޫންގައި ކަމަށް ވިދާޅުވެއެވެ. ނަމަވެސް އިންސާނުންގެ ގައިން އިންސާނުންގެ ގަޔަށް މި ޖަރާސީމު ފެތުރުމުގެ ޤާބިލްކަން ހޯދުމަށް ޖީލުތަކެއް ހޭދަކުރިކަމަށް ލިޔުއްވައިފައިވެއެވެ.

މިބަލި ބޮޑެތި ޝަހަރުތަކަށް ފެތުރެން ފަށައިގަތީ 1960 ގެ އަހަރުތަކުގައެވެ. ލިއޯޕޯލްޑްވިލް ނުވަތަ މިހާރުގެ ބަހުންނަމަ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ވެރިރަށް ކިންޝާސާފަދަ ޝަހަރުތަކަށެވެ. އަދި އެއަށްފަހު އެމެރިކާ ބައްރުގެ ޤައުމުތަކަށް ބިރުވެރި ބައްޔެއްގެ ގޮތުގައި ފާހަގަވެގެން ދިޔައީ 1980 ގެ ކުރީކޮޅުގެ އަހަރުތަކުގައެވެ. އަދި މިހާރު އެއަށް މިކިޔަނީ އެޗްއައިވީ-1 ގެ ގުރޫޕް އެމްގެ ގޮތުގައެވެ. މިއީ ނުރައްކާތެރި ފަނާކުރަނި ބައްޔަކަށްވެ މިއަދާއި ހަމައަށް 71 މިލިއަން މީހުނަށް މިބަލި ޖެހިފައިވާކަމަށް ރެކޯރޑް ކުރެވިފައި ވެއެވެ.

ޗިމްޕަންޒީއަކީ މިހާރު ދުނިޔޭގައި ނެތިގެންދާ ދިރުންތަކުގެ ތެރޭގައި ހިމެނޭ ޖަނަވާރެކެވެ. އޭގެ ވެށި ކުޑަވެ އިންސާނުން ޝިކާރަކުރާ އެއްޗަކަށް ހަދައި ނެތިގެން ދިއުމުގެ ބިރު އުފެދިފައިވާ ޖަނަވާރެކެވެ. ދުނިޔޭގެ ބައެއް ޖާހިލު ޢިލްމުވެރީ އެއީ އިންސާނުންގެ ނަސްލު އުފެދުމުގެ އަޞްލުކަމަށް ކިޔައި އުޅެއެވެ. ނަމަވެސް އެއީ ޙަޤީޤަތެއް ނޫނެވެ.

ކޮންމެއަކަސް ސިވް ސީޕީޒެޑް ވައިރަސް އޭގެ އާ ވެއްޓަކަށް އިންސާނުން ހަދާލައިފިއެވެ. އިންސާނުންނަކީ އެ ވައިރަސް ދިރިއުޅޭ މާޙައުލަކަށް ބަދަލުކޮށްލައި އެ ވައިރަސް އަމިއްލައަށް ނެތިދިއުމުގެ ހުރިހާ ދެރަކަމެއް ނައްތައިލައިފިއެވެ. މިއީ ކަނޑުވެފައިވާ މީހަކަށް ނުވަތަ ފެތެމުންދާ އޮޑިއެއްގެ ފަޅުވެރިއަކަށް ލިބުނު ލަގްޒަރީ މަނަވަރަކަށް އެރުންފަދަ ކަމެކެވެ.

