އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވެރިކަން ދޫކޮށް ލެއްވުމަށް ކުރައްވާ އިންކާރު ގަދަކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއް ހޫނުވެއްޖެއެވެ.

ރައްޔިތުންގެ ވޯޓުން ވެރިކަމުން ބާލައިފައިވާ ރައީސް ޓްރަމްޕު ވައިޓްހައުސްގެ އޯވަލް އޮފިހުގައި އޮތް މި ބައްދަލުވުމުގައި ވަކީލު ސިޑްނީއާއި އޭނާގެ މުވައްކިލު، ޓްރަމްޕުގެ ކުރީގެ ޤައުމީ ސަލާމަތާއިބެހޭ މުސްތަޝާރު މައިކަލް ފްލިންވެސް ބައިވެރިވެ ވަޑައިގަތެވެ.

ސީއެންއެންއިން ބުނެފައިވަނީ މިމަޢުލޫމާތު ހާމަކޮށްފައިވަނީ ކަމާގުޅުންހުރި ދެފަރާތަކުން ކަމަށެވެ.

އެބޭފުޅުން ސިފަކުރައްވާފައިވާ ގޮތުގައި އެ ބައްދަލުވުން ފެށުނީ ކުރީން އެންގުމަކާނުލައި އެއްވެސް ރޭވުމެއްނެތި ކުއްލިއަކަށް ކަމުގައެވެ.

ނަމަވެސް ގިނައިރުތަކެއްނުވެ އެކަކު އަނެކެއްގެ ބޮލަށް ކަންކަން ޖަހައި ތުހުމަތުތައްކޮށް އެންމެފަހުން ވަރަށް އަޑުގަދަ ޒުވާބުގަނޑަކަށް ބައެއްފަހަރު މިބައްދަލުވުން ދިޔައެވެ.

ބައްދަލުވުމުގެ ބައިވެރީންގެ ބައެއް ނުކުތާތަކަށް އެކަކު އަނެކަކަށް ރައްދުދިނުމާއި ހޫނު ބަހުސް ހިނގިއެވެ. ޚާއްޞަކޮށް ޕަވަލްއާއި ފްލިންގެ ފަރާތްޕުޅުން އަތްނުފޯރާހިސާބުގެ ޚިޔާލުތައް އައުމުން ޓްރަމްޕުގެ މުސްތަޝާރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން އެކަމަށް އިންކާރު ކުރެއްވުމުންނެވެ. އެއީ އިންތިޚާބު އެކޮޅުކޮޅުން ޖެހުމަށް ހުށަހެޅުއްވި ޚިޔާލު ފުޅެވެ. އެހެން ގޮތަކަށް ބުނާނަމަ އިންތިޚާބު އޮޅައިލެއްވުމަށް ޓްރަމްޕަށް ދެންނެވުމުންނެވެ.

ނިމިގެންދިޔަ ހަފްތާގެ ކުރީކޮޅު ފްލިން ޚިޔާލު ދީފައިވަނީ ރައީސުލް މުންތަޚަބް ޖޯ ބައިޑެންއާ ވާދަކުރައްވައިގެން ޓްރަމްޕަށް ނާކާމިޔާބުވެ ވަޑައިގަތް އިންތިޚާބު ބާޠިލް ކުރެއްވުމުގެގޮތުން މާޝަލް ޤާނޫނު އިޢާދް ކުރެވިދާނެ ކަމުގައެވެ. މިޚިޔާލު އޯވަލް އޮފީހުގައި އަލުން އުފުލައިލެވިގެން ބައްދަލުވުމުގެ ބައިވެރީންގެ މެދުގައި އަޑުގަދަވާން ފެށީއެވެ. އެހެން ނަމަވެސް ޓްރަމްޕު އެ ޚިޔާލުފުޅަށް ތާއީދު ކުރެއްވިކަމެއް އަދި މާ ސާފުކޮށް އެނގިފައެއްނުވެއެވެ. ނަމަވެސް ދެން ތިއްބެވި ބޭފުޅުންގެ ކަނޑައެޅިގެން އިންކާރު ކުރައްވައި އެ ޚިޔާލު ރައްދު ކުރެއްވީއެވެ.

މި ބައްދަލުވުމުގެ ވާހަކަ އެންމެ ފުރަތަމަ ރިޕޯރޓުކޮށްފައިވަނީ ނިއުޔޯރކް ޓައިމްސްއިންނެވެ.

މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތް ވައިޓްހައުސްގެ މުސްތަޝާރުން ވަނީ ވޯޓު އޮޅުވައިލިކަމަށް ކުރާ ތުހުމަތުތައް ޙަޤީޤަތަކަށް ހެދުމަށްޓަކައި ތަޙުޤީޤެއް ހިންގުމަށް ހުށަހަޅުއްވައިފައެވެ. އަދި ވަރަށް ގަދައަށް ބާރު އަޅުއްވައި ވައިޓްހައިސްގެ ޗީފް އޮފް ސްޓާފް މާރކް މެޑޯ އާއި ޕެޓް ސިޕަލޯނީ ވަނީ ޕަވަލް އިސްކޮށް ހުންނަވައި އެ ތަޙުޤީޤު ކުރިއަށް ގެންދެވުމަށް ހުށަހަޅުއްވައިފައެވެ. އަދި ސީދާ ޕަވަލްގެ ނަން ވިދާޅުވެ ޓްރަމްޕުގެ ސަރުކާރުންވެސް ނުކުރާނެ ކަމަށްބުނި ތަޙުޤީޤު ހިންގާ ޚައްޞަ ކައުންސެލްއަކަށް ޕަވަލް ހަމަޖެއްސެވުމަށް ދަންނަވައިފައެވެ. ނުވަތަ ޓްރަމްޕުގެ ސަރުކާރުން ކޮންމެވެސް ކަހަލަ ތަޙުޤީޤީ ރޯލެއް އަދާކުރައްވާ ބޭފުޅެއްގެ ޒިންމާއެއް ޕަވަލްއާއި ޙަވާލުކުރުން ރަނގަޅު ކަމުގައެވެ.

ޕަވަލްގެ ހުރިހާ ރޭވުންތަކެއް އަމާޒުކުރައްވައިފައިވަނީ ވޯޓުލާ މެޝިންތަކަށެވެ. އެ ކަމާކުރެއްވި ފިކުރުތަކުގެ ތެރެއިން ފާޅުކުރެއްވި ޚިޔާލަކީ އެ މެޝިންތަކުގައި ސިއްރު ކަންތައްތަކެއް ނުވަތަ މައްސަލައެއް ހުރިތޯ ބެލުމަށް ޚައްޞަ ކޮމިޝނަކުން ތަޙުޤީޤު ކުރެއްވުމެވެ.

އަނެއް ޚިޔާލަކީ ރިޔާސީ އަމުރަކުން ވޯޓުލާ މެޝިންތައް ބަލައި ފާސްކުރެވޭނެ ބާރު ސަރުކާރަށް ދިނުމެވެ.

އެއްބޭފުޅަކު ސިފަކުރެއްވި ގޮތުގައި އެ ބައްދަލުވުމަކީ ވަރަށް ހަޑިމުޑުދާރު ބައްދަލުވުމެކެވެ. އެއީ، ޕަވަލްއާއި ފްލިންއާއި ދެބޭފުޅުން އިންތިޚާބުގެ ނަތީޖާ އަނެއްކޮޅަށް ޖައްސަވަން މަސައްކަތް ކުރައްވަމުން ގެންދަވާއިރު ދެން ތިއްބެވި ބޭފުޅުން ޓްރަމްޕު ދޫކޮށްލެއްވިކަމަށް ވިދާޅުވެ އިނގިލި ދިއްކުރެއްވުމުން އުފެދުނު ޒުވާބުގެ ސަބަބުން ކަމަށެވެ.

އެއް މަޞްދަރަކުން ބުނެފައިވަނީ އެ ބައްދަލުވުން އޮތީ ހުޅުފަޅައިގެން ގޮސްފައެވެ. އިންތިޚާބު ގެއްލުނު މައްސަލައިގާ އެކަކު އަނެއްގެ ބޮލަށް ޖަހަމުންދާ ކަންކަމުގައި ގުޅަމަތި ހިފަނީ ކަމުގައެވެ. އޯވަލް އޮފީހުގައި ހިނގާނެ ކަމަށް ޤަބޫލުކުރަން ދަތި ޒުވާބެއް ކަމުގައެވެ.

އަނެއް މަޞްދަރަކުން ސިފަކުރި ގޮތުގައި ޓްރަމްޕުގެ ވެރިކަން ނިމި ވައިޓްހައުސްއިން ނިކުމެ ވަޑައިގަންވާވަގުތު ކައިރިވަމުން ދާއިރު ދެން ނަންގަވާނީ ކޮންކޮން ފިޔަވަޅުތަކެއް ކަމާއިމެދު ޓްރަމްޕުގެ މުސްތަޝާރުންގެ މެދުގައި ކަންބޮޑުވުން އިންތިހާއަށް ދަފަދަ ޙާލަތެއް އޮތެވެ. އަދި އެ ކަންބޮޑުވުން އޮތް ބޭފުޅުންގެ ތެރޭގައި ކުރީން ގޮތްގޮތަށް އުކުޅުތައް ނެރުއްވައިގެން އިންތިޚާބު ބަދަލުކުރައްވަން އުޅުއްވި ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.

