އަންނަ އަހަރުގެ ތެރޭގައި ފެށުމަށް ސަރުކާރުން ގަސްދުކުރާ އެންމެ މުހިންމު އެއް މަޝްރޫއަކީ، ކަނޑުދަތުރުފަތުރުގެ ނިޒާމަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އަށް 40 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅުވައިގެން ދެއްކި "ކާމިޔާބު 40" ޓީވީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި މިހާރު ވެސް އެންމެ ގޮންޖެހުން ބޮޑު އަސާސީ ޚިދުމަތަކީ ދަތުރުފަތުރުގެ ޚިދުމަތްކަމަށާއި އަންނަ އަހަރުގެ ތެރޭގައި ފެށުމަށް ސަރުކާރުން ގަސްދުކުރާ އެންމެ މުހިންމު އެއް މަޝްރޫޢަކީ، ކަނޑުދަތުރުފަތުރުގެ ނިޒާމަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތްކަމުގައެވެ.

ސަރުކާރުގެ އެއް ވިސްނުމަކީ، މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔުންކަމަށާއި، މި ކަމުގެ މަޝްވަރާތައް ޕްލޭނިން މިނިސްޓްރީއިން ވަރަށް އަވަހަށް އެމްޓީސީސީއާ އެކުގައި ފެށުމަށް ތައްޔާރުވަމުންދާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުގެ ޚިދުމަތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ ގޮތުން މި ސަރަޙައްދުގެ ބަހުގެ ޚިދުމަތް ދިނުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާ."
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު

ސަރުކާރުން އެމްޓީސީސީ އުފެއްދެވީ ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތަކެއް، ވީހާ އަވަސް މުއްދަތެއްގެ ތެރޭގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަގްސަދުގައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމުގައި، އެކުންފުނިން އަދާކުރަމުން އަންނަނީ ނަމޫނާ ދައުރެއްކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި ހުރަސްތަކާ އެކުވެސް، ނިމިގެން މިދާ އަހަރަކީ، ކުންފުނީގެ މުޅި ތާރީޚުގައި ވެސް އެންމެ ފައިދާ ބޮޑު އަހަރުކަން ފާހަގަކުރައްވައި، މިދިޔަ 40 އަހަރުގެ ތެރޭގައި، ރައްޔިތުންނަށް ފޯރުކޮށްދީފައިވާ މުހިންމު ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، ކުންފުނި މެދުވެރިކޮށް ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ޝާމިލްވި، ހުރިހާ ބޭފުޅުންނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ކޮވިޑް-19ގެ ސަބަބުން، ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމުން އަރައިގަތުމުގައި، ތަރައްގީގެ މުޅިން އައު މަސައްކަތްތަކެއް ބާރު ދުވެލީގައި ކުރިއަށް ގެންދަންޖެހިފަ މިވަނީ. އެގޮތުން، ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން އިސްކަން ދީގެން އަންނަ އަހަރުގެ ތެރޭގައި، ރަށްރަށުގައި ހިންގަން ހަމަޖެހިފައި ހުރި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އެބަހުރި. އަދި، އެ މަޝްރޫއުތަކުގެ ތެރެއިން އެމްޓީސީސީއާ ހަވާލުކުރެވޭ މަޝްރޫއުތައް ކަނޑައެޅިފައިވާ ތާރީޚުތަކަށް ނިންމައި، ކުންފުންޏާ މެދު އުފެދިފައިވާ އިތުބާރާއި ޔަގީންކަން ދަމަހައްޓާނެކަން ޔަގީން."
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު

މީގެ އިތުރަށް ކޮވިޑް-19ގެ ހުރަސްތަކާ އެކުވެސް، މި އަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ނިޔަލަށް، ޓެކުހަށް ކެނޑުމުގެ ކުރިން އެމްޓީސީސީއަށް ލިބުނު ފައިދާ 140 މިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވުމަކީ، ކުންފުނީގެ ހިންގުންތެރިކަމާއި، މާލީ ރޭވުންތެރިކަން ހަރުދަނާކުރެވިފައިވާ ކަމުގެ ހެއްކެއްކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަދި ކުރިއަށް އޮތް އަހަރުގެ ތެރޭގައި، ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތަކަށް ޚާއްސަ އިސްކަމެއް ދޭން ސަރުކާރުން ނިންމަވާފައިވާކަމަށާއި، އެއީ ލާމަރުކަޒީ ނިޒާމުން އަސާސީ ޚިދުމަތްތައް ދިނުމުގެ މުހިންމުކަން ކުރިއަށް ވުރެ އެތައް ގުނައެއް މިހާރު ބޮޑުވެފައިވާ ކަމަށް ގަބޫލުކުރެވޭތީކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ޕްރޮގްރާމުގައި ރައީސް ވަނީ އެމްޓީސީސީގެ 40 އަހަރުގެ ތާރީޚާ ގުޅުވައިގެން ތައްޔާރުކުރި، ޚާއްސަ ފޮތެއްވެސް އިފްތިތާހުކޮށްދެއްވާފައެވެ.