• ބައެއް މެމްބަރުންނަށް އާޔަތްތައް ރަނގަޅަށް ވިދާޅުވެސް ނުވެވޭ

ޤުރުއާނުގެ އާޔަތްތައް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ކިއުމަކީ ރަނގަޅުކަމެއްގެ ގޮތުގައި ދެކިވަޑައި ނުގަންނަވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ، ހޯމަދުވަހުގެރޭ ގެނެސްދިން "އާސްކް ސްޕީކަރ" ޕްރޮގްރާމްގެ ދެވަނަ އެޕިސޯޑުގައި އާންމު ފަރާތަކުން ފޮނުވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އާންމު ފަރުދަކު ފޮނުވި ސުވާލުގައިވަނީ، މަޖިލީހުގައި މެމްބަރަކު ޤުރުއާނުގެ އާޔަތެއް ކިއުން ހުއްޓުވައި، އެ ބޭފުޅުން ވިދާޅުވާ އާޔަތްތަކުގެ ސައްހަކަން ކަށަވަރު ނުކުރެވޭ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވެފައިވާއިރު، ބަނގުރާ އާންމު ކުރުމުގެ ވާހަކަ މަޖިލީހުގެ ދެއްކެވިއިރު އެވާހަކަ ނުހުއްޓުވީ ކީއްވެގެންތޯއެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ވަރަށް ސިޔާސީ ތަނެއް ކަމަށާއި، ޤުރުއާނުގެ އާޔަތްތައް ސިޔާސީ ހަތިޔާރެއްގެ ގޮތުގަ، ވަކި ފައިދާއެއް ހޯދުމުގެ ބޭނުމުގަ އެގޮތަށް ކިއުމަކީ، އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ރަނގަޅުކަމެއް ނޫން ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ބަހުސްތަކަކީ ބައެއް ފަހަރު ވަރަށް ޖޯޝުގަ ހިނގާ ބަހުސްތަކެއް. އެ ޖޯޝާ އެކީގަ ހަމައެކަނި ބޭނުން ކުރަމުން ގެންދަނީ ރިވެތި ބަސްތަކެއްވެސް ނޫން. ބައެއް ފަހަރަށް ވަރަށް ހުތުރު ބަސްތައްވެސް ބޭނުންކުރޭ. އަޅުގަނޑުގެ ހިތަށް ވަދެފަ އޮންނަނީ، ފުރަތަމަ ކަމަކަށް އެބާވަތުގެ ވާހަކަތަކެއް ދައްކަމުން ދައްކަމުން، ނޭވާގެ އަނެއްކޮޅުގަ ދެން އަނެއްކާ ގުރުއާނުގެ އާޔަތްތަކާ އެކުގަ ވާހަކަތައް ގެންދަވާ އިރުގަ ބައެއް ފަހަރަށް އިއްޒަތްތެރި ބައެއް މެމްބަރުންނަށް، އެ ބޭފުޅުންނަކީ ދީނީ އިލްމުވެރިން ކަމުގައި ނުވާތީވެ، ރަނގަޅަށް ވިދާޅުވެސް ނުވެވޭ" މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ، ކުރީއްސުރެންވެސް ފަށައިގެން ރައްޔިތުންގެ އެއްވެސް މަޖިލީހެއްގެ ރައީސަކު އެކަން އެހެން ކުރައްވަން (މަޖިލީހުގައި ޤުރުއާނުގެ އާޔަތްތައް ކިއުމަށް) ބާރުއަޅުއްވާފައި ނެތްކަމަށެވެ.

"އަޅުގަނޑު އަޑުއަހާ، އަޅުގަނޑަށް އަޑުއިވިފަ އޮންނަ ގޮތަކީ، އޮރިޔާން ހާލުގާހުރެ ޤުރުއާން ކިޔެވުން ރަނގަޅު ނޫންކަމަށް. އަޅުގަނޑު މީގެން މިދެކެނީ، އެބައޮތޭ ގަދަރުވެރި އިއްޒަޔްތެރި ގޮތެއް. ރިވެތި ގޮތެއްގައޭ މިކަން ކުރަނީ. ސިޔާސީ ބޭނުމެއްގަ ނުކުރާން" މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު

ބަނގުރަލުގެ ވާހަކައާ ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ، ބަނގުރާ ވިއްކުން އާންމުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދެއްކުމާއި ގުރުއާނުގެ ކަލިމަތައް ހިތުހުރި ގޮތަކަށް ކިޔުމާއި، މިއީ މުޅިން ދެ ވާހަކައެއް ކަމަށެވެ. އެ ދެވާހަކަ އެއްގޮތް ކުރީމާވެސް ހިތްޕުޅުހަމަޖެހިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީގުގެ ޖަލްސާއެއްގެ ބަހުސްގައި މަޖިލިސް މެމްބަރަކު ޤުރުއާނުގެ އާޔަތެއް ވިދާޅުވާން ފެށްޓެވުމުން، ރިޔާސަތުން މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު އެ މެމްބަރު ހުއްޓުވުމުން ގިނަ ބައެއްގެ ފާޑުކިއުން ރައީސް ނަޝީދަށް އަމާޒުވެގެންދިޔައެވެ.