2019 ވަނަ އަހަރު މުޅި ދުނިޔެއަށް ފެތުރެންފެށި ކޮވިޑް-19 އަކީ ސައިންސްވެރިންނާއި، ޑޮކްޓަރުންވެސް މީގެ ކުރިން ދެކިފައިނުވާވަރުގެ ނުރައްކާތެރި ވައިރަހެކެވެ. މި ވައިރަސް އެންމެ ފުރަތަމަ ޗައިނާގެ ވޫހާން ސިޓީން ފެތުރެންފެށިގޮތަށް މިއަދު މި ވަނީ މުޅި ދުނިޔޭގެ މައްޗަށް މި ބަލި އަތްގަދަކޮށްލާފައެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގައި ދުވާލެއްގެ މައްޗަށް މި ބަލި ޖެހޭ މީހުންގެ އަދަދު މިލިއަނަށް އަރައި، ދުވާލެއްގެ މައްޗަށް ބަލީގައި މަރުވާ މީހުންގެ އަދަދު ލައްކައިން އަރައިގެންދާއިރު، އަޅުގަނޑުމެން އުފާކޮށް ހަމްދުކުރަންޖެހެނީ މި ބައްޔާ ދެކޮޅަށް ހަނގުރާމަކުރުމުގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބީއާއި، ބައްޔާ ދެކޮޅަށް ހަނގުރާމަކުރުމުގައި ގިނަ ބައެއްގެ ފުރާނަ ސަލާމަތްކުރެވުނުތީއެވެ.

ދިވެހިރާއްޖެއިން ކޮވިޑް-19 ގެ ކޭސްއެއް އެންމެ ފުރަތަމަ ފެނުނީ މިއަހަރުގެ މާޗް މަހުގެ 7 ވަނަ ދުވަހުއެވެ. މިއާއެކު ކޮވިޑް-19 ރާއްޖެއަށް އިތުރަށް ފެތުރުނަ ނުދިނުމަށް ގިނަ ބަޔަކު އެކުވެގެން "ފްރަންޓްލައިން"ގައި މަސައްކަތްކުރަންފެށިއެވެ. ބަލި ފެތުރުނަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ބަލި ކޮންޓްރޯލްކުރުމުގައި އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން މިއަދު މި ވަނީ ބަލި ކޮންޓްރޯލްކުރުމުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

އެގޮތުން ރައްޖޭގެ މިއަދުގެ ހާލަތަށް ބަލާއިރު ފެނިގެންދަނީ، މި ބައްޔަށް އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދު، ބަލިން ފަސޭހަވާ މީހުންގެ އަދަދަށްވުރެ މަދު ތަނެވެ. އެގޮތުން އެންމެ ފަހުގެ އަޕްޑޭޓްތަކަށް ބަލާއިރުވެސް މި ބައްޔަށް އަލަށް ޕޮޒިޓިވްވެފައިވަނީ 8 މީހުންނެވެ. ބަލިން ފަސޭހަވެފައިވަނީ 34 މީހުންނެވެ. މިއީ މީގެ ހައެއްކަ މަސްކުރިން ސަތޭކައިން މަތީގައި އުޅުނު އަދަދުތަކެކެވެ.

މުޖުތަައުގެ އެންމެން ގުޅިގެން މިއަދު މި ހޯދާފައިވާ ކާމިޔާބީ ފާހަގަކޮށްލަން ޖެހެއެވެ. މިކަން ރައްޔިތުންނާއި، ސަރުކާރުގެ އިސް އެތައް ބޭފުޅުންނެއް ފާހަގަކުރަމުންދާއިރު، ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް މިކަން ފާހަގަކުރައްވައި ކުރެއްވި ޓްވީޓެއްގައި ވަނީ ދުނިޔެ ސިއްސުވާލި ކޮވިޑުގެ ރަނގަބީލުގެ އަޑު ރާއްޖެއިން މަޑުވާތީ އުފާކޮށް މާތްﷲ އަށް ހަމްދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް މި ރަނގަބީލުގެ އަޑު އަދި ނުކެނޑޭ ކަމަށާއި، ދުނިޔޭގެ ބައެއް ސަރަހައްދުތަކުގައި މި ރަނގަބީލުގެ އަޑު ގަދަވަމުންދާކަމަށް މިނިސްޓަރ ޑރ. މައުސޫމް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެކަމަށް ސަމާލުވުމަށް ޑރ. މައުސޫމް ވަނީ އިލްތިމާސްވެސް ކުރައްވާފައެވެ.

ރާއްޖޭއިން ކޮވިޑް ބަލީގެ ކުލަ ފަނޑުވަމުންދިޔަ ނަމަވެސް އިނގިރޭސިވިލާތުގައި ކޮވިޑް ޖައްސާ ވައިރަހުގެ ތަފާތު ވައްތަރެއްގެ ވައިރަހެއް ދަނީ ފެތުރެމުންނެވެ. މި ވައިރަސް، ރާއްޖެއިން ތަޖުރިބާކުރި ވައިރަހަށްވުރެ މާ އަވަސް މިނެއްގައި ފެތުރޭކަމަށް އިނގިރޭސިވިލާތުގެ ނޫސްތަކުން ދަނީ ރިޕޯޓްކުރަމުންނެވެ.

މިއާއެކު ގައުމުތަކުން އެ ސަރަހައްދަށް ކުރަމުންދާ ވައިގެ ދަތުރުތައްވެސް ދަނީ މެދުކަނޑާލަމުންނެވެ. އެހެންނަމަވެސް އިނގިރޭސިވިލާތުން ރާއްޖެއަށް ކުރާ ދަތުރުތައް ހުއްޓުވުމަށް ރާއްޖެއިން މިހާތަނަށް ފިޔަވަޅެއް އަޅާފައެއްނުވެއެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ތިންވަނައަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ގައުމުގެ ގޮތުގައި ރެކޯޑުކުރެފައިވަނީވެސް އިނގިރޭސިވިލާތް ނުވަތަ ޔުނައިޓެޑް ކިންގްޑަމްއެވެ.

ޔޫކޭގެ ފަތުރުވެރިން ރާއްޖެ އައުން މަނާ ނުކުރާހާ ހިނދަކު މި ނުރައްކާތެރި ވައިރަސް ރާއްޖެއަށް ފެތުރުމުގެ ފުރުސަތު ވަރަށްވެސް ބޮޑެވެ. އެހެންކަމުން ރާއްޖެއިން ފެންނަ ކޮވިޑް-19 ގެ ކޭސްތައް އަށަކުން ސުމަކަށް ބަދަލުކުރުމަށް އެޗްޕިއޭއިން އަންގާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުންމަތީ ދެމިތިބުން ވަރަށް މުހިންމެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރިނަމަވެސް އެ އެންގުންތަކަށް ބޯލަނބައި، އެގޮތަށް އަމަލުކުރުން ވަރަށް މުހިންމެވެ.