އިންޑިޔާގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ އޭނާގެ އިންސްޓަގްރާމަށް ދޫކޮށްލި ފޮޓޯއާއެކު ގިނަބައެއްގެ މަރުހަބާގެ މެސްޖްތައް އޭގެ ކޮމެންޓްކުރާ ބަޔަށް އޮހިގެން ދިޔައެވެ.

ގިނަ ބަޔަކު ބުނަމުންދިޔައީ ނޭހާ ކައިވެނިކުރިތާ ދޮޅުމަސްވީއިރު ބަލިވެއިންކަން ހާމަވާގޮތަށް އިން ފޮޓޯ ފެނުމުން ހައިރާންވާ ކަމަށެވެ.

ގިނަ ބަޔަކު ނޭހާގެ ބަލިވެއިން ހަބަރާއެކު އުފާފާޅުކުރަމުން ދަނިކޮށް އޭނާވަނީ އެފޮޓޯގައި ފޮރުވިފައިވާ ހަގީގަތް އިއްޔެ ހިއްސާކޮށްފައެވެ.

ހަގީގަތަކީ ނޭހާ އިނީ ބަލިވެ ނޫންކަމެވެ. ސޯޝަލް މީޑިއާއަށް ދޫކޮށްފައިވަނީ ނޭހާ އަދި ފިރިމީހާ ރޯހަން ޕްރީތް ސިންގްއާ ދެމީހުންގެ ކުރިއަށްއޮތް ލަވަ "ޚަޔާލް ރަކްޔާކަރް" ގެ ޕޯސްޓަރއެކެވެ.

ނޭހާވަނީ ފޮޓޯގެ ބެކްގްރައުންޑް ބަދަލުކޮށް އެލަވަ ނެރޭނެ ތާރީޚާއި އެކީގައި އިއްޔެ އާ ފޮޓޯއެއް ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ. އެއާއެކު ގިނަބައެއްގެ ފާޑުކިއުންތައްވެސް ނޭހާއަށްވަނީ އަމާޒުވެފައެވެ.

މިމަހުގެ 22 ވަނަ ދުވަހު ލަވަ ނެރުމަށް ހަމަޖެހިފައިވާއިރު ނޭހާވަނީ، އޭނާގެ ކައިވެނީގެ ކުރިންވެސް ފިރިމީހާ ރޯހަންއާއެކު ކުޅުނު ލަވަ "ނޭހޫ ދާ ވިއާ" ލަވަ އާއްމުންނަށް ގެނެސްދީފައެވެ.

ނޭހާ ބުނެފައިވާގޮތުގައި އެލަވައަކީ ރޯހަންއާ ދިމާވުމުގެ މާކުރިން ނޭހާ އަމިއްލައަށް ލިޔެ މިއުޒިކް ތައްޔާރުކޮށްފައިވާ ލަވައެކެވެ.

މިވަގުތު ނޭހާ އަވަދިނެތި އުޅެމުންދަނީ ސޮނީ ޗެނަލުން މިހާރު ދައްކަމުން އަންނަ "އިންޑިއަން އައިޑޮލް 12" ގެ ފަނޑިޔާރުކަން ކުރުމުގައެވެ.