ދުނިޔޭގެ ބައެއް ޤައުމުތަކުގެ ޚަބަރުތަކަށް އަރަމުންދިޔަ ބިރުވެރި ސުރުޚީތައް ފަހަކަށް އައިސް ދަނީ ކުޑަވަމުންނެވެ. ފާހަގަ ކޮށްލެވުނު އަނެއް ކަމަކީ ކެންޔާގެ ޚަބަރު ވެބްސައިޓްތަކުން އެފަދަ އެއްވެސް ސުރުޚީއެއް ފާއިތުވި ހަފްތާގައި ފެނިގެން ނުދިއުމެވެ. އޭގެ ބަދަލުގައި ފެނުނު އެއް ސުރުޚީގައި އޮތީ "އެމެރިކާގައި 270 ހާސް މަރާއިއެކު 13 މިލިއަން މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް، އެކަމަކު ކެންޔާގައި ކޮވިޑް-19 ގެ ނުރައްކާ ބޮޑުކަމުން އެމެރިކާމީހުން އެޤައުމަށް ދަތުރުކުރުން މަނާ" މިހެންނެވެ.

އެފްރިކާއިން ކޮރޯނާވައިރަސް ޖެހިދާނެކަމަށް އެމެރިކާމީހުން ގަންނަނީ މާބޮޑު ބިރެއްކަމަށް ހީވުން އެއީ ކިހާ ހެއްވާ ކަމެއް ހެއްޔެވެ. 54 ޤައުމު ހިމެނޭ އެފްރިކާ ބައްރުގެ ހުރިހާ ޤައުމެއްގައި ކޮރޯނާ ވައިރަސް ޖެހިގެން ކޮންމެ ދުވަހަކު މީހުން މަރުވާ ޢަދަދު ފާއިތުވި 9 މަސްދުވަހު އެމެރިކާއަށްވުރެ މަދެވެ. މިހާރު އެމެރިކާގައި އެބަލީގެ ސަބަބުން އޮތް ބިރަށްވުރެ އެެތައް ގުނައެއް ކުޑަކަމަށް ދުނިޔޭގެ މީޑިއާތަކުން ބުނެފައިވެއެވެ.

އެމެރިކާއާއި ދުނިޔޭގެ ތަނަވަސް ޤައުމުތަކުން އަދި ތަރައްޤީވަމުން އަންނަ ގިނަ ޤައުމުތަކާއި ޚިލާފަށް ކެންޔާގައި ކޮވިޑް ޓެސްޓު ހެދެނީ އެވްރެޖްކޮށް މަދުންނެވެ. ކޮންމެ ދުވަހަކުވެސް ވަކި މިންވަރަކަށެވެ. އެހެން ނަމަވެސް އެ ޤައުމުގައި ކޮރޯނާ ވައިރަހުގެ ބިރު އޮތީ ދުނިޔޭގެ ޞިއްޙަތާއިބެހޭ ތަޖުރިބާކާރުންގެ އަންދާގެ ލަފަޔާ ގާތްވެސް ކުރާ ވަރެއްގައެއްނޫނެވެ.

ދުނިޔޭގެ އެހެން ހުރިހާ ހިސާބަކުން އަޑުއިވެމުންދަނީ ކޮވިޑް-19 ފެނުނު ދުވަސްކޮޅާއި އެއްފަދައިން އަނެއްކާވެސް ލޮކްޑައުންތަކާ މަރުތަކުގެ ވާހަކަތަކެވެ. ގިނަ ބައެއްގެ މެދުގައި ވަރަށް ބާރަސް އަނެއްކާވެސް ފެތުރިގަތް ކަމަށް ލިބެމުންދާ ރިޕޯރޓުތަކުގެ އަޑެވެ. ހޮސްޕިޓަލްތައްފުރި މީހުން މަރުވާ ނިސްބަތް މައްޗަށްދާ ވާހަކައެވެ. އެފްރިކާގެ މަދު ޤައުމުތަކަކުން ނޫނީ މިޚަބަރު އަޑެއް ނީވެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ދިރާސާތަކަށްބަލާއިރު އެފްރިކާގެ ގިނަ ޤައުމުތަކުގައި އިތުރު މަރުތައް ފެންނަނީ ފަރުވާ ކުޑަވުމާއި އަޅައިނުލެވި ދިއުމުގެ ސަބަބުން ކަމަށް ފާހަގަވެއެވެ. ނަމަވެސް މިއީ ކޮވިޑް-19 ގާ މަރުވާ މީހުން ކަަމަށް ކުރެވޭ ތުހުމަތުތައް ނުވަތަ ލަފާތައް ކުޑަވެގެންދާ ކަމެކެވެ.

