ޔޫރަޕުގެ އިއްތިޙާދާއިއެކު އިނގިރޭސިވިލާތުން ކުރަމުންދިޔަ ވިޔަފާރީގެ ވާހަކަތައް އެންމެފަހުން އައިސް ކޮޅެއްގައިނުޖެހި އުޅެނިކޮށް މަސްވެރިކަމާއި ހިސާބުން އަނެއްކާވެސް ފެށިއްޖެއެވެ.

މިވާހަކަތައް އައިސް މިފަހަރު ޖެހުނީ ޔޫރަޕުގެ އިއްތިޙާދުގެ ޤައުމުތަކުގެ މަސްބޯޓުތައް އައިސް އިނގިރޭސިވިލާތުގެ ކަނޑުތަކުގައި މަސްވެރިކަން ކުރުމުގެ ޙައްޤު ހޯދުމަށެވެ.

ދެފަރާތުންވެސް ބޭނުންވަނީ މަސްވެރިކަން ކުރުމަށް އެއްބައެއްގެ ކަނޑުގެ ސަރަޙައްދުގައި އަނެއްބަޔަކުވެސް މަސްވެރިކަން ކުރުމަށެވެ. އަދި މަސްވެރިކަމުގެ މިސަކަރާތުގައި އެއްބަޔަކު އަނެއްބަޔަކާ ތަޅައިނުފޮޅައި އުޅެވޭނެ ގޮތެއް ހޯދުމަށެވެ. އުޅަނދުތައް އެކަތީގެ ހުންގާނުގެ މޮއި މަތީގައި އަނެކަތި އެނބުރިޔަ ނުދިނުމަށެވެ.

ޔޫރަޕުގެ އިއްތިޙާދުން ބޭނުންވަނީ އެ އިއްތިޙާދުގެ މަސްވެރިކަމުގެ ވިޔަފާރީގެ ޞިނާޢަތަށް ނަފާތަކެއް ގެނެސްދޭ ކަނޑުތަކަށް ވަދެވޭނެ ގޮތެއް ހޯދުމެވެ. ކުރިއަށްއޮތް ހުރިހާ ދުވަހެއްގައި އެކަން ދެމިއޮންނާނެ ގޮތްތައް އެކިއެކި އުކުޅުތަކާއި ރޭވުންތަކުން ނެރެން އެމީހުން މަސައްކަތް ކުރާނެއެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ވޮން ޑަރ ލޭޔަން ޔޫރަޕުގެ އިއްތިޙާދުގެ ޕާރލަމެންޓުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މަސްވެރިކަމާމެދު މަޝްވަރާކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމުގައެވެ. އޭނާ ވިދާޅުވީ ހުރިހާ ކަމެއް އެއްފަރާތްކޮށް އެންމެ ތެދުވެރި ގޮތުގައި އެއްޗެއް ބުނާނަމަވެސް މިއީ ޙައްލެއް ހޯދޭނެ ސުވާލެއް ނޫންކަމަށް ބައެއްފަހަރު ހީފުޅުވާ ކަމުގައެވެ.

ޔޫރަޕުގެ އިއްތިޙާދުގެ މެމްބަރެއްގެ ގޮތުގައި އޮވެ އިނގިރޭސިވިލާތަށް ޖެހުނީ މަސްވެރިކަމާބެހޭ ޢާންމު އެއްސިޔާސަތެއްގެ ދަށުން ކަނޑުގައިވެސް ބައިއަޅައިގެން ތިބޭށެވެ. ނަމަވެސް އިނގިރޭސިވިލާތުން އޭރުއްސުރެވެސް ބުނަމުން ދިޔައީ މިއީ އެ ޤައުމުގެ މަސްވެރިކަމުގެ ޞިނާޢަތަށް ބޭއިންޞާފުން ނުޙައްޤެއް ކަނޑައަޅައިފައި ބޭއްވުން ކަމުގައެވެ.

