އާދައިގެ ގުޅުމަކަށް ދިއުމަށް އިސްރާއީލުން ބޭނުންވާ އިސްލާމީ ގައުމުތަކުގެ ލިސްޓުގައި ޕާކިސްތާނު ނުހިމެނޭ ކަމަށް، އިސްރާއީލު ސަރުކާރުގެ މިނިސްޓަރަކު ބުނެފިއެވެ.

އިސްރާއީލުގެ ވައިނެޓް ޓީވީއަށް ދިން އިންޓަރވިއުއެއްގައި އިސްރާއީލުގެ ރީޖަނަލް ކޯޕަރޭޝަން މިނިސްޓަރ އޮފީރް އަކުނީސް ބުނީ، އެމެރިކާގެ ރައީސްކަމުން ޑޮނަލްޑް ޓްރަމްޕް އަންނަމަހު ވަކިވެވަޑައި ގަތުމުގެކުރިން އިސްރާއީލާއި އިސްލާމީ އިތުރު ދެގައުމަކާ ގުޅުން ގާއިމްކުރަން ތައްޔާރުވެފައިވާ ކަމަށެވެ.

ނަމަވެސް، އެއިން އެއްވެސް ގައުމެއްގެ ނަމެއް އޮފީރް އަކުނީސް ހާމައެއް ނުކުރެއެވެ. ހަމައެކަނި ބުނީ، އޭގެ ތެރެއިން އެއްގައުމަކީ ގަލްފްގައި ހިމެނޭ އަރަބި ގައުމެއް ކަމަށެވެ. ނަމަވެސް އެއީ ސައުދީ އަރަބިއްޔާ ނޫންކަމަށް ބުންޏެވެ.

އިސްރާއީލާއި ދުނިޔޭގެ އިރުމަތީފަޅިން ދެން ގުޅުން އުފައްދާ އިސްލާމީ ގައުމަކީ ކުޑަގައުމެއް ނޫންކަމަށް ބުނި ނަމަވެސް، އެއީ ޕާކިސްތާނު ނޫންކަން އޭނާ ކަށަވަރުކޮށްދިނެވެ.

ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރެއިޝީ މިހަފްތާގެ ކުރީކޮޅު ވިދާޅުވެފައިވަނީ، ފަލަސްތީނު މައްސަލައަށް ހައްލެއް ނުހޯދެނީސް، އިސްރާއީލާ ގުޅުން އުފެއްދެން ނެތްކަމަށެވެ.

ގުރެއިޝީ ވިދާޅުވީ، އޭނާ ދާދިފަހުން ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގައި، ފަލަސްތީނު މައްސަލައަށް އާރުލާ އަދި ދާއިމީ ހައްލެއް ނުހޯދެނީސް ޕާކިސްތާނުން އިސްރާއީލާ އެއްވެސް ގުޅުމެއް ބާއްވަން ބޭނުން ނުވާކަމަށް ޔޫއޭއީގެ ޚާރިޖީ ވަޒީރަށް ވަރަށް ސާފުކޮށް ދަންނަވާފައި ވާނޭ ކަމަށެވެ.

ޕާކިސްތާނުގެ ޚާރިޖީ ވަޒީރު މިމޭރުމުން ވާހަކަ މިދެއްކެވީ، ޕާކިސްތާނުން އިސްރާއީލާ ގުޅުން އުފައްދަން އުޅޭ ކަމަށާއި، އިސްރާއީލަށް ސިއްރިއްޔާތުގައި މަންދޫބަކު ފޮނުވައިފިކަމުގެ ވާހަކަތަކެއް، އޭނާ ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅާ ދިމާކޮށް އިސްރާއީލުގެ މީޑިއާގައި ފެތުރާފައި ވަނިކޮށެވެ.

ދުނިޔޭގެ މުސްލިމުންގެ އެންމެ ބައިބޯ ގައުމުކަމަށްވާ އިންޑޮނޭޝިޔާއިން ބުނެފައިވަނީ، ފަލަސްތީނުގެ މިނިވަން ދައުލަތް ނުއުފައްދަނީސް އިސްރާއީލަކީ ދައުލަތެއް ކަމަށް ބަލައިނުގަންނާނޭ ކަމަށެވެ.

މެލޭޝިޔާއިންވެސް ބުނެފައިވަނީ އެފަދައިންނެވެ.

ބަނގްލަދޭޝްގެ ޚާރިޖިއްޔާއިން ބުނެފައިވަނީ، އިސްރާއީލާ ގުޅުން އުފައްދާކަށް ޝައުގުވެރިކަމެއް ނެތްކަމަށެވެ.

އެމެރިކާގެ ރައީސްގެ ބާރުއެޅުމާއި، މާލީ އެހީތެރިކަމާއި، އަސްކަރީ އެހީތެރިކަމާއި، އެނޫން ބޮޑެތި އެހީތައް ހުށަހަޅައިގެން ޔޫއޭއީ، ބަހްރެއިން، ސޫދާން އަދި މޮރޮކޯއިންވަނީ އިސްރާއީލާ އާދައިގެ ގުޅުމެއް ގާއިމްކޮށްފައެވެ.

ޓްރަމްޕްގެ މަސައްކަތަށް އުމާނުން ތައުރީފް ކޮށްފައިވާއިރު، އިސްރާއީލާ ގުޅުން ގާއިމްކުރުމާމެދު އުމާނުން އަދި ގޮތެއް ނުނިންމައެވެ. ބެލެވޭގޮތުގައި، ގަލްފުން ދެން އެންމެ އަވަހަށް އިސްރާއީލާ ގުޅުން އުފައްދާނީ އުމާނުންނެވެ.

އަރަބި އަދި އިސްލާމީ ގައުމުތަކުން އިސްރާއީލާ ސިޔާސީ ގުޅުން އުފައްދައި، އާދައިގެ ގުޅުމަކަށްދާ މައްސަލާގައި ފަލަސްތީނުވަނީ ވަރަށް ބޮޑަށް ނާއުންމީދު ވެފައެވެ. ފަލަސްތީނުން ބުނަމުންދަނީ، މިނިވަން ދައުލަތަކަށް ފަލަސްތީނު ރައްޔިތުން ކުރަމުންދާ އުންމީދުތައް ފަނޑުވެ، ބައެއް އިސްލާމީ ގައުމުތަކުން ފަލަސްތީނު އެކަހެރި ކުރަމުންދާ ކަމަށެވެ.