އެފްރިކާގައި ކޮވިޑް ފެތރެމުންދިޔަ ނިސްބަތް

އެފްރިކާގެ ގިނަ ޤައުމުތަކުން ލިބޭ މަޢުލޫމާތުތަކާއި ތަފާސްހިސާބުތައް މަދެވެ. މީސްމީހުންގެ ފަރާތުން ކުރެވިފައިވާ މުޠާލިޢާތަކުންވެސް އެކަން ފެންނަނީ އެގޮތަށެވެ. އެހެން ނަމަވެސް އިތުރު ދިރާސާތައް ހާމަވަމުންދިޔަ ވަރަކަށް ޢާންމު ޞިއްޙަތާބެހޭ ތަޖުރިބާރުންގެ ކަންބޮޑުވުންތައް ފެނެއެވެ. އަދި އެފްރިކާގައި ކޮވިޑް ކޭސްތައް މަދުކަމަށް ދައްކާ ގޮތާމެދު ޚިޔާލު ތަފާތުވެވަޑައިގަންނަވައެވެ. އަދި އޮޅުންބޮޅުންތައް ހުންނަކަމަށް ވިދާޅުވެއެވެ.

ކޮންގޯގެ އެޕިޑެމިއޮލޮޖިސްޓް ނުވަތަ ބަލިބައްޔާބެހޭ ތަޙުޤީޤުތައް ކުރައްވާ ޑަބްލިޔުއެޗްއޯގެ އެފްރިކާ އިމަރޖެންސީ ޕްރޮގްރާމް މެނޭޖަރު އެންގޯއީ އެންސެންގާ ވިދާޅުވީ ކަށަވަރު އެންމެ ޖަވާބަކުން އެކަން ސާފުކޮށް ނުދެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އެފްރިކާގައި ވަނީ ޒުވާން އާބާދީއެއް ކަމުގައެވެ. ފިނިހޫނުމިން އެއްވަރަކަށްވުރެ ހޫނު ވެފައި ގޭތެރޭގައި އުޅޭ ވަގުތު މަދު އަދި ދަތުރުފަތުރުވެސް މަދުވެފައިވާ ބައްރެއް ކަމުގައެވެ. އާންމު ޞިއްޙަތަށް ބަލާއިރު ފަލަމީހުން މަދުވެފައި ހަކުރުބަލިވެސް މަދުކަމުގައެވެ. ކޮރޯނާ ވައިރަސްގެ އެހެން ބަލިތަކާއި އެހެނިހެން ބަލިބަލީގެ ތެރެއިން ދިފާޢީ ބާރު ގަދަވެފައިވާ ބަޔަކު އުޅޭ ތަނެއް ކަމުގައެވެ. އެހެންވީމާ މިހުރިހާ ކަމެއް އެއްވެގެން ކޮވިޑް-19 ގެ އަސަރު ކުޑައީ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. ބްރެޒިލްފަދަ އެހެން ޤައުމުތަކާ އެފްރިކާ ތަފާތުކުރުވާ ސަބަބަކީ މިއީ ކަމަށްވީ ނަމަވެސް އެއް ސަބަބުތަކެއް ހުރިހާ ޤައުމަކުންވެސް ޙިއްޞާކުރެއެވެ. ނަމަވެސް އެވަރުގެ ބޮޑު ނުރައްކާތެރި ސަބަބަކަށް ނުވަނީ އިންސާނުން އެކަމުގެ މައްޗަށް ޣާފިލްނުވެ ތިބީތީ ކަމަށް އޭނާ ދެކިވަޑައިގަންނަވައެވެ.

