މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގެ ހޫބޭ ޕްރޮވިންސުގައި އޮންނަ ވުހާން ސިޓީން ފުރަތަމަ ފަހަރަށް ފެނުނު ކޮވިޑް-19 އަކީ ފަހުގެ ތާރީހެއްގައި ދުނިޔޭގެ ގައުމުތަކަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ވުހާން ސިޓީން ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ގޮތް ނޭނގޭ ބައްޔެއް ފެތުރެމުންދާކަން ހާމަކޮށްފައެވެ. ޗައިނާގައި ފެތުރެމުންދިޔަ ގޮތް ނޭނގޭ ބަލީގެ އަސްލަކީ ސާސް-ކޮވް-2 ކޮރޯނާ ވައިރަސްކަމަށް ނިންމާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 8ވަނަ ދުވަހުގައެވެ. މިހާ ހިސާބުން މިވައިރެހުގެ އަސަރު ދުނިޔޭގެ އެކިކަންކޮޅުތަކަށް ކުރަންފެށިއެވެ.

ކޮވިޑް-19 ރާޅުތައް ދުނިޔޭގެ އެކި ގައުމުތަކަށް ބިންދަމުން ދިޔައިރު ރާއްޖެއަށް މީގެ ރާޅެއް ބިންދާލާނެތީ ސިއްހީ މާހިރުން އެކަމަށް ވަގުތުން ތައްޔާރުވާން ފެށިއެވެ. އެގޮތުން ރާއްޖޭގެ މައި ބޯޑަރު ކަމަށްވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް މެދުވެރިކޮށް އެކި ގައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިން ސްކްރީން ކުރަންފެށިއެވެ. އެހެންނަމަވެސް ކޮވިޑްގެ ރާޅު ރާއްޖެއިން ބިންދާލަން މާގިނަ ދުވަހެއް ނުނެގިއެވެ. މާޗް މަހުގެ 7 ވަނަ ދުވަހު ކުރެއްދޫ އައިލެންޑް ރިސޯޓްގެ ދެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓްވެ ރާއްޖެވެސް ކޮވިޑް އޮތް ގައުމުތަކުގެ ލިސްޓަށް އިތުރުވިއެވެ. މިއާއެކު ރާއްޖެއިން ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތައް އަޅަންފެށިއެވެ. އެގޮތުން މާޗްމަހުގެ 12 ވަނަ ދުވަހު ވަނީ މުޅި ރާއްޖެ ހިމެނޭހެން ސިއްހީ ކުއްލިނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ.

ރާއްޖެއިން ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވީ މާޗްމަހުގެ 27 ވަނަ ދުވަހުގައެވެ. އެއީ އިނގިރޭސި ވިލާތުން ރާއްޖެ އައި ދިވެއްސެކެވެ. ރާއްޖޭގެ ވެރިރަށް މާލެއިން ފުރަތަމަ ފަހަރަށް މީހަކު ޕޮޒިޓިވްވީ އޭޕްރީމަހުގެ 15 ވަނަ ދުވަހުއެވެ. އެއީ ދިވެއްސެކެވެ. އެއާއެކު ކޮވިޑްގެ ނުރައްކާތެރިކަން މުޅި ރާއްޖެއަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު ރައްޔިތުންގެ ހިތުގައި އުފެދިގެންދިޔައެވެ. އެހެންކަމުން ހަމަ އެދުވަހު ސަރުކާރުން ވަނީ މާލެ ސަރަހައްދު 24 ގަޑިއިރަށް ލޮކްޑައުންކޮށްފައެވެ. އަދި ޖެހިގެން އައިދުވަހު އަނެއްކާވެސް ވަނީ އިތުރު 24 ގަޑިއިރަށް ލޮކްޑައުން ދިގުދަންމާފައެވެ. މާލެ ދިގު މުއްދަތަކަށް ލޮކްޑައުންކުރީ އޭޕްރީލް 17 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން ޖޫން 15 ވަނަ ދުވަހާ ހަމައަށް މާލެ ލޮކްޑައުން ކޮށްފައި ބޭއްވުމަށްފަހުވަނީ ލުއިތަކެއް ދީފައެވެ. މިލުއިތައް ދިން އިރުވެސް ކޭސްތައް އިތުރުވެދާނީ ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ދިޔައީ އިރުޝާދުތައް ދެމުންނެވެ. އަދި މިލުއިތަކާއެކު އޯގަސްޓުމަހު އަނެއްކާވެސް ޕީކަކަށް ހިނގައިދާނެ ކަމުގެ ހަނދާންތައްވެސް ސިއްހީ މާހިރުންދިޔައީ ކޮށްދެއްވަމުންނެވެ.

