މާލޭގެ މާރުކޭޓުތަކަކީ ބިދޭސީންނަށް ހާއްސަކޮށް ހުޅުވާފައިވާ މާރުކޭޓުތަކެއް ކަމަށްބުނާ ވާހަކައަކީ ދިވެހިން އަބަދުވެސް ކުރާ ޝަކުވާއެކެވެ. މާރުކޭޓުގެ ގޮޅިތަކުގައި ބިދޭސީން ތިބޭކަމަށްބުނެ އެތަންތަނަށް ވިޔަފާރިކުރަން ދާންވެސް ބައެއް މީހުން ފަސްޖެހެއެވެ. އެހެންނަމަވެސް މިހާރު އެކަމަށް މިވަނީ ބަދަލެއް އައިސްފައެވެ. "ވީ މާކެޓް" ގެ ނަމުގައި އަލަށް ހުޅުވާފައިވާ މާރުކޭޓުގައި ތަކެތި ވިއްކަން ތިބެނީ ހުސް ދިވެހިންނެވެ.
މުޅިން އޭސީ ކޮށްފައިވާ މި މާރުކެޓުގައި، އެހެން މާރުކޭޓުތަކުން ލިބޭ ތަކެތި ލިބެން ހުންނައިރު، މި މާރުކޭޓުގައި ގަސްވެސް ވިއްކައެެވެ. މި މާރުކޭޓުގައި އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ބަންދުކޮށްފައި ވިއްކާ ލޮނުމިރުހާއި، މަސްމިރުސްފަދަ ތަކެއްޗަކީ ގޮޅިތައް ހިންގާ ފަރާތްތަކުގެ އަމިއްލަ ބްރޭންޑެއްގެ ތަކެއްޗަށްވުމެވެ.
ދިވެހިންނަށް ހާއްސަކޮށްގެން ހުޅުވާފައިވާ ވީ މާކެޓުގެ ހުޅުވި މަގްސަދާއި، މި މާރުކޭޓުން ލިބޭނެ ހިދުމަތްތައް، ވީ މާރުކޭޓުގެ ވެރިފަރާތް އަހްމަދު ސުނިލްވަނީ ވީނިއުސްއާ ހިއްސާ ކޮށްފައެވެ. ސުނިލް ވިދާޅުވީ މި މާރުކޭޓް ހުޅުވީ ދިވެހިންނަށް ހާއްސަކޮށްގެން، ދިވެހިންނަށް މިފަދަ ފުރުސަތުުތައް ހޯދައިދުނުމުގެ މަގްސަދުގައި ކަމަށެވެ.
މާރުކޭޓުގެ ބައެއް ގޮޅިތައް އަދިވެސް ހުސްކޮށް ހުރިކަން ފާހަގަކުރައްވާ ސުނިލް ވިދާޅުވީ، ދިވެހިން މިފަދަ ކަންކަމަށް އިސްނެގުން ކުޑަކަމަށެވެ.
ވީ މާރުކޭޓާއި ގުޅޭގޮތުން ސުނިލް އިތުރަށް ވިދާޅުވީ، ގޮޅިތަކުން ބޭރުވާ ކުނި މެނޭޖްކުރަނީ އޭނާ ކަމަށާއި، ސަބަބަކީ ގޮޅިތައް ހިންގާ ފަރާތްތަކަށް އެކަން ދޫކޮށްލައިިފިނަމަ އެތަން މުޑުދާރުވެދާނެތީވެ ކަމަށެވެ. މީގެއިތުރުން މިމާރުކޭޓުގައި ޕެސްޓް ކޮންޓްރޯލް ކުރާނެ ކަމަށްވެސް އޭނަ ވިދާޅުވިއެވެ.
ދިވެހިން ވިޔަފާރުކުރުމަށް ވަރަށް ސާފުތާހިރު މާރުކޭޓެއް ހުޅުވުމުގެ ވިސްނުމުގައި ހުޅުވި މި މާރުކޭޓަށް ތަކެތި ގަންނަން އަންނަ ފަރާތްތަކުގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަން ސުުނިލް ވަނީ ފާހަގަ ކުރައްވާފައެވެ.
ވީމާރުކޭޓުން ގޮޅި ދޫކުރަނީ 6000 ރުފިޔާއަށެވެ. އިތުރު އެޑްވާންސް އެއްވެސް މި މާރުކޭޓުން ގޮޅި ދޫކުރާއިރު ނުނަގާނެކަމަށް ސުނިލް ވިދާޅުވިއެވެ.
ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު މަސައްކަތްފެށި މި މާރުކޭޓުގައި މިހާރުވެސް މަރާމާތުގެ މަސައްކަތްތައް ކުރިޔަށްދާއިރު، މާރުކޭޓުގައި 13 ގޮޅި ހިމެނެއެވެ.
މޭވާއާއި، ތަރުކާރީ އަދި ގަހުގެ އިތުރުން އިތުރު އެއްޗެހިވެސް މާރުކެޓުގައި ވިއްކުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ސުނިލް މައުލޫމާތު ދެެއެެވެ.
އަލަށް ހުޅުވި މި މާރުކޭޓަށް ދިމާވާ ގޮންޖެހުންތަކުގެ ތެރޭގައި، މާރުކޭޓައް ވަންނަ ދޮރުމަތީގައި ޕާކްކުރުމުގެ ސަބަބުން މާރުކޭޓަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެތަނަށް ވަނުމައް އުނދަގޫވާކަމަށް މާރުކޭޓުގެ ވެރިފަރާތުން ބުނެއެވެ. ސުނިލް ވިދާޅުވީ މިމައްސަލަ ހައްލުކުރުމަށް މާލޭ ސިޓީ ކައުންސިލްގައިވެސް މިހާރު ދަންނަވާފައިވާނެ ކަމަށެވެ.
މާލޭގެ ނިކަގަސް މަގުގައި ހުޅުވާފައިވާ ވީ މާކެޓުން ވިއްކާ ތަކެތީގެ 90 އިންސައްތައަކީ ދިވެހި އުފެއްދުންތަކެވެ.
މާރުކޭޓް ތަކާ ތަންތަން ކިތަންމެ ވަރަކަށް ހުޅުވިޔަސް އެއްޗެއް އަގުހެޔޮވާތަނެއް ނުފެނޭ މި ދަތި ވަގުތު ވެސް އެއްޗިހި ވިއްކާ މިީހުންގެ އެއްޗިހީގެ އަގުތައް ހަމަ އެއްވަރެއްގަ ހުންނަތަން މިފެންނަނީ
އަސްލު ގޯސް ހަދަމުން ދަނީ ހަމަ ދިވެހީން އަމިއްލައަށް. ތިގޮޅިތައް ނަގައިގެން އުޅޭމީހުން މަޑުމަޑުން އެހެން މީހުނަށް ތަންތަނުގެ ޒިންމާ ހަވާލުކުރީމަ ދެން ލަގަން ގެއްލޭނީ. ދިވެހިން ކަށްނެއްވެފަ މާބޮޑަށް ފޮނީ.
މަޖީދީ މަގުގައިވެސް ތިޒާތު ދިވެހި މާރުކޭޓެއް އެބަހިނގާ. އެކަމު މިހާރު އެތަނުގެ ޙާލަތަކީ ދިވެއްސެއްގެ އެއްވެސް ބާރެއް ކަންފުޅެއް ނެތް. މުޅިތަން ބަނގުލަދޭޝް މީހުންގެ އަތްމަތީގައި. ޤައުމު އޮތް ގޮތަކަށް ކަންކަން ދާނީ. ތިތަންވެސް ދުވަސް ކޮޅެއް ނަގާނީ ތަން މުޅިން ބޭރުމީހުނަށް ބަދަލުވާނެކަން ޔަގީން ކަށަވަރު
ސުނިލްގެ މިމަސައްކަތަށް ހިތްވަރުދެން. ޙިތާމަޔަކީ ދުވަސް ކޮޅަކުން މިތަންވެސް ބޭރުމީހުންގެ ނުފޫޒު ވަދެ އެމީހުންގެ އައްޑާއަކަށް ވެދާނެތީ. ހުޅުވާނީ ދިވެހިން ދިވެހީންނަށް، ފަހުން ފެންނާނީ އެހެން މަންޒަރެއް.