ލަންކާގައި ކޮވިޑު ޖެހިގެން މަރުވާ މުސްލިމުންގެ ޖަނާޒާގެ ކަންތައްތައް ދީނުގައިވާ ގޮތަށް ރާއްޖެއިން ކޮށްދިނުމަކީ އެދެވިގެންވާ ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިނލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގާސިމް އިބްރާހީމް މިހެން ވިދާޅުވެފައިމިވަނީ ސްރީލަންކާގައި ކޮވިޑު ޖެހިގެން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުމުގެ އިންތިޒާމު ހަމަޖެއްސުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ފައްޓަވާފައިވާ ދަނޑިވަޅެއްގައެވެ.

ގާސިމް ކުރެއްވި ޓްވީޓުގައި ވަނީ ލަންކާގައި ކޮވިޑު ޖެހިގެން މަރުވާ މުސްލިމުންގެ ޖަނާޒާގެ ކަންތައްތައް ދީނުގައިވާ ގޮތަށް ކުރުމަށް ފުރުސަތު ނުލިބިގެން އެ ހަށިތައް އަންދާނަމަ ރާއްޖެއިން އެކަމަށް ކޮށްދެވެން އޮތް ކަމެއް ރައްކާތެރިކަމާއެކު ދީނުގައިވާ ގޮތަށް ކޮށްދިނުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ.

ކޮވިޑުގައި މަރުވާ މީހުންނަކީ ކޮންމެ ދީނެއްގެ މީހަކަށްވިޔަސް ދީނުގައިވާގޮތަށް ޖަނާޒާގެ ކަންތައްތައް ކުރުމުގެ ހައްގު ދިނުމަކީ ބައިނަލްއަގްވާމީ ގޮތުން ބެލިޔަސް ދީންތަކުގެ ހަމައިން ބެލިޔަސް އިންސާނީ ބުއްދީގެ ހަމައިން ބެލިޔަސް އެއީ އެބައި މީހުންނަށް ލިބެން ލާޒިމް ހައްގެއް."
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް

ކޮވިޑްގައި ލަންކާ އިން މަރުވި މުސްލިމުންގެ ހަށިގަނޑު އަންދާލަން އެގައުމުގެ ސަރުކާރުން ނިންމާފައިވާއިރު ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ ކޮވިޑް ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އަދި ރާއްޖޭގައި ސްރީލަންކާގެ މިފަދަ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ރައީސް ސާލިހަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.