ދައުލަތުން، ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ބަދަލުގެ ގޮތުގައި 12 މިލިއަން ޑޮލަރު ދޭން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ސިވިލް ކޯޓުން މިގޮތަށް ހުކުމް ކޮށްފައި މިވަނީ، ސީލައިފްއާއި ދިވެހި ދައުލަތުގެ ފަރާތުން ހައުސިން މިނިސްޓްރީއާ ދެމެދު 26 ފެބްރުއަރީ 2018 ގައި ސޮއިކޮށްފައިވާ ސެޓްލްމަންޓް އެގްރިމެންޓާ އެއްގޮތްވާ ގޮތުގެމަތިން ސީލައިފަށް ދިވެހި ދައުލަތުން ދައްކަންޖެހޭ 12 މިލިއަން ޑޮލަރު ހޯދުމަށް ކުންފުނިން ކުރި ދައުވާގެ މައްސަލައާ ގުޅިގެންނެވެ.

މިމައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމުގައިވަނީ، ސީލައިފާއި ދިވެހި ދައުލަތާ ދެމެދު 26 ފެބްރުއަރީ 2018 ގައި ސޮއިކޮށްފައިވާ ސެޓްލްމަންޓް އެގްރިމެންޓަކީ ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ ހަރަދުތަކާ އެކަށީގެންނުވާ ބޮޑު ބަދަލެއް ނާޖާއިޒު ގޮތުގައި ދިނުމަށް، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެކުލަވާލާފައިވާ ސެޓްލްމަންޓް އެގްރީމެންޓެއްކަމަށް ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއިން ކަނޑައަޅާފައިވާ ކަމަށާއި، އެ އެގްރީމެންޓްގައި އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމާއެކު 2018 ވަނަ އަހަރުގެ މާޗް މަހުގެ 21 ވަނަ ދުވަހުގައި އެ އެގްރީމެންޓް ބާތިލުކޮށްފައިވާކަމަށް ބުނެ، ދައުވާއަށް ދައުލަތުން އިންކާރުކުރާ ކަމަށެވެ.

ކޮމިޝަނުން ބެލި ލިޔެކިޔުންތައް ހިސާބުކުރުމުން ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ ހަރަދުތައްކަމަށް ސެޓްލްމަންޓް އެގްރީމެންޓްގައި ބަޔާންކޮށްފައިވާ އަދަދާ ދިމާނުވާކަމަށް ކޮމިޝަނަށް މިހާތަނަށް ފާހަގަކުރެވުނު ކަންކަން ބަޔާންކޮށް ތައްޔާރުކޮށްފައިވާ ކަރުދާހުގައި ބަޔާންކޮށްފައިވާކަމަށް ހުކުމުގައި ފާހަގަކޮށްފައި ވެއެވެ.

ހުކުމުގައި ބުނެފައިވަނީ، ސެޓްލްމަންޓްގެ އެގްރީމެންޓްގައި އެއްބަސްވެފައިވާ އަދަދުގެ ސައްހަކަމާމެދު ސުވާލު އުފެދިފައިވާތީ މިއީ ބާތިލުކުރުމުގެ އިހްތިޔާރު ލިބިގެންވާ އެއްބަސްވުމެއް ކަމާއި، ސެޓްލްމަންޓް އެގްރީމެންޓްގައި އެއްބަސްވެފައިވާ އަދަދު ރަނގަޅުކަމަށް ސެޓްލްމަންޓް އެގްރީމެންޓްގައި ސޮއިކުރިއިރު މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އެއްބަސްވެފައިވުމަކީ، އެ އަދަދުގެ ސައްހަކަމާމެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

އެގްރީމެންޓްގައި އޭރު ސޮއިކުރިކުރުމުގެ މައްޗަށް އެކަނި ބަލައި ސެޓްލްމަންޓް އެގްރީމެންޓްގައި ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް އެއްބަސްވެފައިވާ ފައިސާ ނަގައިދެވޭނެ ސަބަބެއްކަމަށް ޝަރީއަތަށް ބުރަވެވެން ނެތްކަމަށް ހުކުމުގައި ވެއެވެ.

އެހެންކަމުން ސެޓްލްމަންޓް އެގްރިމެންޓާ އެއްގޮތްވާ ގޮތުގެމަތިން ފައިސާ ދެއްކުމަށް ދިވެހި ދައުލަތުގެ މައްޗަށް އަންގާނެ ތަނެއް ނެތްކަމަށް ކަނޑައަޅި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ހުޅުމާލޭގައި 3000 ފްލެޓު އެޅުމުގެ މަޝްރޫއު 2014 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ސީލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރުމާއެކު ގިނަ ބަޔަކު ވަނީ ފުލެޓް ގަންނަން ފައިސާ ދައްކާފައެވެ.

ފްލެޓްތައް ގަތުމަށް 280 މީހަކު، ބުކިން ފީގެ ގޮތުގައި 50،000 ރުފިޔާގެ ރޭޓުން 14 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ސީލައިފަށް ދައްކާފައެވެ.

ގިނަ އަދަދެއްގެ ބަޔަކު ފްލެޓު ގަތުމަށް ފައިސާ ދެއްކިފަހުން ސީލައިފުން ވަނީ އެމަޝްރޫއު ކުރިއަށް ނުގެންދަން ނިންމާފައެވެ.

ފައިސާ އަނބުރާ ހޯދުމަށް ކުރި މަސައްކަތުން ފައިސާ ލިބިފައި ނުވާތީވެ، ސީލައިފްއާއި އެޗްޑީސީގެ މައްޗަށް 203 ފަރާތަކުން މީގެކުރިން ސިވިލް ކޯޓުގައި ދައުވާވެސް ކޮށްފައިވެއެވެ.