ކުލިން އާމްދަނީ ލިބޭ އާންމު ފަރުދުންނަށް ދޫކުރާ ލައިފްސްޓައިލް ފައިނޭންސިން އަށް ބީއެލްއެލް އިސްލާމިކް އިން ހޮޔެ ބަދަލުތަކެއް ގެނެސްފިއެެވެ.

މި ފެސިލިޓީ އަކީ ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިން މުރާބަހާ، މުޝާރަކާ، ވަކާލާ އަދި ޢިޖާރާ ގެ ދަށުން އެކުލަވާލެވިފައިވާ ފެސިލިޓީއެކެވެ.

ބީއެމްއެލްއިން ބުނީި، މި ބަދަލާއެކު، ބީއެމްއެލް ލައިފްސްޓައިލް ފައިނޭންސިން އެއްވެސް ރަހުނަކާ ނުލާ 15 އިންސައްތައިގެ ރޭޓުގައި 25،000 ރުފިޔާ އިން ފެށިގެން 300،000 ރުފިޔާ އާ ހަމަޔަށް ދޫކުރާނެކަމަށެވެ.

300،000 ރުފިޔާއިން ފެށިގެން 1.5 މިލިއަން ރުފިޔާއާ ހަމަޔަށް ފައިނޭންސިންގ ބޭނުންވާ ފަރާތްތަކަށް ރަހުނާއެކު 12 އިންސައްތައަށް ކުޑަކުރެވިފައިވާ ރޭޓެއްގައި ފައިނޭންސް ލިބޭނެކަމަށް ބޭންކުން ބުނެއެވެ.

މި ހިދުމަތާއި ގުޅޭގޮތުން ބީއެމްއެލްގެ ޑިރެކްޓަރ އޮފް އިސްލާމިކް ބޭންކިންގ ސުރީ ހާނިމް މުހައްމަދު ވިދާޅުވީ، ކުލީގެ ގޮތުގައި އާމްދަނީ ލިބޭ ފަރާތްތަކަށް ހާއްސަކޮށް ދޫކުރާ މި ފެސިލިޓީއަށް ހެޔޮ ބަދަލެއް ގެނެވުމަކީ ބޭންކަށް ލިބުނު އުފަލެއްކަމަށެވެ.

ބީއެމްއެލް އިސްލާމިކްގެ ޕޯޓްފޯލިއޯ ރަނގަޅުކޮށް އަދި ޝަރުއީ ހަމަތަކާ އެއްގޮތްވާ ފެސިލިޓީ ބޭނުންވާ ކަސްޓަމަރުން އިތުުރުވަމުން ދިޔުމާއެކު، އެންމެ ރަނގަޅު ގޮތްތައް ކަސްޓަމަރުންނަށް ހޯދައިދިނުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާކަން އޭނަ ފާގަކުރެއްވިއެވެ.

ބީއެމްއެލް އިސްލާމިކް ޚިދުމަތްތައް ފަރުމާ ކުރެވިފައިވަނީ އިސްލާމިކް ބޭންކިންގއާ ގުޅޭ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިންނެވެ.

ލައިފްސްޓައިލް ފައިނޭންސިންގ އަށް އެދި ހ.ޒޮނޭރިއާގައި ހުންނަ ބީއެމްއެލްގެ އިސްލާމިކް މާލެ ބްރާންޗަށް ހުށަހެޅޭނެއެވެ. އަދި އަތޮޅު ތެރެއިން ނަމަ ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށްވެސް އެދި ހުށަހެޅޭނެއެވެ.