ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގައި އޭޑީކޭ ހޮސްޕިޓަލްގެ ކޮވިޑް-19 ޕީސީއާރް ލެބޯޓްރީއެއް ހުޅުވައިފިއެވެ.

އޭޑީކޭ ހޮސްޕިޓަލާއި، ލަކްސް ރިސޯރޓްސް އަދި ޓްރާންސް މޯލްޑިވިއަން އެއާވޭސް ގުޅިގެން، ވީއައިއޭގައި، ހުޅުވި ކޮވިޑް-19 ޕީސީއާރް ޓެސްޓް ހަދާ ޒަމާނީ ލެބް ހުޅުއްވައިދެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ބޭއްވި ވާރޗުއަލް ހަފްލާއެއްގައި، މިނިސްޓަރ އޮފް ޓޫރިޒަމް ޑރ އަބްދުﷲ މައުސޫމްއެެވެ.

މި ލެބޯޓްރީގައި ބޭނުންކުރާނީ ޖަރުމަނުވިލާތުގެ ރޯޗްމަރުކާގެ ލައިޓް ސައިކްލަރ 480 ޕީސީއާރް މެޝިން އަދި މެގްނާ ޕިއޯރ އެކްސްޓްރެކްޓަރއެއްކަމަށް އޭޑީކޭއިން ބުނެއެވެ.

އޭޑީކޭއިން ބުނީ މިއީ ދުނިޔޭގައި މިހާރު ކޮވިޑް-19 ޕީސީއާރ ޓެސްޓް ހަދާ އެންމެ މަތީފެންވަރުގެ ފުލީ އޮޓޮމޭޓެޑް ލެބޯޓްރީއެއް ކަމަށެވެ.

މި ލެބް ހުޅުވުމުގެ ސަބަބުން ކޮވިޑް-19 ޕީސީއާރ ޓެސްޓް ހަދަންޖެހޭ ފަރާތްތަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި، މިލެބް ހުޅުވުމާއެކު ޓީއެމްއޭގައި ހުންނަ ލެބުން ސާމްޕަލް ނެގޭނެކަމަށް އޭޑީކޭއިން ބުނެއެވެ.

މީގެއިތުރުން ރިސޯރޓްތަކުންނާއި ރަށްރަށުން ގެންނަ ސާމްޕަލް ބަލައިގަނެ އަދި ޓެސްޓުކުރެވޭނެ ކަމަށްވެސް ހޮސްޕިޓަލުން ބުނެއެވެ.

އޭޑީކޭއިން ބުނީ އެއާރޕޯޓް ފެރީ ޓާރމިނަލްގައިވެސް ސާމްޕަލް ޑްރޮޕް-އޮފް ޕޮއިންޓެއް ގާއިމްކޮށްފައިވާނެ ކަމަށެވެ.