އަންނަ އަހަރުގެ މާރޗްމަހުގެ 6 ގައި ބާއްވަން ފަސްކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާގުޅޭ ގޮތުން ޚާއްޞަ ޤާނޫނެއްވަނީ ފާސްކޮށްފައެވެ.

މިޤާނޫނުގައިވާ ގޮތުން އެ އިންތިޚާބު ބާއްވަން ޖެހޭނީ އިންތިޚާބު ފުރަތަމަ އިޢުލާންކޮށް އޭގެފަހުން ފަސްކުރިއިރު ކުރިމަތިލައިފައިވާ ކެންޑިޑޭޓުންނަށް ނޫން ބަޔަކަށް ވޯޓު ނުލިބޭ ގޮތަށެވެ. މާނައަކީ އެނޫން ކެންޑިޑޭޓުންނަށް ކުރިމަތި ނުލެވޭ ގޮތަށެވެ. ނަމަވެސް ޙާލަތު ބަދަލު ކުރިމަތިވެދާނެ އެތައް ކަމެއް މިޤާނޫނުގައި ހިމަނައިފައެއް ނުވެއެވެ. އެހެންވީމާ ހުރިހާކަމެއް ކުރުމަށް ލަފަޔަކަށް އެދެންވެސް ދާން އޮންނާނީ ޝަރުޢީ ނިޒާމެވެ.

އަންނަ އަހަރުގެ މާރޗްމަހުގެ 6 ވަނަ ދުވަހާއި ހިސާބަށް އެއްއަހަރު ދުވަހުގެ ޤާނޫނީ ހުސްކަމެއްގެ ތެރެއަށް ގެނެސްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އިންޞާފުވެރިވެދާނެތޯ ސުވާލު ނުއުފެދޭނެ ސަބަބެއް ނެތެވެ.

ކޮވިޑް-19 އާއި ގުޅިގެން ފަސްކުރެވުނު މި އިންތިޚާބު ދެފަހަރެއްގެ މަތީން ފަސްކުރިފަހުން އިލެކްޝަންސް ކޮމިޝަންގެ އިޚްތިޞާޞްތަކުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކެއް ވަދެފައިވާކަމަށް ބެލެވެއެވެ.

މަޖިލީހުގެ އިމްތިޔާޒުތަކުގެ ތެރެއަށް މުސްތަޤިއްލު އިލެކްޝަންސް ކޮމިޝަން ވަދެފައިވާއިރު އެއްބާރުގެ ތެރެއަށް އަނެއްބާރަށް ނުފޫޒު ހިންގޭގޮތަށް ޤާނޫނުގައި ވަނީ ކަނޑައެޅިފައެވެ. އެހެންވީމާ އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު ބުނާގޮތުން މިފަދަ އިންތިޚާބެއް ބާއްވަން ލާޒިމްކުރާ މުއްދަތު ފަހަނަޅައިދާނަމަ އެ ކޮމިޝަނަށް ޖެހެނީ ކޯޓުގެ ބަހެއް ހޯދާށެވެ. އަދި އެބަހަކީ ޤާނޫނީ ބާރު ލިބިދޭ އިޖުރާޢަތުތަކެއްގެ ތެރެއިން ކަންކުރަންޖެހޭނެ ގޮތްތަކެކެވެ.

ދިވެހި ރާއްޖޭގެ ޤާނޫނުއަސާސީގެ 8 ވަނަ ބާބުގައި ލާމަރުކަޒީ އުޞޫލުން ދާއިރާތައް ހިންގުން ބަޔާންކުރާ ޤާނޫނު ނަމްބަރު 231 ގެ ހ، ށ، ފިޔަވައި ނޫނުގައި ބުނެފައިވަނީ ކައުންސިލެއްގެ ޢުމުރު 3 އަހަރަށްވުރެ ދިގުވެގެން ނުވާނެ ކަމުގައެވެ. އަދި ރ، ގައި ބަޔާންކޮށްފައިވަނީ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތައް އިންތިޚާބުކުރުމާއިބެހޭ ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރަންވާނެ ކަމަށެވެ.

މި ކައުންސިލްތައް އުފެދި ހިނގަމުންދާތާ މިހާރު 12 ވަރަކަށް އަހަރާއި ގާތްވަނީއެވެ. އެހެންވީމާ އެ ޤާނޫނުތައްވެސް އޮތީ ފާސްވެފައެވެ.