ގާތްގަނޑަކަށް އެފްރިކާގެ ހުރިހާ ޤައުމުތަކަކުން މި ވަބާގެ ކުރީކޮޅު ސަރަޙައްދީ އިންތައް ބަންދުކޮށްލިއެވެ. ބައިނަލްއަޤުވާމީ ސަރަޙައްދީ ރޮނގު ބަންދުކޮށް ގިނަ ޤައުމުތައް ލޮކްޑައުނަށް ދިޔައެވެ. ބަލީގެ ފުރަަތަމަމީހާ ނުފެންނަނީސް ކުއްލި ޙާލަތު އިޢުލާންކޮށް އިޖުތިމާޢީ ޙަރަކާތްތައް މަނާކުރިއެވެ. މާސްކް އެޅުމާއި އިޖުތިމާޢީ ގައިދުރުކަންފަދަ ފިޔަވަޅުތައް އެޅުމަށް ލާޒިމްކޮށްފައި އޮތް ނަމަވެސް އެކަމަށް ވަރަށް ފަރުވާ ކުޑައެވެ. ނަމަވެސް އެފްރިކާގައި ބަލީގެ ޢަލާމާތްތަކުގެ ގުދު ރޮނގު ސީދާވެގެންދިއުމުގެ މައިގަނޑު ސަބަބަކީ ފިޔަވަޅުތައް ތަންފީޒުކުރުމާއެކު ރޯގާގެ ކުރީކޮޅުގައި އެކަށައެޅި ޤަވާޢިދުތަށް ކަމަށް އެންސެންގާއާއި އެހެން ތަޖުރިބާކާރުން އެއްބަސްވެވަޑައިގެންފައި ވެއެވެ.

އެ ފިޔަވަޅުތަކަކީ އިޤުތިޞާދަށް ސީދާ ގޮތެއްގައި ބޮޑު ގެއްލުންތަކެއް ލިބުނު ކަމެއް ކަމަށް ނުވިޔަސް އެފްރިކާގެ ޤައުމުތަކުގެ ސަރުކާރުތަކަށް ކޮންޓްރޯލްނުވާވަރުގެ ޙާލަތަކަށް ކޮވިޑް-19 ނުދިޔަ ކަމަށް މި ރިޕޯރޓުތަކުގައި ބުނެއެވެ. އެހެންވީމާ އެ މިންގަނޑުތައް ދަމަހައްޓަމުންދިޔައީ ކަމަށް ބުނެއެވެ. އެހެންވީމާ ގާނާއާއި ސެނެގޯލާއި ކެމަރޫން ފަދަ ޤައުމުތަކުން ފަރުވާދިނުމަށް ކަނޑައެޅި ބައެއް ޚާއްޞަ މަރުކަޒުތައް ބަންދުކުރިއެވެ. ސަބަބަކީ ދާއިމީ ގޮތެއްގައި ކެނޑިނޭޅި އަންނަ މީހުން ނެތުމާއި އެފަދަ ޚައްޞަ ފަރުވާއަށް ބޭނުން ނުވާތީ ކަމަށް ބުނެއެވެ.

ކެމަރޫންގެ ވެރިރަށް ޔައުންޑެއިގައި ތިއްބެވި އޮފިޝަލުން ވަނީ ބަލީގެ ނުރައްކާ އެންމެ ބޮޑުވެދާނެ ކަމަށް ބައްލަވައި ފުޓުބޯޅަދަނޑެއް ކަރަންޓީނު ފެސިލިޓީއަކަށް ހައްދަވައިފައެވެ. ނަމަވެސް މީގެ 3 މަސްދުވަސްކުރީން ކުޅިވަރުކުޅުންތެރީންވަނީ އެމީހުންގެ ބޭނުންމަށް އެތަން މިހާރު ނަގައިފައެވެ.

ކޮވިޑް ކަރަންޓީނަށް ނެގި ކެމަރޫންގެ ސްޓޭޑިއަމް

ސެނެގޯލުގައި ކޮވިޑް-19 އަށް ފަރުވާދޭ މަރުކަޒުގެ ޢަދަދު 23ން 14 އަށްވަނީ މަދުކޮށްލައިފައެވެ. ރެސްޓޯރެންޓުތައް ފުރިބާރުވެފައެވެ. އަދި މުނިއަވަސްފިވުމުގެ ހުރިހާ ކުޅިވަރުތަކެއް ބަރާބަރަށް ކުރިއަށް ގެންދެއެވެ. އެހެންނަމަވެސް ޞިއްޙަތާބެހޭ އޮފިޝަލުން ގެންދަވަނީ ބައްޔާމެދު ކުރައްވާ އިންޒާރުތައް ދަމަހައްޓަވަމުންނެވެ. އަދި ހޮސްޕިޓަލުތަކުގެ ބަލި އެނދުތަކަށް ގެންދެވޭ މީހުން ނެތަސް ބަލީގެ ނުރައްކާ ނިމުމަކާ ހިސާބަށްދިއުން އަދި އޮތީ ވަރަށް ދުރުގައި ކަމަަށް ވިދާޅުވެއެވެ.