ޔޫރަޕުން ކަނޑުތަކުގެ ޙިއްޞާ ބަހާފައިވާ ގޮތް

އިނގިރޭސި ވިލާތުގެ ކަނޑުތައް ކޮންޓުރޯލުކުރުމަށް އެޤައުމަށް ލިބިގެންވާ ޙައްޤާއިމެދު ޔޫރަޕުގެ އިއްތިޙާދަކުން އެއްވެސް ސުވާލެއް އުފައްދައިފައެއް ނުވެއެވެ. އެހެން ނަމަވެސް ވިޔަފާރީގެ އެއްބަސްވުމަކާއި ޔޫރަޕުގެ އިއްތިޙާދުގެ އަމިއްލަ ވިޔަފާރީގެ ބާޒާރަށް ފުރުޞަތު ހޯދުމަށްޓަކައި އިނގިރޭސިވިލާތުގެ ކަނޑުތަކަށް އެ އިއްތިޙާދުގެ މަސްވެރީންވަދެ މަސްވެރިކަންކުރަން ހުއްދަކުރަންވާނެ ކަމަށް ބުނެއެވެ. އޭގެތެރޭގައި ފްރާންސާއި ނެދަރލޭންޑްސްއާއި ބެލްޖިއަމް ފަދަ ޤައުމުތަކަށް ފުޅާދާއިރާއެއްގައި އެކަނޑުތަކުގައި މަސްވެރިކަންކުރަން ހުއްދަ ދޭންވާނެ ކަމުގައެވެ.

މިވާހަކަތައް އަމާޒުކޮށްފައިވަނީ އެކިޔާ އިޤްތިޞާދީ ޚާއްޞަ ސަރަޙައްދު ނުވަތަ އެކްސްކްލޫސިވް އިކޮނޮމިކް ޒޯނަށެވެ. އެއީ އިނގިރޭސިވިލާތުގެ އައްސޭރީން 12 މޭލުން ފެށިގެން 200 ނޯޓިކަލް މޭލާ ހިސާބަށް އުޅަނދުތަށް ވަދެ މަސްވެރިކަން ކުރެވޭނެ ގޮތް ހެދުމަށެވެ. މި މަޝްވަރާތަކުގައި 6 މޭލާއި 12 މޭލާއި ދެމެދުގެ ސަރަޙައްދަށްވެސް ވަނުމާއި ގުޅޭގޮތުން ވާހަކަ ދެކެވުނެވެ. ސަބަބަކީ ޒަމާނުއްސުރެ އެ ސަރަޙައްދަކީ ފްރާންސުން ވަދެއުޅޭ ސަރަޙައްދެއްކަމަށް ވާތީއެވެ. އެހެން ނަަމަވެސް އެއީ ރަސްމީކޮށް ޔޫރަޕުގެ އިއްތިޙާދުގެ އިޚުތިޞާޞްގެތެރޭގައި އޮތްކަމެއް ނޫނެވެ.

ޔޫރަޕުގެ އިއްތިޙާދުގައި ނުހިމެނޭ ޤައުމުތަކާއި އެ އިއްތިޙާދާއި ދެމެދު މަސްވެރިކަންކުރާނެ ގޮތެއްގެ ބައެއް އުޞޫލުތަކެއް އޮވެއެވެ. އެގޮތުން އެ އިއްތިޙާދުން ބައެއް ޤައުމުތަކާއެކު ވެފައިވާ ދޭދޭ އެއްބަސްވުމުގެ ދަށުން މަސްވެރިކަމުގައި ޤާނޫނީގޮތުން ފިޔަވަޅެއް ނޭޅޭނެ ކަންކަން އިންތިޒާމުވެފައި ވެއެވެ. އެގޮތުން ނޯވޭއާއި ފާރީ އައިލެންޑު ފަދަ ޤައުމުތަކާއިއެކު ވެފައި އޮންނަ އެއްބަސްވުން ހިމެނެއެވެ. މިއީ ގުޅިގެން މަސްވެރިކަން ކުރުމާއި މަސްވެރިކަން ދަށް ނުވާނެ ގޮތަކަށް އެކަންކުރުމުގެ ނަމުގައި އެއްބަސްވެފައިވާ އުޞޫލުތަކެކެވެ. އެއާއެކު އެއީ ޔޫރަޕުގެ މަސްވެރީން އެ ސަރަޙައްދުގެ ކަނޑުތަކަށްވަދެ މަސްވެރިކަން ކުރަން ފުރުޞަތު ހޯދައިފައިވާ އެއްބަސްވުމެކެވެ.