ސާޒް-ކޯވީ-2 ވެސް ހެދީ ހަމަ މިފަދައިންނެވެ. ނަމަވެސް އެއިޑްސްފަދަ ބަލިތަކަށްވުރެ މާއަވަސް ކަމަށް ފާހަގަވެއެވެ. މިއަދާއި ހިސާބަށް 35 މިލިއަނެއްހާ މީހުންނަށް މި ވައިރަސް ޖެހިފައިވެއެވެ. މިއީ ޤަރުނެއްގެ ތެރޭގައި އެޗްއައިވީ ޖެހުނު މީހުންގެ ދެބައިކުޅަ އެއްބަޔަށްވުރެވެސް ގިނަ ޢަދަދެކެވެ. ނަމަވެސް އެއީ ކާމިޔާބުކަމާއެކު މި ބިންމަތީގައި އިންސާނުންނަށް އޭގެ އަސަރު ކުރުވާ އެންމެ ބާރުގަދަ ވައިރަހެއް ނޫނެވެ. ފަހަރެއްގައި އިންސާނުންނަށް އެންމެ ނުރައްކާތެރި ވައިރަހަކީ އެޕްސްޓައިން ބާރ ވައިރަސް ކަމަށް ވެދާނެއެވެ. އެއީ ވަރަށް ފަސޭހައިން އެކެއްގެ ގައިން އަނެކެއްގެ ގަޔަށް އަރާ ހާރަޕަސް ވައިރަހުގެ ވައްތަރެކެވެ. އަދި މިއީ 90 އިންސައްތަ އިންސާނުންގެ ހަށިގަނޑުގައި ބައެއް މީހުނަށް ޢަލާމާތްތަކެއް ދައްކައިގެން އުޅޭ އެއްޗަކަށް ވެދާނެ ކަމަށް ސައިންސްގެ ދިރާސާތައް ބުނެއެވެ. އަދި އަނެއް ބައެއްގެ ހަށިގަނޑުގައި އެއްވެސް ޢަލާމާތެއް ނުވަތަ ބައްޔެއްގެ އަސަރެއް ނުދައްކައި އޮވެދާނެއެވެ.

އެހެންނަމަވެސް އެއާއި ޚިލާފަށް ސާޒް-ކޯވީ-2 ނުވަތަ ކޮވިޑް-19 މިއޮތީ އަދި ކިރިޔާ ފަށައިގެންފައެވެ.

މިކަން ސިފަކޮށްދެވޭނެ ގޮތެއްވެސް އެބައޮތެވެ. ނުވަތަ އެހެން ވައިރަހަކަށް ނަޒަރު ހިންގައިލާ ތަފާތު ނަޒަރިއްޔާއަކަށް ބަލައިލަމާ ހިނގާށެވެ.

ރުވާންޑާގެ ފަރުބަދަތަކުގެ ވާދީގެ ތެރޭގައި ދިރިއުޅޭ ކުޑަކުޑަ ވާލެކެވެ. ފަނިފަކުސައާއި ކުދިކުދި ސޫފި ކައިއުޅޭ، ހިލްސް ހޯރސްޝޫ ބެޓްގެ ގޮތުގައި ފާހަގަކުރެވިފައިވާ ވާލެކެވެ. ނަސްލަކީ ރައިނޯލޮފަސް ހިލީއެވެ. މިއީ ޙަޤީޤަތުގައިވެސް އެހިސާބުގައި ދިރިއުޅޭ އުދުހޭ މީދަލެކެވެ. ނަމަވެސް އުދުހޭ މީދަލެއްފަދަ މި ވާ ފެންނަނީ ވަރަށް މަދުންނެވެ. ސަބަބަކީ އޭގެ ނަސްލު ނެތިދިއުމުގެ މަގުމަތީގައި ވުމެވެ. އެވާލުގައި ކޮރޯނާ ވައިރަސް ދިރިއުޅެއެވެ. އަދި އެއީ އެ ވައިރަހުގެ ވެއްޓެވެ. އަދި ބަޔޮލޮޖިސްޓުން އެއަށްކިޔާ ނަން ކުރުކޮލައި ކޯޑަކުން ކިޔަނީ އާރުއެޗް އާރު ޑަބްލިޔު ނަވާރައެވެ. އެގޮތަށް ކޯޑު ކުރެވުނު ސަބަބަކީ އެ ވައިރަސް ފެނިފައިވަނީ ރައިނޯލޮފަސްހިލީ (އާރުއެޗް)، ރުވާންޑާއިން (އާރު ޑަބްލިޔު) ކަމަށްވެފައި ފާހަގަވީ 2019 (19) އިން ކަމަށްވާތީއެވެ.

ނަމަވެސް މިއީ ބަހުސުގެ މަރުޙަލާއެއްގައި އޮތް ވައިރަހެކެވެ. ޤަބޫލުކުރެވޭ ވަރުގެ އުޒުރުތަކެއް އޮތް އެއްޗެކެވެ. އެއީ ކޮރޯނާ ވައިރަހަކީ ދުނިޔޭގެ ވަރަށް ގިނަ ނަސްލުތަކުގެ ވާލުގައި ދިރިއުލޭ އެއްޗެކެވެ. އަދި އާރުއެޗް އާރުޑަބްލިޔު19 އަކީ ނެތިހިނގައިދާން ކައިރިވެފައިވާ އެއްޗެކެވެ. ސަބަބަކީ މި ވާލަކީ އޭގެ އަމިއްލަ ރައްކާތެރި ކަމެއްގައި އުޅެމުންދިޔަ އެއްޗެކެވެ. ނަމަވެސް އޭގެ ވެށިވެސް ވަނީ ނެތިދިއުމާއި ގާތުގައެވެ. ނުވަތަ އެހެން ތަކެތީގެ ނުފޫޒާއި ބާރުގައި ތޮއްޖެހިފައެވެ.

ނަމަވެސް ރުވާންޑާގެ ދަނޑުވެރިއަކު އޭނާގެ ދަނޑުބިމަށް ކާނާހޯދުމަށްޓަކައި އެ ވާ ދިރިއުޅޭތަނުން އޭގެ ނަޖިހާއި ވެލި ނެގުމުގެ ބޭނުމުގައި އެ ވާ ދިރިއުޅޭ ހޮހޮޅައަށް ވަދެއެވެ. އަދި އޭގެ ހޮޑާއި ނަޖިސް އެކުލެވޭ ގޮތަށް އޮންނަ ބިމުން ވެލި ނަގައެވެ. އޭރު އޭގައި އެއްކަލަ ކޮރޯނާ ވައިރަސް ހުރެއެވެ. އަދި މިގޮަތަށް ފަކީރާ ކޮށްގެން އެތަކެތި ނަގަމުންދާއިރު އޭނާ ނޭވާލާން ޖެހެއެވެ. މިހާރު ރައްކާތެރިކަމުގެ ގޮތުން މާސްކު އަޅައިގެން އުޅުނު ނަމަވެސް އެއިރަކު އެއީ އެފަދަ ނުރައްކަލެއް އޮތް ކަމެއް ކަމަށްނުދެކި އޭނާ އެކަން ކުރަމުން ދިއައީއެވެ. އަދި އިސާހިތަކު އޭނާގެ ގަޔަށް އެވައިރަސް އަރައި ބަލީގެ ޢަލާމާތްތައްތައް ދައްކަން ފެށީއެވެ. އަދި އެއަށްފަހު އޭނާގެ ކޮއްކޮ ނުވަތަ ބޭބެއަށް އެވައިރަސް ޖެހުނީ އޭނާގެ ގައިންނެވެ. އަދި އެއަށްފަހު އޭނާގެ ކޮއްކޮ ނުވަތަ ބޭބެއެވައިރަސް ހިފައިގެން ސަރަޙައްދީ ކްލިނިކަކަށް ދިޔައީއެވެ. އެއީ އޭނާއަކީ އެތާނގެ ނަރުހަކަށްވީތީއެވެ. ނަމަވެސް މަދު ހަފްތާކޮޅެއްގެ ތެރޭގައި ކްލިނިކްގެ އެހެން މީހުނާއި އޭނާއާއި ދިމާވެ އެމީހުންގެ ތެރޭގައި ފެތުރެން ފެށީއެވެ. އަދި އެއާއެކު އެ ވައިރަސްއިން ބަލިޖެހިގެން އެކަކު މަރުވިއިރު އެ ވައިރަސް ދިޔައީ އޭގެ ދައުރު އަދާކުރަމުންނެވެ. އިންސާނުންގެ ނޭވާލާ ނިޒާމުގެ ތެރޭގައި ގުނަކުރަމުން އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ވައިރަސް ފަތުރަމުންނެވެ.

