ސަރުކާރުން މި އަހަރު ދޭ އެކިއެކި އިނާމުތައްދިނުމަށް ބާއްވާ ރަސްމީ ޖަލްސާ، މި ހިނގާ ޑިސެމްބަރު މަހުގެ 26 ވަަނަ ދުވަހު ބޭއްވުމަށް ހަމަޖއްސައިފިއެވެ.

މި ޖަލްސާ އޮންނާނީ، 26 ވަނަ ދުވަހުގެ 8:30 ގައި ޖުމްހޫރީ މައިދާނުގައިކަމަށް ރައީސް އޮފީހުން ބުނެއެވެ.

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ބާއްވާ މި ޖަލްސާގައި ދިނުމަށް ހަމަޖެހިފައިވާ އިނާމުތަކުގެ ތެރޭގައި، ޤައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ހިމެނެއެވެ.

ދިވެހި ދައުލަތުން ދިނުމަށް ހަމަޖެހިފައިވާ އެކިއެކި އިނާމުތައް ދިނުމަށް ބާއްވާ ޖަލްސާ އިންތިޒާމު ކުރަނީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒުންނެވެ.

މި ޖަލްސާގެ ކަންތައްތައް ރާއްވަވަމުން ގެންދަނީ، އެޗްޕީއޭގެ އިރުޝާދާއެކު ކޯވިޑުގެ ހާލަތާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައިކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެހެންކަމުން، ޖަލްސާއަށް ދައުވަތު އަރުވާ ބޭފުޅުންގެ އަދަދު، އެހެން އަހަރުތަކަށްވުރެ މި އަހަރު މަދުވާނެއެވެ.

މިއަހަރުގެ ގައުމީ އިނާމަށް 94 ފޯމު ހުށަހަޅާފައިވާކަމަށް ގައުމީ އިނާމާބެހޭ ކޮމިޓީން މީގެކުރިން ބުނެފައިވެއެވެ. ގައުމީ އިނާމު މިއަހަރުވެސް ދެއްވުމަށް ހަމަޖެހިފައިވަނީ މައިގަނޑު 33 ދާއިރާއަކުންނެވެ. ގައުމީ އިނާމަށް މިއަހަރު ހުށަހެޅި 94 ފޯމު ހުށަހަޅާފައިވަނީ 33 ދާއިރާގެ ތެރެއިން 26 ދާއިރާއަށް ކަމަށްވެސް ކޮމިޓީން ބުނެފައި ވެއެވެ.

ސަރުކާރުން ދެއްވަމުން ގެންދަވާ ގައުމީ އިނާމަކީ، ދިވެހި ޤައުމާއި ދިވެހި މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ގައުމުގެ ތަރައްގީއަށް ކުރަމުންގެންދާ މަސައްކަތްތަކުގައި، އެފަރާތްތަކުން ހޯދާ ކުރިއެރުންތަކުގެ ސަބަބުން މުޖުތަމަޢަށް ކުރާ ފައިދާ ބަލައިގަނެ، އެކަންކަމުގެ އަގު ވަޒަންކޮށް، އެފަރާތްތަކަށް ހިތްވަރުދިނުމުގެ މަގްސަދުގައި ދެވޭ އިނާމެކެވެ.

ސަރުކާރުން މިއިނާމު ފުރަތަމަ ދެއްވަން ފެށްޓެވީ، ޢާންމު ޚިދުމަތުގެ އިނާމުގެ ނަމުގައި 1979 ވަނަ އަހަރުއެވެ.

އެ އަހަރުން ފެށިގެން 2007 ވަނަ އަހަރުގެ ނިޔަލަށް، މިއިނާމު ގަވާއިދުން ދެއްވަމުން ގެންދަވާފައިވެއެވެ. 2009 ވަނަ އަހަރުން ފެށިގެން މިއިނާމު ދެއްވަމުން ގެންދަވަނީ، ގައުމީ އިނާމުގެ ނަމުގައެވެ.

ގައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރުދިނުމުގެ ގައުމީ އިނާމެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމަކީ، ގައުމާއި މުޖުތަމަޢަށް ފައިދާހުރިގޮތެއްގައި، ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވާ އިނާމެކެވެ.

ހިތްވަރު ދިނުމުގެ ގައުމީ އިނާމަކީ، އެކަށީގެންވާ މުއްދަތެއްގައި، ދެމެހެއްޓެނިވިގޮތަކަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނަށާއި ފަރާތްތަކަށް ދެއްވާ އިނާމެކެވެ.