ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރު ނިމުނުއިރު 15 ބިލެއް ފާސްކޮށްފައިވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ފަހު ޖަލްސާ ނިންމުމަށްފަހު މަޖިލީހުގެ ނިމިދިޔަ ދައުރުގެ ކުރު ހުލާސާއެއް އިއްވަވަމުން އިވާ ވިދާޅުވީ 3 ވަނަ ދައުރުގެ ޖަލްސާތަކުގައި ޖުމްލަ 89 ގަޑިއިރު މެމްބަރުން ހޭދަކުރި ކަމަށާއި އަދި ކޮމިޓީ ވަގުތުގައި މެމްބަރުން 330 ގަޑިއިރު ހޭދަކޮށްފައިވާ ކަމަށެވެ.

މި ދައުރުގައި 15 ބިލެއް މަޖިލީހުން ފާސްކޮށްފައިވާއިރު މަޖިލީހުގެ ރިޔާސަތުން ހުށަހެޅި 8 މައްސަލައެއްގެ އިތުރަށް ސަރުކާރުން ހުށަހެޅި 8 މައްސަލައެއް މަޖިލީހުން ނިންމާފައިވާ ކަމަށްވެސް އީވާ ވިދާޅުވިއެވެ.

އަދި އެހެނިހެން މައްސަލަތަކާ ގުޅޭ 14 ކަމެއް ކޮމިޓީތަކުންވެސް މި ދައުރުގައި ނިންމާފައިވާކަން ފާހަގަ ކުރައްވާ އީވާ ވިދާޅުވީ ވަޒީރުންނާއި ސުވާލުކުރުމުގައި 17 ސުވާލެއް ވަނީ ކޮށްފައި ކަމަށެވެ.

ފާސްކުރެވުނު މުހިންމު ބިލުތަކުގެތެރޭގައި ސަރުކާރުގެ ފަރާތުން ހުށަހެޅި ތައުލީމުގެ ބިލާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލުގެ އިތުރަށް ކުޑަކުދިންގެ އަދުލުގެ ގާނޫނު ބިލު އަދި އިންތިގާލީ އިންސާފުގެ ބިލު ހިމެނޭ."
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ

ކޮމެޓީތަކުން ކުރި މުހިންމު މަސައްކަތްތަކުގެ ތެރޭގައި ބޮޑު އިސްކަމެއްދީގެން ކުރި އެއް ކަމަކީ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ކަންކަމާއި ގުޅޭގޮތުން މެމްބަރުން ކުރި މަސައްކަތް ކަމަށާއި ދައުލަތުގެ ބަޖެޓުވެސް މިދައުރުގައި ވާނީ ފާސްކޮށްފައި ކަމަށް އީވާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ދެން ފަށާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ.