އިންސާފު ލަސްވުމަކީ ނާއިންސާފު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބ.ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެން ވިދާޅުވެއްޖެއެވެ.

މެމްބަރު މިހެން ވިދާޅުވެފައިމިވަނީ އިންތިގާލީ އިންސާފުގެ ބިލްގެ ދަށުން ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އެމްބޮޑްސްމަން އޮފީހުން ހަމަ ނުޖެއްސޭ މައްސަލަތަކުގައި ދެން އޮންނާނީ އެކަމަށް އިއުތިރާފްވެ މާފަށް އެދުން ކަމަށާއި މާފަށް ނޭދޭނަމަ ޖިނާއީ ދައުވާ ކުރާނަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ވަގުތެއްގައެވެ.

މެމްބަރު އަލީ ހުސެއިން ކުރެއްވި ޓްވީޓެއްގައި ވަނީ އިންސާފު ލަސްވުމަކީ ނާއިންސާފު ކަމަށާއި އަނިޔާވެރި ކަމަށް މައާފު ދިނުމަކީ ވެސް އަނިޔާއެއް ކަމަށެވެ.

އިންސާފުގެ ބަދަލުގައި އިތުރު އެހެން އެއްޗެއް ނޯންނާނެ ކަމަށްވެސް އަލީ ހުސެން ކުރެއްވި ޓްވީޓުގައިވެއެވެ.

އެމްޑީޕީން ބޭއްވި ނޫށްވެރިންގެ ބައްދަލުވުމުގައި އިންތިގާލީ އިންސާފުގެ ބިލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެ ގާނުނުގެ ބޭނުމަކީ މުޅި މުޖުތަމައުގައި ސުލްހަމަސަލަސްކަން ގާއިމްކުރުން ކަމަށާއި އެޖެންޑާ 19ގައި ވީވައުދަކީ މައްސަލަތައް ބަަލާނީ 2012 އާއި 2018 ދެމެދުގެ މުއަދަތުގެ މައްސަލަތައް ކަމަށެވެ.

އެހެންނަމަވެސް މިބިލާ ގުޅޭގޮތުން ރައްޔިތުންގެ ފަރާތުން ލިބުނު މަޝްވަރާތަކާއެކު މިހާރު މިވަނީ ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ފެށުނީއްސުރެ މިއަދާއި ހަމައަށް ހިނގާފައިވާ ކަންކަން ބެލުމަކީ އެއީ އޮމްބަޑްސްމަން އޮފީހުން ކުރާނެ ކަމެއްގެ ގޮތުގައި ގާނޫނުގައި ކަނޑައެޅިފައި ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންފައިވާނަމަ، އެ އަމަލުތަކަށް ޒިންމާވާ ފަރާތްތައް މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖަވާބުދާރީކުރުވައި، އެފަރާތްތަކުގެ އަމަލުތަކުގެ ސަބަބުން އަނިޔާ ލިބުނު ފަރާތްތަކަށް މި ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހައްލުތަކުގެ ޒަރީއާއިން އިންސާފު ހޯދައިދިނުމާއެކު، ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ނުވާނެކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް، ގާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކުރުން ހިމެނެއެވެ.