ނޫސްވެރިންނަށް އެމީހުންގެ ޒިންމާ އަދާކުރުމަށް ކުރިމަތިވާ ނުރައްކާތައް ކުޑަކުރުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެެވެ.

މިނިސްތަރ ޝާހިދު މިކަމަށް ގޮވައިލެއްވީ ވޯލްޑް ޕްރެސް ފްރީޑަމް ކޮންފަރެންސް 2020 ގެ ހަވާސާގައި ބޭއްވި ނޫސްވެރިންގެ ރައްކާތެރިކަމާ ބެހޭ ވަށްމޭޒު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ. މި ބައްދަލުވުމުައި ވާހަކަދައްކަވަމަުން މިނިސްޓަރ ޝާހިދު ވަނީ، ތަފާތު ހިޔާލުތަކާއި ގިނަ ފިކުރުތަކުގެ ސަބަބުން އެކަހެރިކަން އިތުރުވެފައިވާ ދުނިޔެއެއްގައި، ނޫސްވެރިކަމުގެ މިނިވަންކަން މުޖުތަމައުތައް ގުޅުވާލަދީ ބަދަހި ކުރުމަށް މުހިންމު ދައުރެއް އަދާ ކުރާކަން ފާހަގަކުރައްވާފައެވެ.

އެހެންނަމަވެސް ނޫސްވެރިން އެމީހުންގެ ޒިންމާ އަދާކުރުމުގައި ސަރުކާރުތައް ޒިންމާދާރުކޮށް، ޑިމޮކްރަސީގެ ހަރުދަނާ އުސޫލުތައް ނެގެހެއްޓުމަށް މަސައްކަތްކުރާއިރު ނޫސްވެރިންނަށް ކުރިމަތިވަމުންދާ ނުރައްކާތަކާމެދު މިނިސްޓަރ ޝާހިދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ކޮވިޑް-19ގެ ސަބަބުން ނޫސްވެރިންނަށާއި ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ނުރައްކާ ކުޑަކުރުމަށްވެސް މިނިސްޓަރ ޝާހިދު ގޮވާލެއްވިއެވެ.

ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ތާރީޚަށް އަލިއަޅުއްވާލައްވައި، 2018 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ދިވެހިރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ހުރަސްތައް ނައްތަވާލެއްވިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅުނު ފިޔަވަޅުތަކުގެ ތެރޭގައި އަބުރު ރައްކާތެރިކުރުމާ ޚިޔާލުފާޅުކުރުމުގެ ޤާނޫނު އުވާލުމާއި، މަރާލެވިފައިވާ އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަން އެކުލަވާލުމާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް އަލުން މެމްބަރުން އައްޔަން ކުރުން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދުނިޔޭގެ ތާރީޚުގެ ކޮންމެ ހިސާބެއްގައިވެސް، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އަސާސި ހައްޤެއް ގޮތުގައި ކަނޑައެޅިފައިވާ ކަމެއްކަމަށާއި، މިއަދު މި ހައްގުގެ ދިފާއުގައި އެންމެން އެކަތިގަނޑަކަށްވެގެން ތިބި ތިބުން ރަމްޒުކޮށްދެނީ، އިންސާނީ މުޖްތަމައަށް ކުރިމަތިވާ މިފަދަ ކޮންމެ މައްސަލެއްގެ ހައްލު ހޯދެން އޮތީ އެކުވެރިކަމާއި މަޝްވަރާގެ އުސޫލުގެ މަތިން ކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.