ޝްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުން، ދިވެހިރާއްޖޭގައި ވަޅުލައިދިނުމަށް އެދި ސްރީލަންކާ ސަރުކާރުން ދިވެހި ރާއްޖޭގައި އެދިފައިވާ ކަމަށް ރަސްމީ އިދާރާތަކުން މިވަނީ ބުނެފައެވެ. އެއީ އިސްލާމްދީނުގައި އޮންނަ ކިފާޔަތުގެ ފަރުޟެއްކަމަށްވެފައި އެ ވާޖިބު އަދާކުރުމަކީ މުސްލިމުންގެ މައްޗަށް ލާޒިމްކުރާ ކަމަކަށްވާތީ ކަމަށް ބުނެފައިވެއެވެ.

އެހެން ނަމަވެސް ޝްރީލަންކާގެ މުސްލިމުންގެ އާބާދީ މުޅި ދިވެހި އުއްމަތަށްވުރެ ބޮޑެވެ. މިސްކިތްތަކާއި ޤަބުރުސްތާނުތައްވެސް ޝްރީލަންކާގައި ގިނައެވެ. އަދި އިސްލާމީ ޝަރީޢަތްވެސް އެ މުޖުތަމަޢުގައި ފުރިހަމައަށް އޮވެއެވެ. ޢުލަމާއުންނެއްވެސް މަދެއްނޫނެވެ. ޝްރީލަންކާގެ އާބާދީގެ 10 އިންސައްތައަކީ މުސްލިމުންނެވެ.

ނަމަވެސް ޝްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާމީހުން އަނދައިލުމަށް ނިންމައި ސަރުކާރުން ނެރެފައިވާ ކުއްލި ޙާލަތުގެ ޤަރާރު ތަންފީޒު ކުރުމަށް ނިންމައިފައިވަނީ ހަމައެކަނި މުސްލިމުންނަށްތޯ އެއީ ސުވާލުކޮށްލަންޖެހޭ ކަމެކެވެ. ސަބަބަކީ އެ ޤައުމުގައި އޮންނަ ނަޞާރާއާބާދީއާއި ބުދުދީނުގެ ބްރަހަމީންނަކީވެސް މަރުވާމީހުން އަންދައިލުމުގެ ބަދަލުގައި ވަޅުލާ ބައެކެވެ. އެއީ މުސްލިމުންފަދައިން އެމީހުންގެ މަޒުހަބުގައިވެސް ފަރުޟެކެވެ.

ދިވެހި ސަރުކާރަށް ޝްރީލަންކާއިން ހުށަހެޅި އެދުމާއިމެދު ދިވެހި ސަރުކާރުން ގެންދަނީ ވިސްނަމުންނެވެ. ޝްރީލަންކާއާއި ދިވެހިރާއްޖޭގެ ޒަމާންވީ ގުޅުމަށް ރިޢާޔަތްކޮށް ޝްރީލަންކާގެ މުސްލިމުންނަށް ޚާއްޞަ އެހީތެރިކަމެއް ފޯރުކޮށްދެއްވިދާނެތޯ ރައީސް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. ކަމާގުޅުންހުރި ސަރުކާރުގެ އިދާރާތަކާއި މަޝްވަރާ ކުރައްވަމުންނެވެ. ޚާރިޖީ ވުޒާރާއިން ވިދާޅުވެފައިވަނީ ރައީސް މިމަސައްކަތްޕުޅު ކުރައްވަނީ އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓެވުމުގެ މަތިވެރި ނިޔަތާއި މަޤުޞަދުގައި ކަމުގައެވެ.

ދިވެހި ރާއްޖޭގައި ކޮވިޑް

ކޮވިޑް-19 ގާ މަރުވާމީހުން އަންދައިލުމަށް ޝްރީލަންކާ ސަރުކާރުން ނިންމައިފައިވާތީ މުސްލިމުންގެ ހަށިތައް އެންދުމަކީ އިސްލާމްދީނުގައި ޙަރާމް ކަމަކަށްވާތީ އެ ޤައުމުގެ މުސްލިމުން ގެންދަނީ އެކަމާ އިޙުތިޖާޖު ކުރަމުންނެވެ.