އެފްރިކާގެ ސެންޓަރ ފޯރ ޑިޒީސް ކޮންޓްރޯލްގެ ޑިރެކްޓަރ ޖޯން އެންކެންގަސޯންގ ވިދާޅުވީ ޗުއްޓީގެ ދުވަސްވަރު ވެރިރަށުން އަވަށްތަކަށް ގިނަ ބަޔަކު ދަތުރުކުރުމުގެ އާދާކާދައެއް އޮތުމާއެކު އެކަން ވަރަށް ބޮޑުވާނެ ކަމުގައެވެ. ދުރު ހިސާބުތަކުގައިވާ ޢާއިލާތަކުގެ މީހުނާ ބައްދަލުކުރަން އެންމެންވެސް ދާނެއެވެ.

އެފްރިކާ ބައްރުގައި ޖުލައިމަހު އެންމެ މައްޗަށް އެރިއިރު ދުވަލާކު 14،000 ކޭސް ރިޕޯރޓްކުރިއިރު މިހާރުގެ އެވްރެޖަކީ 12 ހާހާއި 10 ހާހާއި ދެމެދުގެ ނިސްބަތެކެވެ. ސެނގޯލްގެ ޕޭސްޓިއަރ އިންސްޓިޓިއުޓްގެ ރެސްޕިރޭޓަރީ ވައިރަސް ޑައިގްނޯސްޓިކް ލެބޯރެޓަރީގެ ވެރިއާ އެންޑޮންގޯ ޑިއާ ވިދާޅުވީ މިވަބާގެ އެންމެބޮޑު އަސަރުކުރި އެފްރިކާގެ ޤައުމަކަށް ސެނެގޯލް ނުވިގޮތެއް ކަށަވަރުވެ ވަޑައިނުގެންނެވި ކަމުގައެވެ.

އެހެންނަމަވެސް ސެނެގޯލަކީ އެންމެ އަވަސް ފިޔަވަޅުތަކެއް އަޅައިގެން އެންމެންގެ ތަޢުރީފު ލިބުނު ޤައުމެވެ. ސަރަޙައްދީ ރޮނގު ބަންދުކުރުމާއި އެމެރިކާ މީހުން އެތައްދުވަހަކަށް އިންތިޒާރުކުރަމުންދިޔަ ކޮވިޑް ޓެސްުގެ ނަތީޖާ 4 ގަޑިއިރުން ދިނުމާއި ބަލީގެ ޢަލާމާތްތައް މަޑުޖެހެންދެން ކުއްލި ޙާލަތު ދެމެހެއްޓުން މީގެތެރޭގައި ހިމެނެއެވެ. ޑިއާ ވިދާޅުވީ ސެނެގޯލުގެ ނަޞީބަކީ އެޤައުމުގެ އާބާދީތައް އުފެދި ފެތުރިފައި އޮތް ނިޒާމު ކަމުގައެވެ. އުތުރު އެފްރިކާގެ ޤައުމުތަކާއި ޚިލާފަށް ޙާލުބޮޑު ބަލިމީޙުން ސެނެގޯލުގައި ވަރަށް މަދެވެ. ސަބަބަކީ ސެނެގޯލަށްވުރެ އުތުރު އެފްރިކާގެ ޤައުމުތަކުގައި ޢުމުރުންދުވަސްވީ މީހުން ގިނަވުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެފްރިކާގެ ސަބްސަހަރާ ޤައުމުތަކުގެ 60 އިންސައްތަ އާބާދީއަކީ ޢުމުރުން 25 އަހަރުން ދަށުގެ ޒުވާނުންނެވެ. އަދި 65 އަހަރުން މަތީގެ އާބާދީއަކީ އެންމެ 3 އިންސައްތައެވެ. މި ޢުމުރުފުރާއަކީ ކޮރޯނާވައިރަހުގެ ބަލިމީހުނާއި މަރުވާ މީހުން އެންމެ ގިނަ ޢުމުރެވެ.

