"މިވާހަކަ ބިނާކޮށް ލިޔެފައިމިވަނީ ހަގީގީ ހާދިސާއެއްގެ މައްޗަށެވެ. 2004 ވަނަ އަހަރު އަޅުގަނޑު ތ. އަތޮޅުގެ ރަށްތަކަށް ކުރި ޒިޔާރަތެއްގައި އެއަތޮޅު ރަށަކުން ދިމާވި ދެމީހަކު، ލޯބިވިތާ 45 އަހަރު ފަހުން ކުރެވުނު ކައިވެންޏެއްގެ މައްޗަށް ބިނާ ކޮށެވެ. މިދެމީހުންގެ ލޯބީގެވާހަކަ އެދުވަސްވަރު "ފިޔެސް" މަޖައްލާގައި އަޅުގަނޑު ޝާއިއު ކުރީމެވެ.

ރާއްޖޭގެ ދެކުނުން ތަޖުރިބާ ކުރެވުނު މިވާހަކަ މިހާރު މިވަނީ އުތުރަށް ބަދަލު ކުރެވިފައެވެ. އަދި ވާހަކައިގައި އުޅޭ މީހުންގެ ނަންތަކާއި ރަށްވެސް މިވަނީ ބަދަލު ކުރެވިފައެވެ. މިހާރު މިވާހަކައިގެ ނަމަކީ އިބްރާހިމްގެ ހުވަފެނެވެ. މިވާހަކައިން އެނގިގެންދާނެ އެއް ހަގީގަތަކީ ސާފު ތެދުވެރި ލޯތްބަކީ ކިތަންމެ ދުވަހެއް ވިއަސް ހިތުން ފިލުވާލަން ދަތި އަސަރު ހުރި ވަރުގަދަ ބާރެއް އެކުލެވޭ ގުޅުމެއް ކަމެވެ"

--

އިބުރާހިމާ .... އިބުރާހިމާ އަވަހަށް ތެދުވޭ އެއޮއްގެން ދޯނި ފުރަނީ މިދަތުރު ނުދެވިއްޖެއްޔާ ދެން ތި ލޯތްބެއް ނުލިބޭނެ .... އިބުރާހިމާ....!

އެއީ އަންހެނެއްގެ އަޑެކެވެ.

ކުއްލިއަކަށް ލޯހުޅުވައިލެވުމާއެކު މޭޒު މަތީގައި ހުރި ސޯނާ ގަޑިއަށް ބަލައިލިއިރު ކަމަކުދާކަށް ނެތެވެ. ފަސްގަޑި ބައިވަނީއެވެ. މިހާރު ދޯނި ނުފުރާ ކަމެއްވެސް ނޭނގެއެވެ. ފުންމައިގެން ތެދުވެ ފާޚާނާއަށް ވަނުމާއެކުހެން ނުކުމެ ދަބަސްގަނޑު ކޮނޑުގައި އަޅުވާލައިގެން ހަރުކޮށް ހިނގާފައި އަތިރި މައްޗާ ދިމާއަށް މިސްރާބު ޖަހައިފިއެވެ.

ހިނގާފައި ދިޔައިރުވެސް ވިސްނެނީ އޭނާ ނިދިން ހޭލުމަށް ގޮވީ ކާކުކަން ނޭނގޭތީއެވެ. ގޭގެ މީހެއް ނޫންކަން ޔަޤީނެވެ. ދަންނަ އަޑެއްހެން ވެސް ހީވެއެވެ. ވިސްނާވިސްނާ ވެސް ނޭނގުނެވެ.

ޖެހެމުންދިޔަ މަޑު ރޯޅިއާއެކު ފަތިހުގެ ފިނިކަމުގެ ތެރެއިން ހއ. އިހަވަންދޫގެ ފަޅުތެރޭގައި އަޅާފައި އޮތް ސަތަރި ދޯންޏަށް މީހުން އަރަމުން އެދަނީ ވީހާ މާއިރާ ފުރޭތޯއެވެ. އެންމެންގެ މޫނުމަތިން ވެސް ފެންނަމުން ދަނީ އުފާވެރިކަމެވެ. ކުރިއަށް އޮތް އުފާވެރިކަމެއްގެ ބޮޑުކަމުގެ އިހުސާސް ކުރެވޭތީއެވެ. ކުޑަކުދިންނާއި ޒުވާނުންނާއި ހަރުމީހުންނެވެ. ބައެއް މީހުންގެ މޫނު މަތިން ނިދީގެ އަސަރުވެސް ފެންނާން ހުއްޓެވެ.

