ހުޅުމާލޭގައި ހެދި ސްވިމިންގ ޕޫލް އާންމުންނަށް ހުޅުވައިލައިފިއެވެ.

ހުޅުމާލޭ ސްވިމިންގ ޕޫލް އާންމުންނަށް ހުޅުވާލާފައިވަނީ މެމްބަރޝިޕް އުސޫލުން ކަމަށް ސްވިމިން އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

ސްވިމިންގް ޕޫލުގެ މެމްބަރޝިޕް ފީ ނެގުމަށް ހަމަޖެހިފައިވާ އުސޫލު:

  • އާންމު ދިވެހިންގެ މެމްބަރޝިޕް ފީ: މަހަކު 1500.00 (ފަނަރަސަތޭކަ ރުފިޔާ) ނުވަތަ ދުވާލަކު 150.00 (އެއްސަތޭކަ ފަންސާސް ރުފިޔާ) – (ދުވާލަކު އެއްގަޑިއިރު)
  • ބިދޭސީންގެ މެމްބަރޝިޕް ފީ: މަހަކު 3000.00 (ތިންހާސް ރުފިޔާ) ނުވަތަ ދުވާލަކު 300.00 (ތިންސަތޭކަ ރުފިޔާ) – (ދުވާލަކު އެއްގަޑިއިރު)

ސްވިމިން އެސޯސިއޭޝަނުން ބުނީ ޕޫލް ބޭނުންކުރަން ފުރުސަތު ދޭނީ ޕޫލް ބުކްކުރާ ތަރުތީބުން ކަމަށެވެ.

އާންމު ފަރާތްތަކަށް ޕޫލް ބޭނުންކުރުމުގެ ފުރުސަތު ދެވޭނީ، ފެތުމުގެ ގައުމީ ސްކޮޑްތަކުގެ ފެތުންތެރިންނާއި، ސްވިމިންގ އެސޯސިއޭޝަނުގެ މެންބަރު ކުލަބުތަކުގެ ތަމްރީނުތަކަށް ބޭނުންކުރާ ވަގުތުތައް ފިޔަވައި އިތުރު ވަގުތުތަކުގައި ކަމަށްވެސް ސްވިމިންގ އެސޯސިއޭޝަނުން ބުނެއެވެ.

ހުކުރު އަދި ހޮނިހިރު ދުވަސް ހާއްސަކޮށްފައިވަނީ އާއިލާތަކަށާއި ގުރޫޕް ތަކަށެެވެ. އާއިލާތަކަށާއި ގްރޫޕްތަކަށްވެސް ޕޫލް ބޭނުންކުރެވޭނީ ކަނޑައެޅިފައިވާ ޕޫލް ފީ ދެއްކުމަށްފަހުގައި ކަމަށް ސްވިމިން އެސޯސިއޭޝަނުން ބުނެއެވެ.

މީގެ އިތުރުން، މުބާރާތްފަދަ އިވެންޓްތައް ބޭއްވުމަށްވެސް ޕޫލް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

މަހުން މަހަށް ފީ ދައްކާ ފަރާތްތަކަށް ސްލޮޓް އެލޮކޭޓް ކުރެވޭނެ ކަމަށާއި، އެނޫން ގަޑިތަކުގައި އެފަރާތްތަކަށް ބޭނުން ނުކުރެވޭނެ ކަމަވެސް އެސޯސިއޭޝަނުން ބުނެއެވެ. ސްލޮޓް އެލޮކޭޓް ކުރުމުގައި ހަފްތާ ބަންދު ނުހިމެނޭ ކަމަށްވެސް ބުނެފައި ވެއެވެ.

ސްވިމިން އެސޯސިއޭޝަނުން ބުނީ ޕޫލް ބޭނުންކުރާ ހުރިހާ ފަރާތްތަކުންވެސް ޕޫލް ބޭނުންކުރުމުގެ އުސޫލުތަކަށް އަމަލުކުރަންވާނެ ކަމަށެވެ.