މި ކްލިނިކަށް ޒިޔާރަތްކުރި ޑޮކްޓަރެއްގެ ގަޔަށް ކޮރޯނާ ވައިރަސް އަރައިފައިވަނިކޮށް އޭނާ ދެން ދިޔައީ އެ ޤައުމުގެ ވެރިކަންކުރާ ކިގާލީއަށެވެ. އެއަރޕޯރޓަށް ފޭބީ އެވައިރަސް ހިފައިގެންނެވެ. އަދި އެތަނުގައި ކޮޅުކޮޅުމައްޗަށް ހިނގައި ބިނގައިވެއުޅޭ ފަސިންޖަރުންތަކުގެ ތެރޭގައި އޭނާ ފައިބައިގެން ދިޔައީއެވެ. އަދި އެއާއެކު އެ ތަނުން އެހެން ފްލައިޓްތަކަށް އަރަން ދިޔަ މީހުންތައް ވައިރަހުގެ އެއްވެސް ޢަލާމާތެއް ނުފެނި ފުރަން ދިޔައީއެވެ. ކިންޝާސާއިން ދައުޙާއަށް އަދި ލަންޑަނަށެވެ.

މިހިސާބުން މިވައިރަހަށް ތަފާތު ނަމެއް ދޭންޖެހުނީއެވެ. ސާޒް-ކޯވީ-2 ގެ ނަމުގައެވެ. ނަމަވެސް މިވައިރަހުގެ ކާމިޔާބުކަން އަދި އޮތީ ކިހާހިސާބެއްކަމެއް ނޭނގެއެވެ. އަދިވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުޅި އިންސާނިއްޔަތު ހުއްޓުމަކަށް ގެނުވައިފައެވެ.

ކޮރޯނާ ވައިރަހުގެ ބާވަތްތަކަކީ އާދަޔާ ޚިލާފަށް ނުރައްކާތެރި ވައިރަސްތަކެއް ކަމަށް ސެލް ނަމަކަށްކިޔާ މަޖައްލާއެއްގައި ބޮޑެތި ބަލިތަކާއި ބެހޭގޮތުން ލިޔެފައިވާ ފަތްފުށްތަކުގައި ވެއެވެ. ލިޔުއްވައިފައިވަނީ ޑރ. ޑޭވިޑް އެމް މޮރެންސް އާއި އެހެން ސައިންޓިސްޓެކެވެ. ޑރ. މޮރެންސަކީ ޝާރަފްވެރި ލިޔުންތެރިއެކެވެ. ދިރާސީ ވިސްނުމުގެ މޭސްތެރިއެކެވެ. އޭނާއަކީ އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާރޖީ އެންޑް އިންފެކްޝަސް ޑިސީޒްގެ ޑިރެކްޓަރެވެ. އަދި އެތާނގެ ވެރިއަކަށް ހުންނެވި ޑރ. އެންތަނީ ފައުޗީގެ އިސް ސައިންޓިފިކް މުސްތަޝާރެވެ. އޭނާލިޔުއްވި ދިރާގެ އަނެއް ބައިވެރިއަކީ އެންތަނީ ފައުޗީއެވެ.

އޭނާގެ ލިޔުއްވުމުގައިވާ ގޮތުން ކޮރޯނާ ވަރަހަކީ ތަފާތު މަންމަލި ޖަނަވާރުތަކުގައި ދިރިއުޅޭ އެއްޗެކެވެ. އަދި އިންސާނުންގެ ހަށިގަނޑުގައި އަސަރުތަކާއި ޢާލާމާތްތަކަކާއި ނުލައިވެސް އުޅެފާނެއެވެ. ހަމައެކަނި ވާލާއި އެހނިހެން ވިހައި އުޅޭ މަންމަލި ޖަނަވާރެއް ނޫނެވެ. ޕެންގޮލިންއާއި ބުޅަލާއި އެނޫންވެސް އެފަދަ އެތައް ނަސްލެއްގެ ތެރޭގައެވެ. މިހާތަނަށް ހޯދި ދެނެގަނެވިފައިވަނީ ވަރަށް ކުޑަ މިންވަރެކެވެ. އެނގެނީ ކާކަށް ކަމެއް ކޮންއެއްޗެއްކަމެއް ވެސް ނޭނގޭހާ ފުޅަލެވެ. ނަމަވެސް އެނގެނީ އެއީ ސެލްއެއްގެ ތެރޭގައި އޮވެ އެއްވައްތަރަކުން ގުނަވެގަންނަ އެއްޗެއްކަމެވެ. އެހެންވީމާ އިންސާނުންގެ ހަށިގަނޑުގައި އަށަގަތުމުގެ ފުރުޞަތު އެއަށްލިބުމުން އާ ނިޒާމެއްގެ ތެރެއަށް ވަދެވި އިންސާނާގެ ދިފާޢީ ނިޒާމަށް ޙަމަލާދޭން ފަށަނީއެވެ. އަދި އެ ހިސާބުން އެހެން މީހުންގެ ގަޔަށް ފުންމައިގަނެވޭގޮތްވެ އިންސާނުންގެ ތެރޭގައި ބައްޔަކަށްވެގެން ދަނީއެވެ.

