ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހަންމަދު މުސްތަފާ، ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްއާ ގުޅޭގޮތުން ކުރެއްވި ތުހުމަތު، ގާސިމް އިބްރާހިމް ދޮގު ކުރައްވައިފިއެވެ.

ގާސިމް އިބްރާހިމްއާ ގުޅޭގޮތުން މުސްތަފާ އިއްޔެ ކުރެއްވި ޓްވީޓަށް ޖަވާބު ދެއްވައި، ގާސިމް އިބްރާހިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެމަނިކުފާނާ ބެހޭގޮތުން މުހަންމަދު މުސްތަފާ ކޮށްފައިވާ ޓްވީޓްގައިވަނީ ކަނޑައެޅިގެން ބޮޑު ދޮގު ވާހަކަތަކެއް ކަމަށެވެ.

މުސްތަފާގެ ޓްވީޓްގައި ދައްކާފައިވާ ވާހަކަތަކަކީ އެއްވެސް މިންވަރެއްގެ ހަގީގަތެއްނެތް ބުހުތާނު ދޮގު ވާހަކަތަކެއް ކަމަށްވެސް ގާސިމް ވިދާޅުވެފައި ވެއެވެ.

"މުހަންމަދު މުސްތަފާ އަޅުގނޑޭ ކިޔައިގެން ޓްވީޓްކޮށްފައިވަނީ ބޮޑު ދޮގު ވާހަކަތަކެއް، އެއްވެސް ވަރެއްގެ ހަގީގަތެއްނެތް ބުހުތާނު ދޮގު ވާހަކަ. މިފަދަ ނުބައި މީހުންގެ ދޮގު ވާހަކަތަކުން މުޅި އިންސާނިއްޔަތު ސަލާމަތް ކުރައްވާށި - އާމީން"
ގާސިމް އިބްރާހިމް

ގާސިމްގެ ޓްވީޓަށް ޖަވާބު ދެއްވި ގިނަ ފަރާތްތަކުންވަނީ މުސްތަފާއަށް ވަރަށް ބޮޑެތި ފާޑުކިއުންތައް އަމާޒުކޮށްފައެވެ. އަދި މުސްތަފާއަކީ މަކަރުވެރި ހީލަތްތެރި ދޮގުވެރިއެއް ކަމަށާއި، އޭނާއަކީ ސިޔާސީގޮތުން މިހާރު އެއްވެސް ބުރަދަނެއްހުރި މީހެއް ނޫންކަމަށްވެސް ބުނެފައި ވެއެވެ.

ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހަންމަދު މުސްތަފާ އިއްޔެ ކުރެއްވި ޓްވީޓްގައި ބުނެފައިވަނީ، ގާސިމް އިބްރާހިމް ޖަޕާނު މީހެއްގެ އަތުން 15 މިލިއަން ޑޮލަރު "ކައްވާލައިފި" ކަމަށާއި، ޖަޕާނު މީހަކު އިނދަޖައްސާލައިފި ކަމަށެވެ. އަދި ކޯލިޝަނޭ ކިޔައިގެން އުޅެނީ ވައްކަން ކުރަންވެގެން ކަމަށްވެސް ބުނެފައި ވެއެވެ.

އަދި، އެކަމާ ގުޅޭގޮތުން އިތުރަށް އެއްޗެކޭ ބުނެފިއްޔާ މުޅިއެތި ފަޅާއަރުވާލާނޭ ކަމަށްވެސް މުސްތަފާގެ ޓްވީޓްގައި އިންޒާރު ކޮށްފައި ވެއެވެ.

ގާސިމް އިބްރާހިމްއާ ގުޅޭގޮތުން، މީގެކުރިންވެސް މުސްތަފާ ވަނީ މިޒާތުގެ ސާބިތު ނުހިފޭ އެކިއެކި ތުހުމަތުތައް ކުރައްވާފައެވެ.