ޭ2019 ވަނަ އަހަރުގެ އެންމެ އުންމީދީ ނޫސްވެރިޔަކަށް ސަން އޮންލައިންގެ މުހަންމަދު މުޒައްޔަން ނާޒިމް ހޮވައިފިއެވެ.

މިދިޔަ އަހަރުގެ އެންމެ އުންމީދީ ނޫސްވެރިޔާ ހޮވައި، އިނާމު ދިނުން އޮތީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ 2019 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާގައެވެ.

ޓީވީއެމްގެ ސްޓޫޑިއޯގައި މިރޭ ބޭއްވި މި ހަފްލާގައި، ނޫސްވެރިކަމުގެ އިނާމު ދިނުމަށް ކަނޑައަޅާފައިވާ އެކި ދާއިރާތަކަށް ވާދަކުރި ނޫސްވެރިންގެ ތެރެއިން އިނާމު ލިބުނު ފަރާތްތައް އިޢްލާންކޮށް އިނާމާއި ހަނދާނީ ފިލާ ހަވާލުކޮށްފައި ވެއެވެ.

2019 ވަނަ އަހަރުގެ އެންމެ އުންމީދީ ނޫސްވެރިޔަރަށް ސަން އޮންލައިންގެ މުހަންމަދު މުޒައްޔިން ނާޒިމް ހޮވިއިރު، ޕްރިންޓް/އޮންލައިން ކެޓެގަރީން ތަހްގީގީ ނޫސްވެރިކަމުގެ ދާއިރާގެ އިނާމު ލިބުނީވެސް މުހަންމަދު މުޒައްޔިން ނާޒިމްއަށެވެ.

ޕްރިންޓް/އޮންލައިންގެ އިޖުތިމާއީ، ތާރީޚާއި ޘަގާފަތް، ފަންނުވެރިކަމުގެ ދާއިރާއިން އިނާމް ލިބުނީ ސަން އޮންލައިންގެ ޝަފްނާ ހުސައިންއަށެވެ. ސިޔާސީ ދާއިރާގެ އިނާމް ލިބުނީ އަވަސް އޮންލައިންގެ މުހަންމަދު ވިޝާމްއަށެވެ.

ޝަރުއީ އަދި ގާނޫނީ ދާއިރާގެ އިނާމް މިހާރު ނޫހުގެ މުއިއްޒު އިބްރާހިމްއަށް ލިބުނުއިރު، ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ އިނާމް ލިބުނީ އަވަސް އޮންލައިންގެ އީމާން އަންވަރުއަށެވެ.

ކުޅިވަރުގެ ދާއިރާގެ އިނާމް މިހާރު ނޫހުގެ މުހަންމަދު ހަމްދޫންއަށް ލިބުނުއިރު، ޕްރިންޓް/އޮންލައިން ކެޓެގަރީން ފީޗަރ އާޓިކަލްގެ އިނާމްވެސް ލިބުނީ އޭނާއަށެވެ.

ވިޔަފާރިއާއި އިގްތިސާދުގެ ދާއިރާގެ އިނާމް ލިބުނީ އަވަސް އޮންލައިންގެ މުހަންމަދު އަފްރާހްއަށެވެ.

ބްރޯޑްކާސްޓިންގ ކެޓެގަރީން ވިޔަފާރިއާއި އިގްތިސާދުގެ ދާއިރާގެ އިނާމް ލިބުނީ ރާއްޖެ ޓީވީގެ ސިމާހާ ނަސީމްއަށެވެ.

ބްރޯޑްކާސްޓިން ކެޓެގަރީގެ ފީޗަރ ރިޕޯޓްގެ އިނާމް ވީޓީވީގެ ޝުރުފާ މުހަންމަދުއަށް ލިބުނުއިރު، ވީޑިއޯ ޖާނަލިޒަމްގެ ދާއިރާގެ އިނާމުވެސް ލިބުނީ ޝުރުފާ މުހަންމަދުއަށެވެ.

ފޮޓޯ ޖާނަލިޒަމްގެ ދާއިރާގެ އިނާމް ލިބުނީ މިހާރު ނޫހުގެ ނިޝާން އަލީއަށެވެ.

މީގެ ހަފްލާގައި، ވީނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ ރިޟްވާންގެ ހަނދާނުގައި މޯލްޑިވްސް މީޑިއާ ކައުންސިލުން ރިޟްވާންގެ އާއިލާއަށް ޚާއްސަ ފިލައެއް ދީފައި ވެއެވެ. މި ފިލައާ ހަވާލުވީ ރިޟްވާންގެ ދައްތަ ޝެހެނާޒްއެވެ.

މިފިލާ އާއިލާއާ ހަވާލުކުރުމުގެ ކުރިން ރިޟްވާންގެ ހަޔާތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ހަފްލާގައި ދައްކާފައި ވެއެވެ.