މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ބޭރުގެ ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

ޕެންޝަން އޮފީހުން ބުނީ އެ އޮފީހުގެ ސީއީއޯގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ޕެންޝަން ދާއިރާއިން 25 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ޖޯން ގްރިންޑާލް ނަމަކަށް ކިޔާ ބޭފުޅެއް ކަމަށެވެ.

ޕެންޝަން އޮފީހުން ވަނީ އެ އޮފީހުގެ ސީއީއޯ ޖޯން ގްރިންޑާލް މީގެ ކުރިން، މަލްޓާ ފައިނޭޏްޝިއަލް ސާވިސަސް އޮތޯރިޓީގެ އިންޓަރިމް ޗީފް އެކްޗުއަރީގެ މަގާމާއި، ލޮއިޑްސް ބެންކިން ގްރޫޕުގެ ސީނިއަރ އެކްޗުއަރީގެ މަގާމު ފުރުއްވުމުގެ އިތުރުން، ކޮމްޕްރޭ ގްރޫޕް މަލްޓާގެ ސީއޯއޯގެ މަގާމުވެސް ފުރުއްވާފައިވާކަން ފާހަގަކޮށްފައެވެ.

ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވާފައިވަނީ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ޕެންޝަން އޮފީހުގެ ބޯޑަށް ލިބިދޭ ބާރުގެ ދަށުންނެވެ. ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ.

ރާއްޖޭގެ ޕެންޝަނާބެހޭ ކަންކަން ބެލެހެއްޓުމަށް ޕެންޝަން އޮފީހެއް އެކުލަވާލާފައިވަނީ 2009 ވަނަ އަހަރުއެވެ.