ހުކުރު ދުވަހު އޮތް މިބައްދަލުވުން ނިމުމަކަށް އައުމާއެކު ހޮނިހިރު ދުވަހު ޓްރަމްޕުގެ ކެމްޕެއިން ސްޓާފުންނަށް ކެމްޕެއިންގެ ޤާނޫނީ ޓީމުން ވަނީ މެމޯއެއް ފޮނުވައިފައެވެ. މި މެމޯގައިވަނީ ޑޮމިނިއަން އެޖެންސީގެ ވޯޓުލާ ނިޒާމާއި ގުޅުންހުރި ހުރިހާ ލިޔުންތަކެއް ރައްކާކޮށް ޙިމާޔަތްކުރުމަށް އަންގައިފައެވެ.

ޑޮމިނިއަން ވޯޓިން މެޝިނުން ޓްރަމްޕު ވޯޓެއް ފޮހެލައިފައެއް ނުވޭ

ޕަވަލް އިންތިޒާރު ކުރައްވަމުން ގެންދަވަނީ އެ ވޯޓުލާ މެޝިންތައް އުފެއްދި ކުންފުނިން ޓްރަމްޕަށް ވާގިދެއްވާ އެޓާނީ ޖެނެރަލާއި ދެކޮޅަށް ދަޢުވާ ކުރައްވާނެ ކަމަށެވެ.

މި މެމޯ ބައިނަލްއަޤުވާމީ ބައެއް މީޑިއާތަކަށް ލިބިފައިވާ ކަމަށް އެފަރާތްތަކުން ބުނެއެވެ. ބައެއް ފަރާތްތަކުން ޑޮމިނިއަން ކުންފުނިން ޕަވަލްއަށް ފޮނުވި ސިޓީއަކަށް ރިޢާޔަތްކޮށް ބުނެފައިވަނީ އެ ކުންފުންޏާއި ދެކޮޅަށް ޕަވަލް ކުރެއްވި ތުހުމަތުތައް އަނބުރައި ގެންދެވުމަށެވެ. އަދި ޓްރަމަޕްގެ ކެމްޕެއިން ސްޓާފުންނަށް އަންގައިފައިވަނީ އެއްވެސް ލިޔުމެއް އޮޅުވައިނުލުމަށާއި ހަލާކު ނުކުރުމަށާއި ނައްތައި ނުލުމަށެވެ. އަދި ކަމާގުޅުންހުރި އެއްވެސް ރެކޯރޑަކަށް ގެެއްލުމެއް ނުވާގޮތަށް އަތްމަތި ކޮށްފައި ބޭއްވުމަށް އަންގާފައިވެއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބާއި ގުޅިގެން ޓްރަމްޕުގެ ކެމްޕެއިން ޓީމުގެ ތެރޭގައިވަނީ ބައިބައިވުން އުފެދިފައެވެ. އަދި ކެމްޕެއިންގެ އަމީން ޢާންމު ނުވަތަ ކައުންސެލް ޖެނެރަލް މެޓް މޯރގަންއާއި ޓްރަމްޕުގެ ވަކީލު ރޫޑީ ޖޫލިއާނީއާއި ދެމެދުގައި ނުތަނަވަސްކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ޓްރަމްޕުގެ ކެމްޕެއިން ސްޓާފުންނަށް މެމޯ ފޮނުވައިފައިވަނީ މެޓް މޯރގަންއެވެ.

އެހެން ނަމަވެސް ޓްރަމްޕުގެ ކެމްޕޭން ދުވަސްވަރު ޕަވަލްއާއި އެއްފަރާތައް ޖެހިލި ނަމަވެސް ޓްރަމްޕު އެދިވަޑައިގެންފައިވަނީ ޕަވަލް ފަދައިން ޓްރަމްޕަށް ވާގިދިނުމަށް ގަދައަޅައި މަސައްކަތް ކޮށްދިނުމަށެވެ. އަދި ވީހާ ގިނަބަޔަކު ޕަވަލްގެ އުކުޅުތައް ތަކުރާރުކޮށް އޭނާކުރާ ދަޢުވާ އެންމެންވެސް ކޮށްދިނުމަށް އެދިވަޑައިގެންފައެވެ. އެހެން ނަމަވެސް އެ ވާހަކަތަކަކީ އެއްވެސް ބިންގަލެއްނެތް އަދި ޙީލަތާއި އުކުޅުތަކުން ފުރިފައިވާ ވާހަކަތަކެއް ކަމަށް ޓީވީތަކުންވެސް ފާހަގަވެފައިވެއެވެ.