ކީރިތި ޤުރްއާން ހިތުދަސްކޮށް، 1 ވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް، މި އަހަރުން ފެށިގެން ޚާއްސަ މެޑެލެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ނިންމަވައިފިއެވެ.

1 ވަނަ ދަރަޖައިގައި މި އަހަރު ފާސްވި ހާފިޒުންނަށް ޚާއްސަ މެޑެލް ދެއްވުން އޮންނާނީ، ދައުލަތުން ދެއްވާ އެކި އިނާމުތައް ދެއްވުމަށް މި ޑިސެންބަރު މަހުގެ 26 ވަނަ ދުވަހުގެރޭ ޖުމްހޫރީ މައިދާނުގައި ބާއްވާ ރަސްމިއްޔާތުގައެވެ.

މި އަހަރު 1 ވަނަ ދަރަޖައިގައި ފާސްވެފައިވަނީ 4 ޙާފިޡުންނެވެ.

ކީރިތި ޤުރްއާން ހިތުދަސްކޮށް، 2 ވަނަ ދަރަޖަ އަދި 3 ވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް، މީގެފަހުން ދެއްވަމުން ގެންދަވާނީ ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރެއްވުމަށް ބާއްވާ ޖަލްސާގައިކަމަށް ރައީސް އޮފީހުން ބުނެއެވެ.

ޑިސެންބަރު މަހުގެ 26 ވަނަ ދުވަހުގެރޭ ސަރުކާރުންދޭ އެކި އިނާމުތައް ދޭން ނިންމާފައިވާއިރު، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ބާއްވާ މި ޖަލްސާގައި ދިނުމަށް ހަމަޖެހިފައިވާ އިނާމުތަކުގެ ތެރޭގައި، ޤައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ހިމެނެއެވެ.

ދިވެހި ދައުލަތުން ދިނުމަށް ހަމަޖެހިފައިވާ އެކިއެކި އިނާމުތައް ދިނުމަށް ބާއްވާ ޖަލްސާ އިންތިޒާމު ކުރަނީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒުންނެވެ.

މި ޖަލްސާގެ ކަންތައްތައް ރާއްވަވަމުން ގެންދަނީ، އެޗްޕީއޭގެ އިރުޝާދާއެކު ކޯވިޑުގެ ހާލަތާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައިކަމަށް ރައީސް އޮފީހުން ބުނެއެވެ.