އަނިޔާ ހުއްޓުވުމަކީ ހަމައެކަނި އަންހެނުންގެ ޒިންމާއެއްގެ ގޮތުގައި ނުދެކުމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުހައްމަދު ދީދީ ގޮވާލައްވައިފިއެވެ.

މިނިސްޓަރ މިހެން ގޮވާލެއްވީ "ބައިނަލްއަގްވާމީ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ހިންގޭ 16 ދުވަހުގެ ކެމްޕޭނާއި ގުޅުވައިގެން ދެއްވި ޚާއްސަ މެސެޖުގައެވެ.

މިނިސްޓަރުގެ މެސެޖުގައި ވަނީ އަނިޔާ ހުއްޓުވުމަކީ ހަމައެކަނި އަންހެނުންގެ ޒިންމާއެއްގެ ގޮތުގައި ނުދެކި އެއީ އެންމެ ޒިންމާއެއްގެ ގޮތުގައި ދެކިގެން އެކަންހުއްޓުވަން މަސައްކަތް ކުރަންވާނެ ކަމަށެވެ.

އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ 5 ސަރަހައްދެއްގައި ވަގުތީ ހިޔާ ގާއިމްކުރުމުގެ މަސައްކަތްދަނީ ކުރަމުން ކަމަށާއި އަދި މިންތީގެ ހަމަހަމަކަން ގާއިމްކުރުމާއި އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި 2021 ވަނަ އަހަރުގެ ބަޖެޓުގައި ވާނީ ޚާއްސަ އަހަމިއްޔަތުކަމެއް ދީފައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަންހެނުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގަ އަންހެނުންނާއި އަންހެން ކުދިން އިންސާނީ ހައްގުތަކުން މަހުރޫމުނުކޮށް އެ ފަރާތްތަކަށް މިނިވަންކަމާއެކު ދިރިއުޅުމުގެ ފުރުސަތުލިބޭނެ ގޮތަކަށް އަމާން މުޖުތަމަޢުއެއް ބިނާ ކުރުމަކީ އަޅުގަނޑުމެންގެ އެންމެންގެ ޒިންމާއެއް."
ޖެންޑަރ މިނިސްޓަރ އާއިޝަތު މުހައްމަދު ދީދީ

އަނިޔާވެރިކަން ނެތް މުޖުތަމައެއް ބިނާ ކުރުމަށްޓަކައި އަންހެނުން ފިރިހެނުން އަދި އަންހެން ކުދިންނާއި ފިރިހެން ކުދިންގެ ދެމެދުގައި މިންތީގެ ހަމަހަމަކަން ގާއިމްކޮށް އާއިލާގެ ތެރޭގައި ހަމަކަމާ އަދުލުވެރިކަމާ، އިހްތިރާމް ކުރުމަށް ހިތްވަރުދެވޭ ވެއްޓެއް ގާއިމްކުރުމަކީވެސް ވަރަށް މުހިންމު ކަމެއް ކަމަށް ޖެންޑަރ މިނިސްޓަރ ވިދާޅުވިއެވެ.

އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ހިންގޭ 16 ދުވަހުގެ ކެމްޕޭނަކީ އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާ އާއި މެދު އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް މިފަދަ މައްސަލަތަކަކީ އިންސާނީ ހައްގުތަކުގެ މައްސަލަތަކެއްކަން ފާހަގަކުރުމަށް ކޮންމެ އަހަރެއްގައިވެސް ހިންގާ ކެމްޕެއިނެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި މި ކެމްޕެއިނަކީ ބައިނަލްއަގްވާމީ ފެންވަރުގަ އ.ދގެ ޖައްމިއްޔާތަކުންނާއި ދުނިޔޭގެ އެކިއެކި ގައުމުތަކުގެ ސަރުކާރުތަކުގެ އިތުރަށް އަމިއްލަ ޖަމިއްޔާތަކާއި އަދި އަމިއްލަ ފަރުދީ ހައިސިއްޔަތުން އަނިޔާ ހުއްޓުވުމަށްޓަކައި އަޑު އުފުލުމަށް ހިންގާ ކެމްޕެއިނެެކެވެ.

ގެވެށި އަނިޔާ އާ ދެކޮޅަށް، "ގެވެށި ގުޅުން" ނަމުގައި ހޭލުންތެރި ކުރުމުގެ ގައުމީ ކެމްޕެއިނެއް މިނިސްޓްރީން ކުރިއަށްގެންދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.