ބަތަލާ ވާނީ ކަޕޫރުއާއެކު ފިލްމީތަރި އަޔުޝްމަން ސޮއިކޮށްފައިވާ ފިލްމު 'ޗަންދިގަރ ކަރޭ އާޝިޤީ" ޝޫޓިން ނިންމާލައިފިކަމަށް އިންޑިއާގެ މީޑިއާއިން ބުނެފިއެވެ.
އަރަމުން އަންނަ ޒުވާން ޑައިރެކްޓަރ އަބީޝޭކްގެ މިފިލްމު ނިންމާފައި މިވަނީ ޕެންޑަމިކްގެ މިދަނޑިވަޅުގައި ދިމާވި ގޮންޖެހުންތަކާ އެކުވެސް އެންމެ ދެމަސްދުވަހުގެ ތެރޭގައެވެ.
ފިލްމުގެ ޕްރޮޑިއުސަރ އަދި ޑައިރެކްޓަރު އަބީޝޭކްގެ އަންހެނުން ޕްރަގްޔާ ކަޕޫރު ބުނެފައިވަނީ، މިހާ ކާމިޔާބުގޮތަކަށް ފިލްމުގެ ޝޫޓިން ނިމިގެން ގޮސްފައިވަނީ، ފިލްމުގެ ޓީމް ނުވަތަ ކްރޫގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންނެވެ.
"ދެމަސް ދުވަހުގެތެރޭ ކާމިޔާބުކަމާއެކު ފިލްމެއް ނިންމާލުމަކީ ފަސޭހަކަމެއް ނޫން. ހާއްސަކޮށް ނިއު ނޯމަލްގެ ގައިޑްލައިންތަކާ އެއްގޮތަށް ފިލްމުގެ ޝެޑިއުލް ތައްޔާރުކޮށް ކަނޑައެޅުނު ޓައިމްލައިންއަށް ޝޫޓިންގްއާއެކީ ފިލްމުގެ މަސައްކަތް ނިންމާލެވުނީ މިފިލްމު ޔުނިޓްގެ އެންމެހާ ފަރާތްތަކުގެ އެހީތެރިކަމާ އެއްބާރުލުމާއެކު" ފިލްމުގެ ޕްރޮޑިއުސަރ ޕްރަގްޔާ
ޕްރަގްޔާއާއެކު ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވަނީ މަޝްހޫރު ޓީ ސީރީސްގެ ޗެއަރމަން ބޫޝަން ކުމާރުއެވެ.
ފިލްމު "ވިކީ ޑޯނަރ" އިން ބޮލީވުޑަށް ތައާރަފްވި ބަތަލު އަޔުޝްމާނުވަނީ ފިލްމުގެ މަސައްކަތް ނިމުނުކަން އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނާ ހިއްސާކޮށްފައެވެ.
އަޔުޝްމާން ފިލްމުގައި ފެނިގެންދާނީ އެތްލީޓެއްގެ ރޯލުންނެވެ. އެހެންކަމުން އޭނާވަނީ ކެރެކްޓަރއަށް ފިޓްވުމުގެ ގޮތުން ވަރަށް ގިނަ ތަމްރީނުތަކެއް ހަދާފައެވެ.
މިއީ އަޔުޝްމާންއާއެކު ވާނީ ކަޕޫރު ފެނިގެންދާނެ ފުރަތަމަ ފިލްމުކަމުން މިފިލްމާމެދު ދެތަރިންވެސް ކުރާ އުއްމީދުތައް ވަރަށް ބޮޑެވެ.
ފިލްމު ތިއޭޓަރުތަކަށް ގެންނަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ތެރޭގައެވެ.