ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުޅިވަރު ކުޅުމުގެ ފުރުސަތުތައް އިތުރުކުރުމަށް ޚާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ސްޕެޝަލް އޮލިމްޕިކްސް ކޮމިޓީ އަދި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުޅިވަރު ކުޅުމުގެ ފުރުސަތުތައް އިތުރުކުރުމަށް ފަށާފައިވާ ހާއްސަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި، ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިތުރުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމް އިފްތިތާހުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މަހްލޫފް ވަނީ މިފަދަ ފުރުސަތެއް ހުޅުވާލެވުމާއެކު ވީހާވެސް ގިނަ ބައެއްގެ ތަރުހީބު މި ޕްރޮގްރާމަށް ލިބިގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މަހުލޫފް ވިޑާޅުވީ ކޮވިޑް-19 ގެ މިހާލަތާއި ގުޅިގެން މިވަގުތު މަސައްކަތް ފަށަން ޖެހިފައިވަނީ މާލޭ ސަރަހައްދުގައި ކަމަށާއި، ޖާގަ ލިބެމުންދާ މިންވަރަކުން އަތޮޅު ތެރެއަށް ވެސް މި ހަރަކާތް ފުޅާކުރަމުންދާނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ. މި ޕްރޮގްރާމަށް އެއްވެސް ފައިސާއެއް ނުނަގާނެ ކަމަށާއި މިކަން ކުރުމަށް މިނިސްޓްރީގެ ފަރާތުން ފުރިހަމަ އެއްބާރުލުމެއް ލިބިގެންދާނެ ކަމަށް މަހުލޫފް ވަނީ ވިދާޅުވެފައެވެ.މައިގަނޑު ހަތަރު ކުޅިވަރެއް މިވަގުތަށް އޮތް ނަމަވެސް އެހެން ކުޅިވަރުތައް ކުޅެން އެދޭ ކުދިންނަށް ވެސް އެ ފުރުސަތު ހޯދައިދެވޭނެ ކަމަށް ވެސް މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ.

މިއަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މި ޕްރޮގްރާމްގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފޯމު ޔޫތު އެކަމަޑޭޝަން ބްލޮކްގައި ހުންނަ ސްޕެޝަލް އޮލިމްޕިކް ކޮމިޓީގެ އޮފީހުންނާއި، އޮންލައިންކޮށްވެސް ފޯމު ލިބެން ހުންނާނެކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ. މި ޕްރޮގްރާމްގައި ރަޖިސްޓްރީވާ ކުދިންގެ ޕްރެކްޓިސްތައް ފެށުމަށް ހަމަޖެހިފައިވަނީ އެޗްޕީއޭގެ ހުއްދަ ލިބުމާއެކު އެޗްޕީއޭއިން ކަނޑައަޅާ ގައިޑްލައިންތަކެއްގެ ދަށުން ކަމަށްވެސް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ.