ސިފައިންގެ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުންގެ ޝަރަފްގެ ހިނގާލުން މިއަދު ހަވީރު ހދ. ކުޅުދުއްފުށީގައި އޮންނާނެ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

ޝަރަފްގެ ހިނގާލުން އޮންނާނީ ހަވީރު 16:00 ގައެވެ. ހިނގާލުން ފެށޭނީ އަފީފުއްދީން ސްކޫލް ކުރިމަތިން ކަމަށްވެސް އެމްއެންޑީއެފުން ހާމަކޮށްފައި ވެއެވެ.

މީގެ އިތުރުން، މި ހަރަކާތުގެ ތެރެއިން، ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) ގެ ހެޔޮއެދުންތަކާއެކު މިރޭ 8 ޖަހާއިރު ކުޅުދުއްފުށީގައި ހަވާ އެރުވުންވެސް އޮންނާނެ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފައި ވެއެވެ.

ކުޅުދުއްފުށީގައި މިއަދު ޝަރަފްގެ ހިނގާލުން ބާއްވާއިރު، ހއ.ދިއްދޫގައި ޝަރަފްގެ ހިނގާލުން އޮންނާނީ މާދަމާއެވެ. އަދި ހއ. އިހަވަންދޫގައި ހިނގާލުން އޮންނާނީ ހޮނިހިރު ދުވަހުކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

މިރަށްރަށުގައި ބާއްވާ ޝަރަފުގެ ހިނގާލުން ކުރިއަށްދާނީ އެރަށްތަކުގެ ބޮޑެތި މަގުތަކުގައި ހަވީރު 4:00 އިން 5:00 އާ ދެމެދުއެވެ.

ކުޅުދުއްފުށީގެ އިތުރުން، ދިއްދޫ އަދި އިހަވަންދޫގައިވެސް ހަވާ އަރުވާގޮތަށް ވަނީ ހަމަޖެހިފައެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ޅ. މާފިލާފުށީގައި 3 މަސް ދުވަހަށް ކުރިއަށްގެންދިޔަ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން މިއަދު ބާއްވަން ފަށާއިރު، 97 ދަރިވަރުން މިކޯސް ފުރިހަމަ ކޮށްފައި ވެއެވެ.

މިކޯހުގެ ދަސްވެނިވުން މިމަހުގެ 15 ވަނަ ދުވަހު މާފިލާފުށީގައި ހުންނަ "ދަ ބޭސިކް ސްކޫލު" ގައި ވަނީ ބާއްވާފައެވެ.

ސިފައިންގެ އަސާސީ ތަމްރީނު ކޯހެއްގެ ދަސްވެނިވުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ޝަރަފުގެ ހިނގާލުމަކީ އާންމުންނަށް ހުޅުވާލައިގެން މިގޮތަށް ބާއްވާ ފުރަތަމަ ޝަރަފުގެ ހިނގާލުމެވެ.

މީގެކުރިން ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުންތަކަކީ ސިފައިންގެ ތަމްރީނު މަރުކަޒުތަކުގައި ނުވަތަ ހެޑްކްއޯޓަރޒެއްގައި ބޭއްވެމުން ދިޔަ ޝަރަފުގެ ހިނގާލުންތަކެކެވެ.