ސާރޒް-ކޯވީ-2 އާއި އެންމެ ގާތްކުރާ ވައިރަހެއް ފެނިފައިވަނީ މީގެ 7 އަހަރު ކުރީން ޗައިނާގެ ޔުނާން ސަރަޙައްދުންނެވެ. އެއީ ބިންކޮނެގެން މަޢުދަން ނަގާ ވަޅެއްގެ ތެރެއިން ހިފި ވާލަކުންކަމަށް ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީގެ ޑރ. ޒެންގލީ ޝީއާއިއެކު މަސައްކަތްކުރި ޓީމުން ބުނެއެވެ. މި ވައިރަހަކީ އާރުއޭ ޓީޖީ13 ގެ ނަން ދީފައިވާ ވައިރަހެކެވެ. އަދި މިވައިރަހަކީ ސާރޒް-ކޯވީ-2 އާއި 96 އިންސައްތަ ހުރިހާ ސިފަތަކެއް އެކުލެވޭ ވައިރަހެކެވެ. ނަމަވެސް 4 އިންސައްތައިގެ ތަފާތަކީ އެތައް ޒަމާނަކުން އޭގެ ބާރުގަދަ ސިފައަށް ބަދަލުވުމުގައި އައިސްފައި ނިސްބަތެއްކަމަށް ދިރާސާތަކުގައި ބުނެފައިވެއެވެ. ނަމަވެސް މިއީ އާރުއޭ ޓީޖީ13 އަކީ މިއަދު މިފެންނަ ކޮވިޑް-19 އެއްނޫނެވެ. އޭގެ ދެބެންގެ ދެދަރި ކަހަލަ އެއްޗެކެވެ. ތަފާތު ދެއަވަށުގައި ދިރިއުޅޭ ދެއިންސާނުން ފަދައިންނެވެ.

މި ބަދަލު އަދި އެއްގޮތް ކަމުގެ ކުޑަ އިންސައްތައެއްގެ ތަފާތު ފެނުނު ގޮތަކީ ކޮބައިބާވައެވެ. ނުވަތަ އެއީ ޒަމާނާއިއެކު ވަރުގަދަވެ އަދި ވިހަގަދަ ވެގެން އިންސާނުންގެ ދިފާޢީ ނިޒާމު ފޫއަޅުވައިލާހާ ބާރުގަދަ އެއްޗަކަށް މިވައިރަސްވީ ކީއްވެގެން ބާވައެވެ. މިހާތަނަށް މަޢުލޫމާތު އެއްކުރެވިފައިނުވާ ވާލަކުން އިންސާނުންގެ ގަޔަށް ވައިރަހެއް އަރައި ސާރޒް-ކޯވީ-2 އަށްވެގެން މިދިޔައީ ކީއްވެގެންބާވައެވެ. މިއީ އެއްވެސް މީހަކަށް އަދި ޖަވާބު ހޯދިފައިނުވާ ސުވާލުތަކެކެވެ. ޗައިނާގެ ސައިންޓިސްޓުން މިކަން ދިރާސާކުރައްވައި ހޯއްދަވާނެތާއެވެ. މިވައިރަސްތައް އެކަތި އަނެކައްޗާއި ގުޅުން އޮތްގޮތާއި ގާތްކަން އޮތް މިންވަރުވެސް ދިރާސާކުރާނެއެވެ.