ޝްރީލަންކާ ސަރުކާރުން މިއަހަރުގެ އެޕްރީލްމަހު ނެރުނު ގެޒެޓް ނޮޓިފިކޭޝަނެއްގައި، ކޮވިޑާއި ގުޅުންހުރެގެން މަރުވާ އެންމެން އަންދައިލަން ލާޒިމް ކޮށްފައިވެއެވެ. މި ޤަވާޢިދުތަކާއިގުޅިގެން އެ ޤައުމުގެ މުސްލިމް މުސްލިމް މުޖުތަމަޢުތަކުގެ ތެރޭގައި ވަނީ ވަރަށް ކަންބޮޑުވުން އުފެދިފައެވެ. އަދި ޝްރީލަންކާގައި މަރުވާ މުސްލިމުން ވަޅުމުގެ ހުއްދަ ދީފައިނުވާތީ މަރުވެފައިވާ މުސްލިމުންގެ މުޅަ ހަށިތަކާ ޙަވާލުވުމަށް އެމީހުން ގެންދަނީ ދެކޮޅުހަދަމުންނެވެ. ސަރުކާރުގެ ޞިއްޙަތާބެހޭ އޮފިޝަލުން ވިދާޅުވީ މިހިނގާ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުވެސް މުސްލިމުންގެ 19 ހަށިގަނޑެއް ގެންދިއުމަށް ދެކޮޅުހަދައިފައިވާތީ މޯރޗަރީގައި ބާއްވައިފައި އެބައޮތް ކަމުގައެވެ. އެމީހުން ބޭނުންވަނީ އިސްލާމީ ފަރުޟު އަދާކުރުމުގެ ހުއްދަ ޢާއިލާތަކަށް ދިނުމަށެވެ.

ސަރުކާރުން މުސްލިމުންގެ ހަށިތައް އެންދުމަށް މަޖުބޫރުކޮށްފައިވާތީ މުސްލިމުން ކަންބޮޑުވުން ފާޅުކޮށް ބުނެފައިވަނީ ސަރުކާރުން މުސްލިމުންނާމެދު ތަފާތުކުރުން ގެންގުޅޭ ކަމުގައެވެ. މިގޮތަށް މުސްލިމުން އަންދަން މަޖުބޫރު ކުރުވުމަކީ އެކަން އިތުރަށް ކަށަވަރުވެގެންދާ ކަމެއްކަމުގައެވެ.

ޝްރީލަންކާގެ ވެރިރަށް ކަލަމްބޯގައި ދިރިއުޅެމުންދިޔަ ޢުމުރުން 44 އަހަރުގެ ފާޠިމާ ރިނޫޒާ ނަމަކަށްކިޔާ އަންހެނަކު މޭމަހުގެ 4 ވަނަ ދުވަހު ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކޮށް އެޤައުމުގެ އަސްކަރިއްޔާއިންނާއި ފުލުހުން އަދި އޮފިޝަލުން އައިސް އެގޭމީހުން އެއްދުވަހަށް ގޭބަންދު ކުރިކަމަށް އޭނާގެ ފިރިމީހާ މުޙައްމަދު ޝަފީގް ބުނެފައިވެއެވެ. އަދި އެއެންމެން ކަރަންޓީނަށް ގެންދިއުމަށްފަހު އަނެއްދުވަހު ދޫކޮށްލި ނަމަވެސް އެމީހުނާމެދު ޢަމަލުކުރީ ވަރަށް އިހާނެތިކޮށް ކަމަށް ބުނެފައިވެއެވެ.

އަދި ފަހުން އޭނާ ނިޔާވި ޚަބަރު ޢާއިލާއަށް ދިނުމަށްފަހު ޓެސްުތަކެއް ކުރުމަށް އޭނާގެ ހަށިގަނޑު ކަފައިގެން އެތެރެހަށީގެ ގުނަވަންތައް ނަގާނެކަމަށް ބުނި ކަމުގައި އޭނާ ދޮށީ ފިރިހެން ދަރިފުޅު ބުނެފައިވެއެވެ. އަދި ހަށިގަނޑު ޢާއިލާއާއި ޙަވާލު ނުކުރާނެކަމަށް ބުނެ އަންދައިލުމަށް މަޖުބޫރުކޮށް ފޯރމެއްގައި އޭނާ ލައްވައި ސޮއިކުރުވަން އުޅުނުކަމަށް ބުނެފައިވެއެވެ.

ފާޠިމާގެ ޢާއިލާއާއި ޝްރީލަންކާގެ އެހެނިހެން މުސްލިމު މުޖުތަމަޢުތަކުން ބުނެފައިވަނީ ކޮރޯނާ ޖެހިގެން މަރުވާ މީހުން ވަޅުލެވުނު ނަމަވެސް މުސްލިމުން ވަޅުލުމަށް ސަރުކާރުން ދެކޮޅުހަދައި މުސްލިމުންގެ ހަށިތައް އަންދައިލުމަށް މަޖުބޫރު ކުރުމަކީ ކަމާބެހޭ ފަރާތްތަކުން އެމީހުންގެ ޙައްޤުތަކަށް ނިގުޅައިގަންނަނީ ކަމުގައެވެ.