އެހެންނަމަވެސް ދެކުނު އެފްރިކާއާއި އަލްޖަޒާއިރު އަދި މިޞްރާއި ތޫނިސްފަދަ ޤައުމުތަކުގެ އާބާދީގައި ޢުރުން 65 އަހރުން މަތީގެ އާބާދީ ވަރަށް ބޮޑެވެ. އަދި އެ ޤައުމުތަކުގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ނިސްބަތްވެސް މައްޗެވެ. މި 4 ޤައުމަކީ އެފްރިކާގައި ކޮރޯނާވައިރަސް ޖެހުނު މީހުންގެ ތެރެއިން 3 ބައިކުޅަ ދެބައި ޙިއްޞާކުރާ ޤައުމުތަކެވެ.

ޑަބްލިޔުއެޗްއޯއިން ފުރަތަމަ މަރުޙަލާގައި ކުރި ދިރާސާތައް ދައްކާގޮތުން އެފްރިކާގައި، ބަލީގެ ޢަލާމާތެއް ނުފެނި އެކަކަށް ދެފަހަރުވެސް ކޮރޯނާ ވައިރަސް ޖެހިފައިވުން އެކަށީގެންވެއެވެ. އަދި އެފްރިކާއިން ފެނުނު ބަލިމީހުންގެ 80 އިންސައްތަ މީހުންގެ ކިބައިން އެއްވެސް ޢަލާމާތެއް ފެނިފައެއް ނުވެއެވެ. މިއީ ދުނިޔޭގެ އެހެނިހެން ކަންކޮޅުތަކުގައި މިކަން ފެނިގެން ގޮސްފައިވާ ވަރަށްވުރެ މާމަތީ ނިސްބަތެކެވެ.

އެފްރިކާގެ ވައިރަހާއިބެހޭ ގިނަ ސައިންޓިސްޓުން ވިދާޅުވި ގޮތުގައި ޢާންމު އެއް ދިރާސާއަކަށްބަލާއިރު ޤަބޫލުކުރަންޖެހޭ ސަބަބުތަކެއް އެބަހުއްޓެވެ. އަދި އިތުރު ދިރާސާތަކެއްވެސް ބޭނުންވާކަމަށް އެބޭފުޅުން ދެކިވަޑައިގަންނަވައެވެ. އެއީ ބެލެވޭ ގޮތުގައި އެފްރިކާގައި ބަލީގެ ޢާލާމާތްނުފެނި ކޮވިޑް-19 ޖެހިފައިވުން ނުވަތަ ބައްޔަށް ހުށަހޮޅިގެންފައި ނުވުމުގެ ސަބަބަކީ އެހެން ބަލިތަކަށް އެމީހުންގެ ހަށިގަނޑުގެ ދިފާޢު ވަރުގަދަވުމެވެ. އަދި އެފްރިކާއަކީ ބަލިތައް ގިނަ ބައްރެއް ކަމުގައެވެ. ނުވަތަ އެމީހުންނަށާއި ދަރީންނަށް ވިހާތަނުންދެވޭ ވެކްސިންގެ ދައުރެއްވެސް އޮވެދާނެކަމުގައެވެ. އަދި އެއީ ނޮވެލް ކޮރޯނާ ވައިރަސްއާ ދެކޮޅަށް ކޮންމެވެސް ވަރެއްގެ ދިފާއެއް އެމީހުންގެ ހަށިގަނޑުގައި އުފައްދައިދޭ ސަބަބަށްވެދާނެ ކަމުގައެވެ.

ޑޮކްޓާރސް ވިތައުޓް ބޯރޑާރސްގެ ތަހުލީލުތައްކުރާ މަރުކަޒު، އެޕިސެންޓަރ އެފްރިކާގެ ސަރަޙައްދީ މަންދޫބު އަދި ކެމަރޫންގެ ސައިންޓިސްޓެއް ކަމަށްވާ ޔަޕް ބައުމް ވިދާޅުވީ އެފްރިކާ މީހުންނަކީ ވަރަށްގިނަ ބާވަތުގެ ފަނިފަކުސައާއި ޖަރާސީމުތަކުގެ ތެރޭގައި ދިރިއުޅޭ ބައެއް ކަމުގައެވެ. އެހެންވީމާ އެއީ އެމެރިކާއާއި ޔޫރަޕާއި އެހެން ސަރަޙައްދުތަކާ ތަފާތުވާ ސަބަބުކަމަށްވެސް ވެދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޑަބްލިޔުއެޗްއޯގެ އިމަރޖެންސީ ޕްރޮގްރާމްގެ މެނޭޖަރު އެންސެންގާ ވިދާޅުވީ އެފްރިކާގައި ބަލީގެ އަސަރުތައްކުޑަ ކަމަށް ފާހަގަވާ ގިނަ ސަބަބުތަކެއްގެ ދައުރެއް އޮތްއިރު ބައެއް ސަބަބުތަކަކީ ސުވާލެއްވެސް އުފެދޭނެކަމެއް ނޫން ކަމުގައެވެ.

އޭނާ ވިދާޅުވީ އެފްރިކާގައި އޮތީ ތަފާތު އެހެން ކޮރޯނާ ވައިރަހެއްގެ އަސަރު ނޫންކަމުގައެވެ. އަދި ލެބޯރެތަރީގެ ވިއުގަތައް އެފްރިކާ ބައްރުގައާއި ދުނިޔޭގައި އެބައޮތް ކަމުގައެވެ. އަދި ވަރަށް ގިނަ ތަންތަނުން ވައިރަހުގެ ދިރާސާ ކުރެވިފައިވާ ކަމުގައެވެ. އެހެން ނަމަވެސް ވައިރަހުގެ އަސަރުތަކުގެ ތަފާތުތަކެއް ފެނިފައި ނުވާކަމުގައި އޭނާ ވިދާޅުވިއެވެ.

ނައިރޯބީގެ މަގެއް

ވައިރަހުގެ ދިރާސާތަކުންވެސް އެވައިރަސް ޖެހޭމީހުން ހޯދުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ. އަދި އެފްރިކާގެ ވަރަށް މަދު ޤައުމަކުން ނޫނީ ކޮންޓެކްޓް ޓްރޭސިންގައި ކޮވިޑް-19 ގެ ބަލި މީހުން ނުފެނެއެވެ. އެހެން ނަމަވެސް ނައިޖީރިއާގައި ވަރަށް ގާތުން ބެލެވިގެން ކޮވިޑްޖެހޭ މީހުން އެއްތަނަކުން ބަލައިގެން ފިޔަވަޅުތައް އަޅައިފައިވެއެވެ. އަދި އެކަމުގެ ސަބަބުން ވައިރަސް ފެތުރެމުންދިޔަ ގޮތްތައް ބެލިފައިވެއެވެ.

ތަހުލީލުކުރާ ފަރާތްތަކުން ވަނީ މިބައްޔަށް ޕޮސިޓިވްވި މީހުންގެ ޑީއެންއޭ ސާމްޕަލް ނަގައިފައެވެ. އެ ތަހުލީލުތަކުގެ ނަތީޖާއިން ދައްކައިފައިވަނީ ނައިޖީރިއާއިން ފެނުނީ އެންމެ 13 މީހުން ކަމުގައެވެ. މި ދިރާސާއާއި ތަހުލީލުތަކަކީ ސައިންޓިސްޓުންނަށް ބަލިތަކުގެ ވަރަށްގިނަ މަޢުލޫމާތާއި ފެތުރުނު ގޮތްތަކުގެ ތަފްޞީލު ލިބުނު ކަމަކަށެވެ. އޭގެ ތެރޭގައި އެބޯލާއާއި ލައްސާ ހުން ހިމެނެއެވެ.

ނައިޖީރިއާގެ އެޑޭ އަވަށުގައި ހުންނަ އެފްރިކަން ސެންޓަރ އޮފް އެކްސެލެންސް ފޯރ ޖެނޯމިކްސް އޮފް އިންފެކްޝަސް ޑިޒީސްގެ ޑިރެކްޓަރ ކްރިސްޓިއަން ހާއްޕީ ވިދާޅުވީ އެފްރިކާގައި ބަލިމަޑުކަމާއި ވަބާތަކާ ކުރިމަތިލައިގެ އުޅޭތާ ޒަމާންތަކެއް ވެއްޖެ ކަމުގައެވެ. އެހެންވީމާ އެބާވަތުގެ ކަންކަން ތަޖުރިބާ ކޮށްފައިނުވާ ޤައުމުތަކާއި އެފްރިކާ މީހުން، ބަލިތަކާ ހަނގުރާމަކުރާގޮތް ވަރަށް ރަނގަޅަށް ދަސްކޮށްފައިވާނެ ކަމުގައެވެ.