ކޮވިޑުގެ ދުވަސްވަރާ ގުޅިގެން ދައުލަތުގެ އެކި އިދާރާތަކުން ޚިދުމަތާއި ތަކެތި ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް ޖުމްލަ 34 ޝަކުވާއެއް އެންޓި ކޮރަޕްޝަން ކޮމިޝަން ( އޭސީސީ ) އަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަންގެ ރައީސް މަރްޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.
މި އަަހަރުގެ ބައިނަލްއަގްވާމި އެންޓި-ކޮރަޕްޝަން ދުވަހާއި ގުޅިގެން އޭސީސީގެ ރައީސް ދެއްވި ޚިތާބުގައި ވަނީ ކޮވިޑުގެ ދުވަސްވަރާއި ގުޅިގެން ދައުލަތުގެ އެކި އިދާރާތަކުން ޚިދުމަތާއި ތަކެތި ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް ޖުމްލަ 34 ޝަކުވާއެއް އޭސީސީއަށް ހުށަހެޅިފައިވާ ކަމަށެވެ.
ސިއްހީ ބޮޑު ބަލިމަޑުކަމެއްގެ ތެރެއިން ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ފަރާޓްތަކުގެ ވިސްނުމަކީ މިފަދަ ހާލަތެއްގެ ނާޖާއިޒު ފައިދާ ނަގައި، ނުހައްގު މުއްސަނދިކަމެއް ހޯދުންކަމަށް ދެކޭނަމަ ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭނެކަން އެފަދަ ފަރާތްތަކުންވެސް ހަނދާންކުރަންޖެހޭ ކަމަށްވެސް ޙިތާބުގައިވެއެވެ.
ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ސިއްހީ ދާއިރާއަށް ބިލިއަނުން އިންވެސްޓްމަންޓްތައް ކުރަމުންދާއިރު ހާލަތުގެ ގޮތުން އިމަރޖެންސީ ޕްރޮކިއުމެންޓް މަރުހަލާއެއް ކުރިމަތިވުމަކީ ކޮރަޕްޝަނަށް ހުޅުވިގެންދާ އިތުރު ފުރުސަތެއްކަމުގައި ދެކޭ ކަމަށްވެސް ޝިއުނާ ވިދާޅުވިއެވެ.
ކޮރަޕްޝަނަކީ ވަކި ދާއިރާއެއް ނުވަތަ ވަކި ފަންތިއެއް އިސްތިސްނާވުމެއްނެތި ތަހައްމަލް ކުރަންޖެހިފައިވާ ނުރައްކާތެރި ވަބާއެއްކަން ފާހަގަކުރައްވާ ޝިއުނާ ވިދާޅުވީ ކޮރަޕްޝަނުގެ އަމަލުތަކުގެ ސަބަބުން ގައުމު ތަރައްގީކުރުމަށާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހުރަސްއެޅޭ އިރު އެކަމުގެ ސަބަބުން އެތައް ފައިސާއެއް ދައުލަތަށް ގެއްލިގެންދާ ކަމަށެވެ.
އަދި މިއަދުގެ ހާލަތަށް ބަލާއިރު ގައުމަށް މިވަނީ އެގޮތަށް ގެއްލިގެންގޮސްފައިވާ ފައިސާއަށް ނުހަނު ބޭނުންޖެހިފައި ކަމަށާއި އިގްތިސާދު ހަމަ މަގަށް އެޅުވުމަށާއި ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށާއި، ރައްޔިތުންނަށްބޭނުންވާ އަސާސީ ޚިދުމަތްތައް ދިނުން ފަދަ މުހިންމު އެތައްކަމަކަށް ބޮޑެތި ހޭދަތައް ކުރަންޖެހިފައިވާ މިފަދަ ދަނޑިވަޅެއްގައި ތަފާތު އެކި ނަންނަމުގައި ދުރާލާ ރޭވިގެން ހިންގާފައިވާ ކޮރަޕްޝަނުގެ އަމަލުތަކުގެ ސަބަބުން އެތައް ފައިސާއެއް ގެއްލިގެން ގޮސްފައިވާކަމާމެދު މިއަދު ވިސްނާ ފިކުރުކުރަންޖެހޭ ކަމަށްވެސް ޝިއުނާ ވިދާޅުވިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ، ލާމަރުކަޒީ އުސޫލުން ގައުމުގެ ކަންކަން ހިންގައި ބެލެހެއްޓުމަށްޓަކައި ރައްޔިތުންނަށް ވަރަށް މުހިންމު އިންތިޚާބެއްކަން ފާހަގަކުރައްވާ ޝިއުނާ ވަނީ އެފަދަ މުހިންމު އިންތިޚާބެއްގައި ތިމާގެ އިންތިޚާބީ ހައްގު، ނަޒާހަތްތެރިކަމާއެކު އަދާކުރަންޖެހޭކަން ހަނދާންކޮށްދެއްވާފައެވެ.
ކޮންމެ މުޖުތަމައެއްގައި ވެސް އެތަނެއްގެ ކަންކަން ނިންމުމަށްޓަކައި ރައްޔިތުންގެ ފަރާތުން ބަސް ބުނާނެ މަންދޫބުން އިންތިޚާބުކުރުމަށް ވޯޓު ދިނުމުގެ އަސާސީ ހައްގުގެ ހަގީގީ ފައިދާ ރައްޔިތުންނަށް ފެންނަމުން ނުދަނީ ކީއްވެގެންކަމާމެދު ވިސްނާ މީހުން ވަރަށް މަދުކަމަށް އޭސީސީގެ ރައީސް ފާހަގަ ކުރެއްވިއެވެ. ވޯޓު ދިނުމުގައި ރިޝްވަތުގެ ހުތުރު އަމަލުތަކަށް ހުށަހެޅިގެން ދާ ދިއުމަކީ ވަރަށް ބޮޑު މައްސަލައެއްކަން ޝިއުނާ ފާހަގަކުރެއްވިއެވެ.
ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލުން ދާދި ފަހުން އާންމުކުރި ދިރާސާއަކާ ހަވާލާދެއްވައި އޭސީސީގެ ރައީސް ވިދާޅުވީ، އޭޝިއާގެ ގައުމުތަކުގައި ކޮންމެ ހަތް މީހަކުން އެކަކީ ވޯޓު ދިނުމުގައި ރިޝްވަތުގެ މުއާމަލާތް ހިންގައިފައިވާ މީހެއްކަމަށާއި ރާއްޖެއަށް ބަލާއިރު ވޯޓުލާ މީހުންގެ ތެރެއިން 18 އިންސައްތަ މީހުންނަކީ ރިޝްވަތުގެ މުއާމަލާތް ހިންގާ މީހުން ކަމަށް ބުނެފައިވާ ކަމަށެވެ.