ފިލްމީތަރި ޝާހިދު ކަޕޫރުއާއި ތަމަޅަ ފިލްމުތަކުން މަޝްހޫރުކަން ހޯދާފައިވާ ތެލުގޫ އެކްޓަރ ވިޖޭ ސެތުޕަތީ އެކީގައި ކުޅޭ ފުރަތަމަ ވެބް ސީރީސްގެ މަސައްކަތް ފެށުމަށް މިދެތަރިން ނިންމައިފިކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފިއެވެ.
މިއީ "ދަ ފެމިލީ މޭން" ފަދަ ކާމިޔާބު ވެބް ސީރީޒް ޑައިރެކްޓްކޮށްފައިވާ ރާޖް އެންޑް ޑީކޭގެ ޑައިރެކްޝަނެކެވެ.
ޝާހިދު ކަޕޫރުގެ ފުރަތަމަ ވެބް ސީރީޒްއަށް މިސީރީޒް ވެގެންދާއިރު މިޕްރޮޖްކެޓްގެ މަސައްކަތް ފަށާނެކަމަށް ލަފާކުރެވެނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ޖާރޒީ" ގެ ރިލީޒިންގް މަސައްކަތް ނިމުމުންނެވެ.
ޚަބަރު ލިބޭގޮތުން ސީރީޒްގެ ޝޫޓިންގ ޖެނުއަރީމަހު އިންޑިއާގެ މުމްބާއީ އަދި ގޯއާގައި ކުރިއަށް ގެންދިއުމަށް މިހާރުވަނީ ތާވަލު ކުރެވިފައެވެ.
މިސީރީޒްގެ މާބޮޑު ތަފްސީލެއް އާއްމުންނަށް ހާމަކޮށްފައި ނުވާއިރު ޝާހިދުއާއެކީ ދެން ފެނިގެންދާ ބަތަލު ވިޖޭ ސެތުޕަތީގެވެސް މިއީ ފުރަތަމަ ވެބް ސީރީސްއެވެ.
އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ އެންމެ ކާމިޔާބު އެއް ބަތަލު ވިޖޭ ސެތުޕަތީއަކީ ގިނަ ފިލްމުތަކުގައި ވިލެންއެއްގެ ރޯލުން ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ބަތަލެކެވެ.
އޭނާއަށްވަނީ މިދިޔަ އަހަރު ބޭއްވި ސައުތު ފިލްމް ފެއަރ އެވޯޑްސްގެވެސް އެންމެ މޮޅު އެކްޓަރުގެ އެވޯޑްވެސް ލިބިފައެވެ.
އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާގޮތުން މި ދެ ބަތަލުންނާއެކު މިސީރީސްގެ ބަތަލާގެ ރޯލަށް އައުން އެންމެގާތީ ފިލްމު "ބިޔޯންޑް ދަ ކްލައުޑްސް" ގެ ބަތަލާ މަލްވިކާ މޯހަނަންއެވެ.