އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުންގެ ހައްގުތައް ނުގެއްލި، ދަރިވަރުންނަށް ކޯސް ފުރިހަމަ ކުރެވޭނެ ގޮތަށް ކަންކަން ތަރުތީބު ކުރުމަށް ޒިންމާވާންޖެހޭ ފަރާތްތައް ޒިންމާދާރު ކުރުވުމަށް މަޖިލީހުން މަސައްކަތް ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު އެދިވަޑައިގެންފިއެވެ.

މެމްބަރު އާދަމް ޝަރީފް މިކަމަށް އެދިވަޑައިގަތީ ފްލައިން ސްކޫލްގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކުރައްވާ އާދަމް ޝަރީފް އުމަރު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ފްލައިން ސްކޫލުގައި ދިވެހި ދަރިވަރުންނަށް ކޯސް ފުރިހަމަކުރުމަށް ތަފާތު މައްސަަލަތައް ކުރިމަތިވަމުންދާކަން އެކިގޮތްގޮތުން ފާހަގަކުރެވިފައިވާ ކަމަށާއި އޭގެ ތެރޭގައި 2 އަހަރުގެ ތެރޭގައި ނިންމަންޖެހޭ ކޯސްތައް އެމުއްދަތުގެ ތެރޭގައި ފުރިހަމަ ކުރެވޭ މިންވަރަށް ކިޔަވައިނުދޭކަން ފާހަގަކުރައްވާފައި ވެއެވެ.

މަގުބޫލު ސަބަބަކާއި ނުލައި ދަރިވަރުން އެ ސްކޫލުން ވަކިކުރަމުންދާކަން ފާހަގަކުރައްވާ އާދަމް ޝަރީފް މަޖިލީހަށް ފޮނުއްވި ސިޓީގައިވަނީ، ފްލައިން ސްކޫލްގައި ހިންގާ ކޯސްތަކަކީ ނުހަނު އަގުބޮޑު ކޯސްތަކަކަށްވާއިރު ޝެޑިއުލާ އެއްގޮތަށް ކޯހުގައި ކިޔަވައިނުދިނުމުގެ ސަބަބުން ބައެއް ދަރިވަރުން 4 އަހަރު ދުވަސް ހޭދަކުރަންޖެހޭ ކަމަށެވެ.

މިހެން ކަންތައް ކުރުމުން ސްޓޫޑެންޓް ލޯން ނަގައިގެން ކިޔަވަމުންދާ ދަރިވަރުންނަށް އިތުރު ގޮންޖެހުންތަކާއި މާލީ ދަތިތައް ކުރިމަތިވެ އެދަރިވަރުންގެ ބެލެނިވެރިން އުފުލަންޖެހޭ ދަތިތައް ގިނަ ކަމަށްވެސް ސިޓީގައިވެއެވެ.

އަދި ފްލައިން ސްކޫލުގެ ހާލަތު މިހާރު ހުރިގޮތުން ދަރިވަރުންނަށް އެތަނުގައި ކޯސް ފުރިހަމަކުރެވޭނެ ކަމުގެ އުއްމީދުވެސް ގެއްލިފައިވާ ކަމަށް ސިޓީގައި ވެއެވެ.

އެހެންކަމުން އައްޑޫ ފްލައިން ސްކޫލްގެ މައްސަލަތައް ގާތުން ބައްލަވައި، ދަރިވަރުންގެ ހައްގުތައް ނުގެއްލި، ދަރިވަރުންނަށް ކޯސް ފުރިހަމަ ކުރެވޭނެ ގޮތަށް ކަންކަން ތަރުތީބު ކުރުމަށް ޒިންމާވާންޖެހޭ ފަރާތްތައް ޒިންމާދާރު ކުރުވުމަށް މަޖިލީހުން މަސައްކަތް ކޮށްދިނުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ފޮނުއްވި ސިޓީގައި އެދިވަޑައި ގެންފައިވެއެވެ.