ޗައިނާގެ ބޭންކުތަކުން ސަރުކާރުން ނަގާފައިވާ ލޯނުތައް 2 އަހަރު ދުވަހަށް ފަސްކޮށް ދިނުމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެ ޓްވީޓުކުރެއްވީ ލޯންތަކާ ގުޅޭގޮތުން ޗައިނާގެ ސަފީރު ކުރެއްވި ޓްވީޓަަށް ރައްދުދެއްވައެވެ.

ރައީސް ނަޝީދު ވަނީ ޗައިނާގެ ލޯންތަކާ ގުޅޭގޮތުން، ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ދެއްވާ އިސްކަމަށް ޝުކުރު އަދާކުރައްވާ ރާއްޖެއާއި ޗައިނާއާ އޮތް ގުޅުމުގެ އަގު ވަޒަން ކުރައްވާފައެވެ.

ދަރަނީގެ މައްސަލައިގައި އެންމެފަހު ވަގުތާ ޖެހެންދެން މަޑުނުކޮށް މިމައްސަލައަށް ހައްލެއް ގެންނަން މަސައްކަތް ކުރެއްވުމަށްވެސް ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވަނީ ޗައިނާ ސަފީރަށް ގޮވާލައްވާފައެވެ.

ރާއްޖެއަށް އިތުރު 2 އަހަރުގެ ގްރޭސް ޕީރިއަޑެއް ބޭނުންވާ ކަމަށާއި އެހެންނޫނީ މި ލޯނުތައް އަނބުރާ ނުދެއްކޭނެ ކަމަށް ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައިވެއެވެ.

ޗައިނާއިން ނަގާފައިވާ ލޯނާ ގުޅޭގޮތުން ރައީސް ނަޝީދުގެ ފާޑުކިޔުންތައް އަމާޒުވާއިރު މިކަމާގުޅިގެން ރައީސް އޮފީހުން މީގެ ކުރިން ބުނެފައި ވަނީ ޗައިނާގެ ސަރުކާރުން ބައެއް ލޯނުތައް ދެއްކުން ފަސްކޮށްދީފައިވާ ކަމަށެވެ.

އަދި ޗައިނާއިން ފަސްކޮށްދީފައިވަނީ ޖީ20ގެ ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވްގެ ދަށުން ޗައިނާގެ ސަރުކާރުން ދޫކުރި ލޯނުތައް ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.