ނަމަވެސް ފާހަގަ ކޮށްލަން ޖެހެނީ މިމާއްދާގެ (ބ) އެވެ. ސަބަބަކީ އެ މާއްދާގައި ވަނީ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގެ އިންތިޚާބުތައް ހިންގައި ބަލަހައްޓަންވާނީ އިލެކްޝަންސް ކޮމިޝަނުން ކަމުގައި ބުނެފައި ވުމެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙުމަދު ޝަރީފް

ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވެފައިވަނީ އިންތިޚާބު ފަސްކުރުމުގެ ބާރު އެ ކޮމިޝަނަށް އޮވެގެން ނުވާނެ ކަމަށެވެ. ކޮމިޝަނަރ ޝަރީފްގެ މިވާހަކަފުޅު މުޅީން ދޮގެއްވެސް ކުރެވޭކަށްނެތެވެ. ސަބަބަކީ އިންތިޚާބު ފަސްކުރަން ޖެހުނީ މުޅި އިންސާނިއްޔަތު ނުރައްކަލެއްގެ ކުރިމައްޗަށް ހުށަހެޅި، ކުއްލި ޙާލަތެއް ކުރިމަތިވެގެންނެވެ. މިއިންތިޚާބަކީ ހުރިހާ ރައްޔިތުން އެއްދުވަހެއްގައި ނިކުމެ ވޯޓުލާން ގޮސްއުޅޭ ދުވަހެކެވެ. އެހެންވީމާ އެންމެންގެ ދުޅަހެޔޮ ޞިއްޙަތަށް ރައްކާތެރިވާން ޖެހޭނެއެވެ. އެހެން ނަމަވެސް އެއީ ޙާލަތު އުވިދިއުމުން އުވިދާގޮތަށް އޮންނަންޖެހޭ ޤާނޫނެއް ނުވަތަ ކަމަކަށް ވާންޖެހެއެވެ.

މިޙާލަތުގައި ރައްޔިތުން ނެރެގެން ވޯޓުލާންޖެހެނީ ހުއްދައެއް އޮވެގެންނެވެ. އެ ހުއްދަ ދޭންޖެހޭނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީންނެވެ. އަދި ވޯޓުލުމުގެ ތައްޔާރީތައް ކުރުމަށް ފުރުޞަތު ނުލިބޭހާ ހިސާބުން ހުއްދަ ލިބިއްޖެނަމަ އަނެއްކާވެސް އިންތިޚާބު ޖެހޭނީ ފަސްކުރާށެވެ. ނަމަވެސް އެހިސާބުން ކޯޓަށް ނުގޮސް އިލެކްޝަންސް ކޮމިޝަނަށް އިންތިޚާބު ފަސްކުރެވިދާނެތޯ އަދި ވޯޓުލާ ދުވަހެއް އިޢުލާން ކުރެވިދާނެތޯ ސުވާލެއް ނުކުރެވޭބާވައެވެ.

މިއިންތިޚާބަށް ވޯޓުލާ މީހުން އަނެއްކާވެސް ރީރެޖިސްޓްރީ ކުރަން ޖެހެއެވެ. އަދި އޭގެއިތުރުން އިންތިޚާބު އިޢުލާންކުރިއިރު ވޯޓުލުމުގެ ޙައްޤު ނެތް އެތައް ބަޔަކަށް ވޯޓުލުމުގެ ޙައްޤު ލިބެއެވެ. ނަމަވެސް އިންތިޚާބު އިޢުލާން ކޮށްގެން ކުރިމަތިލީ މީހުން ފިޔަވައި އެހެން ބަޔަކަށް ކެންޑިޑޭޓުންގެ ޙައްޤެއް ނުލިބެއެވެ.

މިއީ ޢަޖައިބެއްކަހަލަ ޤާނޫނީ އަރަތެކެވެ. އާބަޔަކަށް ވޯޓުލާން ހުއްދަ ލިބޭއިރު އިންތިޚާބު ފަސްކުރުމާއި ޙާލަތުގެ ގޮތުން އިންތިޚާބުގައި ވާދަ ނުކުރެވޭނެކަން އެނގިގެން ނަން އަނބުރާ ގެންދިޔަ މީހުނަށް ހަދަންޖެހޭ ގޮތެއް އަލަށް ފާސްކުރި ސަންސެޓް އިލެކްޝަން ޤާނޫނަކު ނެތެވެ.

އިންތިޚާބު ފަސްކޮށް އާތާރީޚެއް އިޢުލާންކުރި ދުވަހާއި ހިސާބަށް 18 އަހަރު ފުރޭ 5000 އަށްވުރެ ގިނަ ރައްޔިތުންނަށް އަލަށް ވޯޓުލުމުގެ ޙައްޤު ލިބޭއިރު އިންތިޚާބުން ނަން އަނބުރައި ގެންދެވި ކެންޑިޑޭޓުންގެ ބަދަލުގައި ނަންހުށަހެޅޭނެ އެއްވެސް ރައްޔިތެއް ނެތެވެ. އިންތިޚާބުގެ ޙައްޤެއް މިކަމުގައި އޮވޭތޯވެސް ބަލައިލަން ޖެހެއެވެ. ނޫނީ 4200 އާއި ގާތަށް ކެންޑިޑޭޓުން ކުރިމަތިލެއްވި ނަމަވެސް ނަން އަނބުރައި ގެންދެވި ބޭފުޅުން އޮޓޮމެޓިކުން އިންތިޚާބުގައި ވާދަކުރެވެނީ ތޯއެވެ. ނުވަތަ އެބޭފުޅުންގެ ނަންތައް ހިމެނޭގޮތަށް ވޯޓު ކަރުދާސް ހައްދަވައިފައިވަނީ ތޯއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރީން ވިދާޅުވެފައިވަނީ ވޯޓު ކަރުދާސް ޗާޕްކޮށްފައި ނުވާކަމަށެވެ. ނަމަވެސް އަލަށް ކެންޑިޑޭޓުންނަށް ކުރިމަތި ނުލެވޭނެކަމަށް ވިދާޅުވުމުގެ މާނައަކީ އެ ޗާޕު ނުކުރާ ކަރުދާސްތައް ކުރީން ޗާޕުވެފައި އޮތީމާ އަނެއްކާވެސް ޚަރަދުތަކުގެ ވާހަކަ ނިކުމެ ރައްޔިތުންގެ ފައިސާ ބޭކާރު ގޮތުގައި ހޭދަވީ ވާހަކައިން ރައްޔިތުންގެ އަނގަ ބަންދުކުރުންތޯއެވެ.

މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުވެސް އޮތީ ހަމަ މިއިންތިޚާބު އޮންނަ ދުވަހުއެވެ. އެއީވެސް ޚަރަދު ކުޑަކުރުމުގެ ގޮތުން ކުރިކަމެއް ނޫންތޯއެވެ. އަދި ކައުންސިލްތަކުގެ އިންސައްތައެއް އަންހެނުންނަށް އެކަނި ޚާއްޞަ ކޮށްފައިވާއިރު އަންހެނުންނަށް ޚާއްޞަ އެހެން އިންތިޚާބެއްވެސް މިއޮތީ އެކުއެކީގައެވެ. މިއީވެސް ޚިޔާލުތަފާތުވުންތައް އޮތް މައްސަލައެކެވެ. ބައެއް ފަރާތްތަކުން ޤަނޫނީ ޙުއްޖަތްތަކާމެދުވެސް ސުވާލު އުފައްދަވައިފައިވާ މައްސަލައެކެވެ.

އިލެކްޝަންސް ކޮމިޝަނުން އިންތިޚާބު ފަސްކުރުމުގެ ހުއްދަ ހޯދުމަށް ކޯޓަށް ދިއުމުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވަނީ އެކަމާ ނުރުހުން ފާޅުކުރައްވައިފައެވެ. އަދި އިލެކްޝަންސް ކޮމިޝަން ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ޙާޒިރު ކޮށްފައެވެ. އަދި ސުޕްރީމް ކޯޓަށް ގޮސްގެން އެމައްސަލަ ޙައްލު ނުކުރެވޭނެ ކަމަށާއި އެކަން ކުރެވޭނީ ހަމައެކަނި މަޖިލީހަށްކަމަށް ބައެއް މެމްބަރުން ވިދާޅުވަމުން ގެންދެވިއެވެ.

ރާއްޖޭގެ ނިޒާމު އެކުލެވިފައިވާ ގޮތާއި ރައްޔިތުންގެ ބާރު އޮންނަ ދުސްތޫރީ މައްސަލަތައް ބެލުން އޮންނަނީ ސުޕްރީމް ކޯޓަށެވެ. އެއާއިއެކު އިންތިޚާބު ފަސްކުރުމާއި ޤާނޫނު ޞަޙަތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ބާރު ލިބިދެނީ ސުޕްރީމް ކޯޓަށެވެ. އެހެންވީމާ އެއީ ޤާނޫނު ހަދަން ކޯޓަށްދިއުން ކަމަކަށް ޤަބޫލެއް ނުކުރެވެ. ސަބަބަކީ ސުޕްރީމް ކޯޓަކީ ދައުލަތުގެ އިދާރާތަކުން ނިންމާ ޤާނޫނާއި ގުޅުންހުރި ނިންމުންތައް ޞައްޙަތޯ ކަނޑައަޅަންޖެހޭ ކޮންމެ ޙާލަތެއްގައި ގޮތް ނިންމުމުގެ ބާރު އޮންނަ ތަނަކަށްވުމެވެ. އަދި ދައުލަތުގެ އިދާރާތަކަށް އިވިގެންނުދާ ރައްޔިތުންގެ އަޑުއަހާތަނަކީ ކޯޓުތައްކަމަށް ރައްޔިތުން ޤަބޫލުވެސް ކުރާތީއެވެ. އަދި އެއީ އިންޞާފު ހޯދައިދޭނެތަންކަމަށް ރައްޔިތުން ޤަބޫލުކުރާތީއެވެ.

މިހިސާބުން އުފެދޭ ސުވާލަކީ މިއިންތިޚާބުގައި ވާދަކުރާ ފަރާތްތަކާއި ވޯޓުލާ ފަރާތްތަކާއި ހަމަހަމަ ނުވާނަމަ އިންތިޚާބު އިންޞާފުވެރިވެދާނެތޯ ކުރެވޭ ސުވާލެވެ.