އޯގަސްޓު މަހުގެތެރޭގައި ރާއްޖެއިން ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތައް 100 މައްޗަށް އެރިއެވެ. އެހެންނަމަވެސް އިތުރު ލޮކްޑައުންއަކަށް ނުގޮސް ކޭސްތައް މަދުކުރުމަށް އެޗްޕީއޭއާއި ރައްޔިތުން ކުރަމުންދިޔަ މަސައްކަތަށް ކާމިޔާބު ލިބުނީ ޑިސެމްބަރު މަހުގެ ޕޮޒިޓިވް ކޭސްތަކުގެ އަދަދު ދިހައަކަށް ތިރިވުމުންނެވެ. މިދިޔަ ހަތްދުވަހުގެތެރޭގައި ކޮވިޑްގެ ޕޮޒިޓިވް ކޭސްތަކުގެ އަދަދު ހުރީ 20 ދަށުގައެވެ. މިއާއެކު އެޗްޕީއޭއިން އަޅފައިވާ ބައެއް ފިޔަވަޅުތައް އުވާލާ ބޮޑެތި ލުއިތަކެއްވަނީ ދީފައެވެ. އެހެންނަމަވެސް މިމަހުގެ 19 ވަނަ ދުވަހުގެރޭ އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ޕޮޒިޓިވްކޭސްތައް އަނެއްކާވެސް މައްޗަށް ހިނގަދާނެ ކަމުގެ ބިރު މިވަނީ އުފެދިފައެވެ. އެދުވަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދަދު ވަނީ 30 އަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، 18 ވަނަ ދުވަހުގެ ހަވީރު 6:00 އިން ފެށިގެން 19 ވަނަ ދުވަހުގެ ހަވީރު 6:00 ގެ ނިޔަލަށް، ޓެސްޓު ކުރެވުނީ 3،768 ސާމްޕަލް ކަމަށާއި، މީގެ ތެރެއިން 30 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 10 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. 6 މީހަކު ނިސްބަތްވަނީ އަތޮޅުތެރޭގެ ރަށްތަކަށެވެ. 5 މީހަކު ނިސްބަތްވަނީ ރިސޯޓްތަކަށެވެ. 7 މީހަކު ނިސްބަތްވަނީ އަލަށް ތަރައްގީކުރާ ރަށްތަކަށެވެ. އަނެއްމީހާ ނިސްބަތްވަނީ ސިނާއީ މަސައްކަތްކުރާ ރަށަކަށެވެ. މިއާއެކު، ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 13،474 އަށް އަރާފައެވެ. މިވަގުތު އެކްޓިވް ކޭސަސްގެ ގޮތުގައި 541 މީހުން ތިބި އިރު މީގެތެރެއިން 47 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާދެމުންނެވެ.

މާލޭ ސަރަހައްދުން އަތޮޅުތެރެއަށްދާ މީހުން 10 ދުވަހަށް ކަރަންޓީން ވާންޖެހޭ ގޮތަށް އޮތް އުމަށް ބަދަލުނަޔަސް ގިނަ ލުއިތަކެއް އެޗްޕީއޭއިން މިވަނީ ދީފައެވެ. އެގޮތުން ރާއްޖެއިން ބޭރުންނަށް އަންނަ ދިވެހިންނާ ވޯކްވިސާގައި އަންނަ ބިދޭސީންގެ އަތުގައި 96 ގަޑިއިރުނުވާ ނެގެޓިވް ޕީސީއާރް ޓެސްޓެއް އޮތްނަމަ ކަރަންޓީން ވާކަށް ނުޖެހެއެވެ. އެހެންނަމަވެސް އެފަދަ ފަރާތްތަކުން ގޭގައި އުޅޭއިރު 10 ދުވަސްވަންދެން މާސްކު އެޅުމަށާއި އެކަހެރިވެ ތިބުމަކީ އެދެވިގެންވާކަމެއްކަމަށް އެޗްޕީއޭގެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އަދި ކުރުމުއްދަތަށް އެކި ބޭނުންތަކަށް އަތޮޅުތެރެއަށް ދަތުރުކުރާ ފަރާތްތަކުން ޕީސީއާރް ޓެސްޓް ހަދާކަށް ނުޖެހެއެވެ.

މިފަދަ ލުއިތައް އެޗްޕީއޭއިން ދީފައިމިވަނީ އާންމުންނަށް ފަސޭއަކަށެވެ. އެހެންނަނަމަވެސް މިލުއިތައް އޮތްކަމުގައި ވީނަމަވެސް ފަރުދީ ޒިންމާ އަދާނުކުރާނަމަ ކޭސްތައް އިތުރުވެދާނެ ކަމުގެ ބިރުއެބައޮތެވެ. ސަމާލުވާންޖެހެނީ ލުއިތަކާއެކުވެސް ފަރުދީ ޒިންމާ އަދާކޮށް ކޭސްތައް މައްޗަށް ދިޔަނުދީ ހިފެހެއްޓުމަށެވެ.