ތަފާތު ކާނާގެ ބާވަތްތައް ވެސް ދޯންޏަށް އަރުވައެވެ. ފަތްކޭލާއި ދޮންއަނބާ ފޭރެވެ. ބިސްކޯދާއި ޖޫހެވެ. ބިލެތާ ފޯކެވެ. މެޓާގަނޑުގަނޑާ ހެދިކާގެ ބާވަތް ތަކެވެ. ފަތިހުގެ ހިމޭންކަމުގެ ތެރެއިން މީހުންގެ ހުނުމާ ވާހަކައިގެ އަޑު ރަށުތެރެއަށް އިވިއިވި ހުއްޓެވެ.

އިރު އުދަރެހުން ފާޅުވާން ގާތް ވެއްޖެއެވެ. އަދިވެސް ފުރޭ ގޮތެއް ނުވެއެވެ. ދާންތިބި މީހުން ހަމަ ނުވާތީއެވެ. ބައެއް މީހުން އެކަމާ ކުދި ކިޔަކިޔައި ތިއްބެވެ. އެންމެ ފަހުމީހާ ދައްކައިލި އިރު 6 ޖަހަން ވަރަށް ގާތް ވެއްޖެއެވެ. އެއީ ދެވަނަ ދެމީހެއް ނޫނެވެ. ނޫރާނީގޭ އިބުރާހިމެވެ.

ފަޅުތެރެއިން ދޯނި ނުކުތްއިރު، އިރު އަރައިފިއެވެ. މިއަދަކީ އުޑުމަތި ސާފު ހިތަށް ފިނިކަން ވެރިވާ ގޮތަށް ވައިޖެހޭ ދުވަހެކެވެ. ކަނޑުމަޑު ދުވަހެކެވެ. ކުޑަކޮށް ރާޅު ހުއްޓަސް ގޮށްރާޅެއް ނެތެވެ. ދޯނީގެ މިސްރާބު ހުރީ ފިއްލަދުއާ ދިމާއަށެވެ. ދާން ބޭނުންވާ މަންޒިލާ ހަމައަށް ދިއުމަށް ވަރަށް ގިނަ ވަގުތު އޮތުމާއެކު ގިނަމީހުން ތިބީ ލޯމަރާލައިގެން ތަފާތު ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައެވެ.

ދޯނީގެ ދެއަރިމަތީގައި ހުރި ދިގުގޮނޑީގެ ތެރެއިން ކަނާތް ފަރާތު ގޮނޑީގެ މެދަކާ ހަމައިގައި އިން ދެބައި އުމަރަށް ވުރެ ދުވަސްވީ، އިސްކޮޅުން ދިގު، އަދިވެސް ރީތިކަމަށް ބަދަލެއް ނާންނަ އިހަވަންދޫ ކާނިމާގޭ ޙަލީމާ ޢަލީއަކީ ފަސް ކުދިންގެ މަންމައެކެވެ. އޭނާގެ މޫނުމަތިން މިއަދު ފެންނަނީ ޚިޔާލު ތަކެއްގެ ތެރެއަށް ގެއްލިފައިވާ ތަނެވެ. މިއަދު ލައިގެންއިން ހެދުމަކީ މީގެ އެތަކެއް އަހަރު ކުރިން އޭނާ ލީ ހެދުމެކެވެ. ދިރިއުޅުމުގެ ހަނދާންތަކާ ގުޅި ލާމެހިފައިވާ ހެދުމެކެވެ. ކަސަބު ބޯވަޅުއެޅި ލޭރަތްކުލައިގެ އެ ލިބާހަކީ ހަލީމާގެ އަލަތު ފިރިމީހާ ހަސަންފުޅު، ދެމީހުންގެ ކައިވެންޏަށް 25 އަހަރު ވެގެން ހަދިޔާއަކަށް ހަލީމާއަށް ދިން ހެދުމެކެވެ. މިހާރު ހަސަންފުޅު ނިޔާވިތާ 5 އަހަރު ވެއްޖެއެވެ.

