ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫގައި ހެދުމަށް ހަމަޖެހިފައިވާ ސަރަޙައްދީ ބަނދަރުގެ މަސައްކަތް 45 ދުވަހުގެތެރޭ ނިންމާލެވޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ޓުޓިކޮރިންއާއި ތިނަދުއާ ދެމެދު ކާގޯގެ ޚިދުމަތް ފެށުން ފާހަގަކުރުމާއި ގދ.ތިނަދޫ ސަރަޙައްދީ ބަނދަރު ޤާއިމުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި ތިނަދޫގައި ބޭއްވި ޙާއްސަ ހަފްލާގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް ޢާޒިމް ވިދާޅުވީ 45 ދުވަހުގެތެރޭ މަސައްކަތް ނިންމަވާނެ ކަމަށް ވިދާޅުވި ނަމަވެސް މިއީ ކުޑަ މަސައްކަތެއް ނޫންކަމަށާ މިއީ ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ. އާޒިމް ވިދާޅުވީ މި މަސައްކަތް ބެހިގެންވަނީ ހަތަރު ބަޔަކަށް ކަމަށާ އޭގެތެރޭގައި 45،000 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާ، 3004 މީޓަރުގެ ސަރަހައްދެއްގައި ކޮންކްރީޓް އެޅުމާ، ފެން ހިންދުމުގެ ނިޒާމް ގާއިމްކުރުމުގެ އިތުރުން ވަށާ ފެންސުޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

ރައީސްގެ ލަފާ ފުޅަކީ ވީހާވެސް އަވަހަށް މަސައްކަތްތައް ނިންމުން. އެހެންވެ އަޅުގަނޑުމެން މިއަދު ދޭން ބޭނުންވާ ޔަގީން ކަމަކީ ކުރިއަށް އޮތް 45 ދުވަސް ތެރޭ މި މަސައްކަތް ނިންމާ އިރާދަކުރެއްވިއްޔާ މި އަތޮޅަށް ޚިދުމަތް ލިބިގެން ދާނެ ކަމަށް،"
އެމްޓީސީސީގެ ސީއީއޯ އާދަމް ޢާޒިމް

ޕޯޓު ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި، އެ ބިމުގައި 5،000 އަކަފޫޓުގެ ގުދަނެއް ހަދައި އެޑްމިން އިމާރާތެއް އަޅައި ޔާޑް ލައިޓް އަދި އެހެން ހިދުމަތްތައް ގާއިމް ކުރުމަށް އެމްޓީސީސީ އާއެކު އެއްބަސްވުމެއް އެކުލަވާލާނެ ކަމަށެވެ. ޝާހިދު ވިދާޅުވީ ތިނަދޫ ރީޖަނަލް ޕޯޓުވެސް އޮޕަރޭޓު ކުރާނީ އެމްޕީއެލް އިން ހިންގާ ހދ ކުޅުދުއްފުށި ޕޯޓާއި ސ ހިތަދޫ ޕޯޓާއި އެއްގޮތަށް ކަމަށެވެ. ޝާހިދު ވިދާޅުވީ ތިނަދޫ ސަރަހައްދީ ބަނދަރުގައި މަސައްކަތް ކުރާނެ މުވައްޒަފުން ހޯދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާާނެ ކަމަށާ މުވައްޒަފުން ނެގުމުގައި ތިނަދޫ އާއި ހުވަދު އަތޮޅުގެ ރައްޔިތުންނަށް އިސްކަންދޭނެ ކަމަށެވެ.

ތިނަދޫ ޕޯޓުގައި 180 ފޫޓުގެ މަގަތުފާލަމަކާއި މުދާ ބަހަށްޓާ ބޮޑު ގުދަންތަކާއި އަދި 1200 އަކަފޫޓުގެ އޮފީސް ޢިމާރާތެއް ހުންނަގޮތަށް ޕްލޭން ކުރެވިފައިވެއެވެ.

15 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތިނަދޫގައި އަޅާ ބައިނަލްއަގްވާމީ ބަނދަރުގެ އޮޕަރޭޝަންތައް ފެށުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ 3.3 މިލިއަން ރުފިޔާ ހިމަނާފައެވެ.