ޔޫރަޕުން 2019 ވަނައަހަރު މަސްވެރިކަންކޮށްފައިވާ ސަރަޙައްދުތައް

ނޯވޭއިންވަނީ އިނގިރޭސިވިލާތާއިއެކު މަސްވެރިކަމުގައި އެއްބާރުލުންދޭނެ ދޭދޭ ގުޅުމުގެ ވިއުގަނޑެއްގެ އެއްބަސްވުމެއް ސެޕްޓެމްބަރުމަހު އެކުލަވައިލައިފައެވެ. އެހެން ނަމަވެސް ނޯވޭއަކީ ޔޫރަޕުގެ އިއްތިޙާދާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކޮށްފައިވާ ޤައުމެކެވެ. އެއީ ޔޫރަޕުގެ އިޤުތިޞާދީ ސަރަޙައްދުގެ ތެރޭގައި މެމްބަރެއްގެ ގޮތުގައި އޮތުމުގެ އެއް ޝަރުޠު ކަމަށް ހަދައިފައެވެ.

ނޯވޭއިން މިހާރު ބުނެފައިވަނީ އިނގިރޭސިވިލާތާއި ޔޫރަޕުގެ އިއްތިޙާދުގެ މަސްވެރި އުޅަނދުތަކަށް 2021 ގެ ފުރަތަމަ ދުވަހުން ފެށިގެން އެ ސަރަޙައްދުގެ ކަނޑުތަކަށް ވަދެވޭނީ ޝަރުޠުތަކެއް ކޮށްގެން ކަމަށެވެ. އެއީ ޑިސެމްބަރުގެ ނިޔަލަށް ތިންފަރާތުުން އެއްބަސްވާގޮތެއް ނުނިންމޭނަމަ އިއްތިޙާދާއި އިނގިރޭސީންނަށް އެކަނޑުތަކަށް ނުވަދެވޭނެ ކަމަށެވެ.

ޔޫރަޕުގެ އިއްތިޙާދުގެ މަސްވެރިކަމާބެހޭ ޢާންމު ސިޔާސތުގެ ދަށުން ކޮންމެ ޤައުމަކަށްވެސް މަސްވެރިކަން ކުރުމަށް ކޯޓާއެއްވަނީ ކަނޑައިޅައިފައެވެ. އެ ސަރަޙައްދުގެ ކަނޑުތަކުގައި މަސްވެރިކަން ދަށްވެ ބޭނޭނެ މަސް ނުލިބެން ފެށުމުން އެމީހުން ކަނޑައެޅި ކޯޓާއެކެވެ. އަދި އެސަރަޙައްދަކީ ދުނިޔޭގައި 4 ވަނައަށް މަސް އާލާވާ ސަރަޙައްދަށް ވެފައި މަސްވެރިކަމުގެ އަގު އެންމެ ބޮޑުވެސް ހިސާބެވެ.

ޔޫރަޕުގެ މަސްވެރިކަމާއިބެހޭ ވަޒީރުންވަނީ މަސްވެރިކަމުގެ ހުރިހާ ބާވަތަކަށް އެ ބައްރުގައި ކޯޓާ ކަނޑައަޅައިފައެވެ. އެއީ މަސް ބޭނޭނެ އެންމެ ގިނަ ޢަދަދުގެ ނަމުގައެވެ. އަދި އަހަރަކު އެއްފަހަރު މިކަމާގުޅޭ ގޮތުން ފަށާ މަޝްވަރާތައް ދުވާލުގެ ހެނދުނުގެ ވަގުތުން ފެށިގެން ރޭގަނޑުގެ މެންދަމާއި ހިސާބަށް ދިގުލައިގެން ދެއެވެ. މިކަމުގެ ބޭނުމަކީ ޔޫރަޕުގެ ހުރިހާ ޤައުމުތަކަށްވެސް ދިގު މުއްދަތެއްގައި އެއްވަރެއްގެ ނަފާއެއް މަސްވެރިކަމުން ހޯދައިދިނުން ކަމަށް ބުނެއެވެ. އެހެން ނަމަވެސް ކޮންމެ އަހަރަކުވެސް މި ކޯޓާއާމެދު މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުންތައް ބައެއްފަހަރު ހޫނުވެގެންވެސް ދެއެވެ.