ހަލީމަގެ އުނގުގައި ބޯއަޅައިގެން ނިދިފައި އޮތް މަރިޔަމް ލަހުފާއަކީ ހަލީމަގެ އެންމެ ހަގު ދަރިފުޅެވެ. ލަހުފާއަށް 17 އަހަރު ފުރުނީ އިއްޔެއެވެ. ހަލީމަގެ ހުރިހާވެސް ވިސްނުމަކީ ލަހުފާއަށް ރަނގަޅު ދިރިއުޅުމެއް ހޯދައި ދިނުމެވެ. ދެންތިބި ހަތަރު ކުދިންގެ ތެރެއިން ތިންކުދިން ތިބީ މީހުންނާއިނދެ ރަނގަޅު ދިރި އުޅުމެއް ފަށައިފައެވެ. ލަހުފާގެ ދޮށްޓަށް ހުރި މުހަންމަދު ރަޝީދުގެ ކައިވެނި މިރޭ ކުރެވޭނެއެވެ. މިދަތުރަކީ ކައިވެންޏަށް ފިއްލަދުއަށް ކުރާ އުފާވެރި ދަތުރެވެ.

45 އަހަރު ކުރި

މީގެ ސާޅީސްފަސް އަހަރު ކުރިން މިކަހަލަ ދަތުރެއް ހަލީމަ ފިއްލަދުއަށް ކުރިއެވެ. އެ ދަތުރަކީ ހަލީމަގެ ކައިވެންޏަށްޓަކައި ކުރި ދަތުރެވެ. އެ ހަނދާންތައް ހަލީމަގެ ހިތުގައި މިއަދު ދަނީ އާލާވަމުންނެވެ. ރިޔަލު ދޯނީގައި ހަލީމަގެ މަންމައާއި ބައްޕަ އަދި ތިމާގެ މީހުންނާ، ޒުވާން ފުރައިގެ އެކުވެރިންނާއެކު ކުރި އުފާވެރި ދަތުރެވެ. ހަލީމަގެ ކައިވެނި ކުރެވުނީ ފިއްލަދޫގެ އެންމެ މުއްސަނދި އާއިލާގެ ކުއްޖެއްކަމުގައިވާ ހަސަންފުޅާއެވެ. އޭރު ހަލީމަގެ ޢުމުރަކީ 14 އަހަރެވެ. ހަސަންފުޅުގެ ޢުމުރަކީ 16 އަހަރެވެ. ހަލީމައަކީ އޭރު ރަށުގައިހުރި އެންމެ އިސްކޮޅުން ދިގު ކުއްޖާއެވެ. ހިމަތޮޅި ރީތި ހަށިގަނޑެއްގެ ވެރިއެކެވެ. ހަލީމައާއި ކައިވެނި ކުރުމަށް ރަށުގެ ވަރަށް ގިނަ ޒުވާނުން ހުށަހެޅިއެވެ. ނަމަވެސް އެ ނަސީބު ލިބުނީ ބީރައްޓެހި ރަށެއްގެ ޒުވާނަކަށެވެ.

ހަސަން ފުޅަކީވެސް ރީތި މީހެކެވެ. ވަރަށް ރީތިކޮށް ތެދުއި ވަޑާން ކުރަން އެނގޭ މޮޅު ވަޑިއެކެވެ. ހަސަން ފުޅުގެ ކާފައާއި ބައްޕައަކީ ވެސް މުޅި އަތޮޅަށް މަޝްހޫރު ދެ ވަޑިންނެވެ. ހަސަންފުޅަށް ހަލީމަ ފެނުނީ ބައްޕައާއެކު ވަޑާމުގެ މަސައްކަތެއް ކުރުމަށް އިހަވަންދޫގައި ހޭދަކުރި ދުވަސްވަރެވެ. އިހަވަންދޫގެ އެތައް ޒުވާނުންނެއް މުގޯލި އަޅައަޅައި ތިއްބާ ވަރަށް ހިތްވަރާއެކު ހަސަން ފުޅު ކުރި މަސައްކަތުން ހަލީމަ ހޯދުނުކަން އެއީ އިހަވަންދުއާއި ފިއްލަދޫގައިވެސް އެ ދުވަސްވަރު މަޝްހޫރު ވާހަކައަކަށް ވިޔެވެ. ބީރަށްޓެއްސަކާ ހަލީމަ ކައިވެނި ކުރުމަކަށް އާއިލާ ގަބޫލެއް ނޫނެވެ. ހަލީމަގެ އާދޭހާ އަދި ދެ އާއިލާގެ މީހުންގެ ވާހަކަތަކަށް ފަހު އެއް އަހަރު ދުވަހުގެ ލޯބީގެ ކުޅިގަނޑު ކައިވެނީގެ ފޮނިމީރުކަން ފަތަހަ ކޮށްފިއެވެ. (ނުނިމޭ)

-

އެޑިޓަރުގެ ނޯޓު: މި ވާހަކައިގެ 2 ވަނަ ބައި ޝާއިއު ކުރެވޭނީ ދެން އަންނަ ބުރާސްފަތި ދުވަހުއެވެ.