މީގެ އިތުރުން ޝްރީލަންކާގައި މާރޗްމަހުގެ 31 ވަނަ ދުވަހު ކޮރޯނާވައިރަސް ޖެހިގެން ފުރަތަމަ މުސްލިމެއްގެ މަރާއިއެކު ބައެއް މީޑިއާތަކުން ވަނީ އެޤައުމުގައި ކޮރޯނާ ވައިރަސް ފަތުރަނީ މުސްލިމުން ކަމަށްބުނެ ދޮގު ޚަބަރުތައް ފަތުރައިފައެވެ. އޭރު ޝްރީލަންކާގައި 11 މީހުން މަރުވި ކަމަށް ރަސްމީގޮތުން ވަނީ އިޢުލާންކޮށްފައެވެ. މިބަލީގައި މަރުވު މުސްލިމުންނާއިއެކު އެ 11 ހަށިގަނޑު ޝްރީލަންކާ ސަރުކާރުންވަނީ އަންދައިލައިފައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ވަނީ ކޮވިޑްގައި މަރުވާ މީހުން ވަޅުލުމުގައި މައްސަލައެއް ނެތްކަމަށް ބުނެފައެވެ. އަދި ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައިވާ އިސްލާމީ މުޖުތަމަޢުތަކުންވެސް މުސްލިމުންގެ ހަށިތައް ވަޅުލުމާމެދު ފަތުވާ ނެރެފައިވެއެވެ. އަދި އެފަރުޟު އަދާކުރުމުގައި އެއްވެސް މައްސަލައެއްނެތް ކަމަށާއި ހިނެވުމުގައި ކަންކުރާނެ އުޞޫލުތައްވެސް ވަނީ ބަޔާންކޮށްފައެވެ. އަދި ފޮރެންސިކް ސައިންސާއި އިސްލާމީ ޤާނޫނުން މުސްލިމުން ވަޅުލުމުގައި ފުށުއެރުމެއް ނުވާކަމަށް ބުނެފައިވެއެ. އެއީ މައްޔިތާއަށް އިޙުތުރާމްކުރުމާއި އިސްލާމީ އަދަބުތަކާއި ފަރުޟަށް ޙުރުމަތްތެރިކޮށް ހިތުންކަމަށް ބުނެފައިވެއެވެ.

ޖާމިޢުލް އަޒުހަރުގެ އެންމެ އިސް މުފްތީ: އަޙުމަދު ޠައްޔިބު

އިންޓަރނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރެސެންޓާއި އެނޫންވެސް ބައިނަލްއަޤުވާމީ ޖަމިއްޔާ ޖަމާޢަތްތަކުން ކޮރޯނާ ވައިރަސްގައި މަރުވާ މީހުން ވަޅުލުމުގެ ތަޖުރިބާތަކާއި އެކަން ކުރެވޭނެކަމަށް ބުނެފައިވާއިރު އިސްލާމީ މުޖުތަމަޢުތަކުގެ ފަތުވާތަކުގައިވެސް އެކަން ކުރުމުގެ ރައްކާތެރި ގޮތްތަށް އިސްލާމްދީނުގައިވާ ގޮތްވެސް ބަޔާންކޮށްފައިވެއެވެ.

އެގޮތުން ކޮވިޑް-19 ޖެހިގެން މަރުވާ މީހެއްގެ ގައިގާ ހުންނަ ފާރުކޮޅެއްގެ ސަބަބުން ނުރައްކަލެއް ކުރިމަތިވެދާނެ ޙާލަތެއްނަމަ އެތަނެއްގައި މަލަން އަޅައި ހިނުވުމަށް ހުރަހެއް އޮތްނަމަ ތަޔައްމަމު ކުރުމަށް ނުވަތަ ނުހިނަވައި ވަޅުލެވޭގޮތްވެސް ވަނީ ސާފުކޮށް ބުނެދީފައެވެ. އަދި ހިނަވާ ކަފުންކުރުމުގައި ޙަރަކާތްތަތެރިވާ ޖަމާޢަތްތެރީން ކަންކުރަންވީގޮތްވެސް ބަޔާންކޮށްފައިވެއެވެ.

ޝްރީލަންކާ ސަރުކާރުން ކޮވިޑް-19 ގާ މަރުވި މުސްލިމުން ދިވެހި ރާއްޖޭގައި ވަޅުލައިދިނުމަށް އެދިފައިވަނިކޮށް ލަންކާގެ މޯރގުގައި އޮތް މުސްލިމުންގެ 19 މީހުންގެ ތެރެއިން 15 މީހެއްގެ ހަށިގަނޑު އަންދައިލައިފިކަމަށް ޑިސެމްބަރު 14 ވީ ހޯމަދުވަހުގެރޭ ދުނިޔޭގެ މީޑިއާތަކުންވަނީ ރިޕޯރޓުކޮށްފައެވެ. އޭގެތެރޭގައި ޢުމުރުން އެންމެ 20 ދުވަހު ދުނިޔޭގައި އުޅުނު ތުއްތު ކުއްޖަކުވެސް ހިމެނެއެވެ.