އިނގިރޭސިވިލާތުން ބޭނުންވާ އެއްކަމަކީ ޒޯނަލް އެޓެޗްމަންޓުގެ ނަމުގައި އޮންނަ ފޯރމިއުލާއެއް ބޭނުން ކޮށްގެން ކަނޑުތަކުގައި މަސް އުޅޭ މިންވަރު ހިސާބުކުރާ ގޮތް ބަދަލު ކުރުމަށެވެ. ނަމަވެސް ޔޫރަޕުގެ އިއްތިޙާދުން ބޭނުންކުރަނީ 1970 ގެ ތަފާސްހިސާބުތައް ބޭނުންކޮށްގެން ހަދައިފައިވާ މޮޑެލް އެކެވެ. އިނގިރޭސި ސަރުކާރުން ބުނަކީ މިގޮތަށް އަނދާޒާ ކުރުމުން މިހާރު މަސް އުޅޭ ހިސާބުތައް ކަށަވަރުކަމާއެކު ދެނެގަނެވޭނެ ކަމަށެވެ.

އެހެން ނަމަވެސް ޔޫރަޕުގެ އިއްތިޙާދުން އިނގިރޭސީންގެ މިމަސައްކަތާ ދެކޮޅުހަދައެވެ. އެގޮތުން މަސްވެރި ހިސާބުތަކަށް ވަދެވޭނެ ފުރުޞަތުތަކާއި ކޮންމެ އަހަރަކު ކުރާ މަޝްވަރާތަކަށް ރިޢާޔަތްކޮށް ކޯޓާ އިތުރުކުރުމަށް ކުރާ މަސައްކަތްތަކަށް ޔޫރަޕުގެ އިއްތިޙާދުން ދެކޮޅު ހަދައެވެ. އީޔޫއިން ބުނެފައިވަނީ އެއީ ޔޫަރަޕުގެ މަސްވެރިކަމުގެ ޞިނާޢަތް ދެމެހެއްޓުމަށް ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމުގައެވެ.

މި މަޝްވަރާތަށް ގާތުން ބަލަމުންގެންދާ އަދި އެކަމާ ގުޅުންހުރި ފަރާތަކުން ބުނެފައިވަނީ އީޔޫގެ ހުށަހެޅުމަށް އިނގިރޭސީން ވަނީ މިދިޔަ ހުކުރު ދުވަހު ދެކޮޅުހަދައިފައި ކަމުގައެވެ. އެއީ މިހާރު އިނގިރޭސިވިލާތުގެ ކަނޑުތަކުން އީޔޫގެ މަސްވެރީން އަހަރެއްގެ މައްޗަށް މަސްވެރީން ހޯދާ 650 މިލިއަން ޔޫރޯއިން 25 އިންސައްތަ އީޔޫއަށް ގެއްލިދާނެތީއެވެ. އިނގިރޭސީން ބޭނުންވަނީ 60 އިންސައްތައާއި ގާތްކުރާ މިންވަރަކަށް މި ޢަދަދު ދަށްކުރުމަށެވެ.

އިނގިރޭސީން 2018 ވަނައަހަރު ދިރާސާއަކަށް ރިޢާޔަތްކޮށް ލަފާކޮށްފައިވަނީ ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމް ނުކުރެވިއްޖެނަމަ ކުރިއަށް އޮތް 15 އަހަރު ދުވަހުގެ ތެރޭގައި އެ ޤައުމުގެ އިޤުތިޞާދު ކުޑަވެގެން 2.6 ދަށްވެދާނެ ކަމަށެވެ. އެއީ މަޝްވަރާތަކުން ޔޫކޭއަށް ލިބިގެންވާ މަސްވެރިކަމުގެ ޙައްޤުން ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް 0.1 ވަގަށް ނެގުންކަހަލަ ކަމެއް ކަމުގައެވެ.