ކޮރަޕްޝަންގެ އަމަލުތަކަކީ ސިއްރިއްޔާތުގައި ހިންގާ އަމަލަކަށްވުމުން ކުށްވެރިން ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ގަވަރނެންސް މެނޭޖަރ އާހިދް ރަޝީދު ވިދާޅުވެއްޖެއެވެ.

ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ގަވަރނެންސް މެނޭޖަރ އާހިދް ރަޝީދު ވިދާޅުވީ ކޮރަޕްޝަންގެ މައްސަލައަކީ މުޅި ދުނިޔެއަށް ދިމާވެފައިވާ ވަބާއެއް ކަމަށާއި ކޮރަޕްޝަންގެ އަމަލުތަކަކީ ސިއްރިއްޔާތުގައި ހިންގާ އަމަލަކަށްވުމުން ކުށްވެރިން ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.

ޓެކްނޯލޮޖީގެ ދާއިރާއިން ދުނިޔެ ކުރިއަރައިގެން ދިޔުމާއެކު ކޮރަޕްޝަން ފަދަ މައްސަލަތަކަކީ އެކަން ކުރާ މީހުން ހޯދުމުގައި ހުރި ގޮންޖެހުމެއްކަން ފާހަގަކުރައްވާ އާހިދު ވިދާޅުވީ ގާނޫނީ އޮނިގަނޑުގައިވެސް ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

ނުހައްގު މުއްސަނދި ކަމަކީ ރާޢްޖޭގައި އަދި ކުށެއް ނޫން ކަމަށާއި ނުހައްގުން މުއްސަނދިވެފައިވާ މީހެއްގެ އަތުން އެ ފައިސާ ނުވަތަ މުދަލެއް އަނބުރާ ދައުލަތަށް ނަގާ ނަމަ އެ މީހެއް މުއްސަނދިވިގޮތެއް ސާބިތުކޮށްދޭންޖެހޭއިރު އެކަމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަަމަށްވެސް އާހިދް ވިދާޅުވިއެވެ.

އެހެންނަމަވެސް ގާނޫނުލްއުގޫބާތަށް ގެންނަން ހުށަހަޅާފައިވާ އިސްލާހާއި އެކު އެގޮތަށް ފާސްވެއްޖެނަމަ އޭނާ ކުރި ކުށް ފުރތަމަ ސާބިތުކޮށްދޭން ނުޖެހޭނެ. ހަމައެކަނި ޖެހޭނީ ނުބައްދަލު މުއްސަނދިކަން އެ މީހެއްގެ އަތުގައި އޮތްކަން ސާބިތުކޮށްދޭން. "
ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ގަވަރނެންސް މެނޭޖަރ އާހިދް ރަޝީދު

ރާޢްޖޭގެ މަނީ ލޯންޑްރިންގ ހަލާތަށް އަލިއަޅުއްވާ ވާހަކަ ދައްކަވަމުން އާހިދް ވިދާޅުވީ ބައިނަލްއަގްވާމީ ޖަމްއިއްޔާއަކުން އަހަރަކު އެއް ފަހަރު ނެރޭ ފައިނެންޝިއަލް ސީކްރެޓް އިންޑެކްސްއަށް ބަލާއިރު އޭގައި ހުރީ ވަރަށް ކަންބޮޑުވާ ނަތީޖާތަކެއް ކަމަށާއި އެގޮތުން ފައިނެންޝިއަލް ސީކްރެޓް ބައިގައި މުޅި ދުނިޔެއިން އެންމެ ކުރީގަ އޮތީ ރާއްޖޭ ކަމަށް އާހިދް ވިދާޅުވިއެވެ.

ރާއްޖޭގައި އަދިވެސް މާލީ ބަޔާން ހުށަހެޅުމުގެ އޮނިގަނޑެއް ނެތް ކަމަށާއި ނަމަވެސް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަމިއްލަ އިސްނެގުމާއެކު މެމްބަރުންގެ މާލީ ބަޔާން ހުށަހެޅި ނަމަވެސް ގާނޫނީ އޮނިގަނޑަކުން މާލީ ބަޔާން ހުށަހެޅުމުގެ ކަންކަމެއް ރާޢްޖޭގައި މަގުފަހިވެފައި ނުވާ ކަމަށް އާހިދް ވިދާޅުވިއެވެ.

މި ސަރުކާރު އައުމަށް ފަހު ފުރަތަމަ އަހަރު ރައީސުލްޖުމްހޫރިއްޔާ އަދި ކެބިނެޓްގެ މިނިސްޓަރުންގެ މާލީ ބަޔާން ވެބްސައިޓްގަ ޝާޢިއުކުރި. އެހެންނަމަވެސް އޭތި އަޕްޑޭޓްވާ ތަނެއް ނުފެނޭ. އަޅުގަނޑުމެންނަކަށް ދެން ހުރި ފަރާތްތަކުގެ މާލީ ބަޔާން ފެންނަ ގޮތެއްނުވޭ. މީގެ ކުރިން މާލީ ބަޔާން ހުށަހެޅި ކޮންބައެއްތޯ އެހުމުން އެއަށްވެސް ޖަވާބެއް ނުދެވޭ. އެހެންވީމަ އެ ސިއްރިއްޔާތު އެކަމުގަ ވަރަށް ބޮޑު."
ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ގަވަރނެންސް މެނޭޖަރ އާހިދް ރަޝީދު

ކޮރަޕްޝަންގެ ކުށްތަކަކީ ޖިނާއީ އެހެން ކުށްތަކާ އަޅާބަލާފަ ހުއްޓުވަން ވަރަށް އުނދަގޫ ކުށްތަކެއް ކަމަށާއި ކޮރަޕްޝަންގެ އަމަލުތަކަކީ ދެ ފަރާތައް ގުޅިގެން ފައިދާވާ ގޮތަށް ފޮރުވިގެން ހެކި ނައްތާލައިގެން ކުރާ އަމަލެއް ކަމަށްވެސް އާހިދް ވިދާޅުވިއެވެ.

ދުނިޔޭގެ ކޮރަޕްޝަން މަދު ގައުމުތަކުން އެކަން ކޮށްފައިހުރީ ނުފޫޒުގަދަ ސިޔާސީ ފަރާތްތައް ކޮރަޕްޝަން ހުއްޓުވަން ކުރީ ސަފަށް ނިކުމެގެން ކަމަށާއި ކޮރަޕްޝަންް ހުއްޓުވުމުގައި ދުނިޔޭގެ ބައެއް ގައުމުތަކުން ކާމިޔާބު ހޯދާފައިވާ ކަމަށާއި ރާއްޖެވެސް އަދި އެ ކާމިޔާބާ ހަމައަށް ވާސިލްވާނެ ކަމަށްވެސް އާހިދް ވިދާޅުވިއެވެ.