ކޮވިޑް-19 އިގާ މަރުވާމީހުން އަންދައިލުމަށް ޝްރީލަންކާ ސަރުކާރުން އަމުރުނެރުނީ މުސްލިމުންނާ ދެކޮޅަށް އެޤައުމުގައި ފަހަކަށް އައިސް އިތުރު ޙަސަދަ ވެރިކަމެއް އުފެއްދުމަށް މަސައްކަތްކުރާ ބުދުދީނުގެ ހާމުދުރުންގެ އެދުމުގެމަތީން ކަމަށް ބައިނަލްއަޤުވާމީ މީޑިއާތަކުންވަނީ ރިޕޯރޓު ކޮށްފައެވެ. ރިޕޯރޓުތަކުގައި ބުނެފައިވާ ގޮތުގައި ބުދުދީނުގެ ހާމުދުރުން ބުނެފައިވަނީ ކޮވިޑް-19 ޖެހިގެން މަރުވާ މީހުން ވަޅުލުމުން ބިމުގެ ފެން ތައައްޔަރު ވައިރަސް ފެތުރޭނެ ކަމުގައެވެ.

ޝްރީލަންކާގެ މުސްލިމުންނާއި ނަޞާރާ އައިލާތަކާއި މަދަނީ ޖަމިއްޔާތަކުންވަނީ ކޮވިޑް-19 ޖެހިގެން މަރުވާމީހުންގެ ހަށިތައް އެންދުމާ ދެކޮޅަށް ސުޕްރީމް ކޯޓަށް 12 ޕެޓިޝަނެއް ހުށަހަޅައިަފއެވެ. ނަމަވެސް ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ކޯޓުން ވަނީ އެ ޕެޓިޝަންތައް ބޭރުކޮށްލައިފައެވެ.

ބައެއް ފަރާތްތަކުން ވަނީ ދުނިޔޭގެ ހުރިހާ ޤައުމެއްގައި މަރުވާމީހުން ވަޅުލުމުގެ ކަންކަން ހަމަޖެހިފައިވާއިރު ކޮވިޑް ޖެހިގެން މަރުވާ މީހުން ޝްރީލަންކާގައި އެކަނި އަންދައިލަން އަމުރު ނެރެފައިވަނީ ކީއްވެތޯ ސުވާލު ކޮށްފައެވެ. ޢާއިލާތަކުން އެކަމާ ދެކޮޅުހަދަމުން ދާއިރުވެސް ޝްރީލަންކާގައި އެ ބަލީގައި މަރުވާ މީހުން އަންދައިލުމަށްޓަކައި ސަންދޯކާއި އެކަމަށް ހިނގާ ހުރިހާ ޚަރަދެއްކުރަން ޖެހެނީ އެ އާއިލާއަކުންނެވެ.

މުސްލިމުންނާއިމެދު ތަފާތުކުރާ ފަރާތްތަކަށް ދީފައިވާ ރައްދު

މިޞްރުގެ ޖާމިއުލް އަޒުހަރުގެ އިމާމު އަޙުމަދުއް ޠައްޔިބު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކޮވިޑް-19 ގާ މަރުވި މީހަކު ވަޅުމަށް ދެކޮޅުހަދާ މަންޒަރުން ފެންނަނީ ރޫޙާނިއްޔަތެއް ނުވަތަ ޙަޔާތެއްގެ ދިރުން ނުވެސް ފެންނަ ހިސާބެއްގެ ގޮތުގައި ކަމުގައެވެ. އިންސާނިއްޔަތާއި ދީނުގެ ޙުރުމަތެއްނެތް ކަމުގައެވެ. އަދި އެއީ އަމިއްލަ އެދުންބޮޑު އިންސާނިއްތަށް އޮތް ނުރައްކަލެއް ކަމަށާއި އިންސާނިއްޔަތުކަން ގެއްލިފައިވާ ޢަމލެއް ކަމުގައެވެ. މިއީ އެކަކު ހާންތިވެގެން މަރުވާއިރު އަނެކަކު ކައި ފުރައިގެން އެހެން ނަމަވެސް ދިރިތިބީންގެ މައްޗަށް އޮތް ފަރުޟެއް އަދާނުކުރުން ފަދަ ކަމެއް ކަމުގައެވެ.

މިފަދަ އެތައް ވާހަކަތަކާއި ހިތާމަވެރި ޖަޒުބާތުންފުރިފައިވާ އެތައް ވާހަކަތަކެއް ކޮވިޑް-19 އާއި ގުޅިގެން މުޅިދުނިޔޭގައި ދަނީ ފެތުރެމުންނެވެ.