މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމުގައި ރާއްޖެއިން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަރުވައިފިއެވެ.

އެމަނިކުފާނު މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ ޕެރިސް އެއްބަސްވުމަށް ފަސްވަނަ އަހަރުފުރުން ފާހަގަކުރުމަށް އ.ދ އިން އޮންލައިންކޮށް ބޭއްވި ކްލައިމެޓް އެމްބިޝަން ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ސަމިޓުގައި ވާހަކަފުޅުދައްކަވަމުން ރައިސް ވިދާޅުވީ ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ތަހަންމަލުކުރަންޖެހޭނެ ފަދަ ނާޒުކު ފައްތަރެއްގައިވާ ގައުމަކަށް ވުމާއެކު، ޖައްވަށް ބޭރުކުރާ ވިހަގޭސްތައް މަދުކުރުމުގައި ރާއްޖެއަކީ ނަމޫނާ މަސައްކަތްތަކެއްކުރާ ގައުމަކަށް ހެދުމަށް މަސައްކަތްކުރައްވާނެ ކަމުގައެވެ.

ދިވެހިރާއްޖެއިން އޮތީ މޫސުމީ ކަންކަމަށް އަންނަ ބަދަލުތައް ދެނެގަނެ އެކަން ކުޑަކުރުމަށް ކުރާ މަސައްކަތުގައި ކުރިމަތިވާނެ ދަތިތަކާއި ކުރިމަތިލުމަށް ފުރިހަމަ ތައްޔާރުވެގެންކަމުގައާއި، އަދި އެހެން ގައުމުތަކާއި ހިލާފަށް ރާއްޖެއަކީ މިހާރުވެސް މޫސުމީ ބަދަލުތަކުގެ ސަބަބުން ނޭދެވޭ އަސަރުތައް ކުރަމުންދާ ގައުމަކަށްވާތީ އެކަންކަން ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުއްވުމަށް ރާއްޖެއަށް ވަނީ މަޖުބޫވެފައިކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގައި މީހާރު ހުރި ވަސީލަތްތައް ބޭނުންކޮށްގެން 2030 ވަނަ އަހަރުގެ ނިޔަލަށް، ޖައްވު ހޫނުކުރާ ވިހަގޭސްތައް ރާއްޖޭގައި ބޭނުންކުރާ މިންވަރުގެ ހަތަރުބައިކުޅަ އެއްބައި ނައްތާލެވޭނެކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މިއީ ރަނގަޅު ފެށުމެއްކަމުގައި ދެކިގެން މުސްތަގުބަލުގައި މިއަށްވުރެ ބޮޑު ތަސައްވަރަކާއިއެކު މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ އަރުވާފައެވެ.

މީގެ އިތުރުން ބޭރުގެ ގައުމުތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިއްޖެނަމަ ރާއްޖެއަށް ގާތްގަނޑަކަށް 2030 ވަނަ އަހަރު "ނެޓް ޒީރޯ" އާއި ހަމައަށް ވާސިލުވެވިދާނެކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި މިފަދަ ލަނޑުދަނޑިއެއް ހާސިލުކުރާއިރު ބޭރުގެ ފަރާތްތަކުން މީގެ ކުރިން ރާއްޖެފަދަ ގައުމުތަކަށް ދިނުމަށް ކަނޑައަޅާފައިވާ ފަންނީ އަދި މާލީ އެހީތެރިކަން ބޭނުންވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި މަސައްކަތުގައި ދުނިޔެ ހޫނުވަމުންދާ މިންވަރު މައްޗަށް ނުގޮސް ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައި ހިފެހެއްޓުމަށް ހުރިހާ ގައުމަތައް ގުޅިގެން މަސައްކަތްކުރަންޖެހެކަންވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކްލައިމެޓް އެމްބިޝަން ސަމިޓަކީ މޫސުމީ ބަދަލުތައް ކުޑަކުރުމުގެ ގޮތުން ޖައްވަށް ބޭރުކުރާ ވިހަ ގޭސް މަދުކުރުމުގެ ގޮތުން، ގައުމުތަކުން ނިންމަވާފައިވާ މުހިންމު ނިންމެވުންތަކާއި އަދި މިކަމާ ގުޅޭގޮތުން އެކުލަވާލާފައިވާ މުސްތަގުބަލުގެ ތަސައްވުރުތައް އެއް ތަނެއްގައި ހިއްސާކުރުމަށް ފުރުސަތު ފަހިވެގެންދާނެ ސަމިޓެކެވެ. މި ސަމިޓަކީ އިނގިރޭސިވާލާތާއި، ފްރާންސް އަދި އ.ދ. އިން އިސްނަގައިގެން ޗިލީ އަދި އިޓަލީގެ ބައިވެރިވުމާއެކު ކުރިއަށް ގެންދާ ސަމިޓެކެވެ.

މި ސަމިޓް މަގުފައިވެގެންދާނީ ޔޫ.އެން ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ) އިން 2021 ވަނަ އަހަރުގެ ނޮވެންބަރު 1 އިން 12 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ދި ކޮންފަރެންސް އޮފް ދަ ޕަރޓީސް (ސީއޯޕީ) ގެ 26 ވަނަ ސެޝަނަށެވެ.