ނަމަވެސް މިހާތަނަށް ހޯދިފައިވާ ހެކިތަށްވަނީ މަސްހުނިކޮންނެވެ. ފުރިހަމައެއްނުވެއެވެ. އޮޅުން ބޮޅުމާއި އެކަތީގެ ހަށިގަނޑުން އަނެކައްޗެއްގެ ހަށިގަނޑަށް އަރައި ގަދަކޮށްލުމުގެ ޤާބިލްކަން ނުވަތަ ކުޅަދާނަކަން އޮތް މިންވަރު ދެނެނުގަނެވިފައެވެ.

ސައިންޓިސްޓުން ޤަބޫލުކުރައްވާ ގޮތުގައި މި ދެވައިރަސް އެކައްޗެއްގެ ހަށިގަނޑުގައި އޮވެ އެކަތި އަނެކަތީގެ ބާރުތައް އެއްކޮށްލައިގެން ވަރުގަދަ ވައިރަހަކަށްވަނީއެވެ. ނުވަތަ އޭގެ ބައިތަކެއް އެކަތި އަނެކައްޗާއި ޙިއްޞާކޮށް ދެވައިރަސްވެސް އެކެއްގެ ހަށިގަނޑުގައި ބާރުގަދަކުރަނީކަމަށް ވެދާނެއެވެ. އެހެންވުމާއެކު އެ ދެވައިރަސް އެކައްޗަކަށްވެ ކުޑަކުޑަ ފުރުޞަތަކުން ސާރޒް-ކޯވީ-2 ކަމަށް މިކިޔާ ވައިރަހަށްވެގެން ދަނީކަމަށްވެސް ވެދާނެއެވެ. އެއީ އިންސާނުންފިޔަވައި އެހެން ދިރުންތަކުގެ ތެރޭގައި އެއަށް ނުކުރެވޭ ކަންތައްތަކެއް ކުރުމުގެ ޤާބލްކަން އިންސާނުންގެ ހަށިގަނޑުގައި ލިބިގެން މަސްހުނި ވައިރަހެއް އުފެދެނީ ކަމަށްވެސް ވެދާނެއެވެ.

ކޮންމެއަކަސް ސާރޒް-ކޯވީ-2 އަކީ އޭގެ ފެށުން ވަރަށް ކާމިޔާބުކަމާއެކު އިންސާނުންގެ ތެރޭގައި ފެތުރިގަތް އެއްޗެކެވެ. އަހަރެމެންގެ ބަދު ނަޞީބުކަމަށްވެސް ވެދާނެއެވެ. ނަމަވެސް އިންސާނުންނަކީ އެފަދަ ކޮންމެ ކަމަކާމެދު ޢިލްމީ ނަޒަރިއްޔާތާއި ހޯދުންތަކުން ކާމިޔާބު ޙާޞިލްކުރާ މަޚުލޫޤެވެ. އުފެއްދެވުމުގައިވެސް އެ ކުޅަދާނަކަން ދެއްވައިފައިވާ ބައެކެވެ.

މިހާރު އުފެދޭ ސުވާލަކީ ކޮވިޑް ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އިންސާނުންގެތެރެއިން މުޅީން ނައްތައިލެވިދާނޭ ހެއްޔެވެ؟ ފަހަރެއްގައި އެއީ ނާދިރު ކަމަކަށް ވެދާނެއެވެ. ނަމަވެސް ކޮވިޑް-19 ގެ ކުއްލި ނުރައްކާތެރި ޙާލަތުން މިންޖުވެވިދާނެތޯ ކުރެވޭ ސުވާލުގެ ޖަވާބަކީ އާނ! އެކެވެ.

--

ނޯޓް: މި ލިޔުމަށް ބޭނުންވި މަޢުލޫމާތު ނަގާފައިވަނީ ދުނިޔޭގައި ކޮވިޑް-19އާއި ގުޅޭ ގޮތުން ކޮށްފައިވާ ދިރާސާތަކުން