ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި، ދިރާގަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްދިން 65 މުވައްޒަފުންގެ އަގުވަޒަންކޮށް އެމުވައްޒަފުންނަށް އެވޯޑް ދީފިއެވެ.

ގިނަ ދުވަހު ހިދުމަތްކޮށްދިން މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ބޭއްވި މި ހަފްލާގައި ދިރާގަށް ވޭތުވެދިޔަ، 10 އަހަރާއި، 15 އަހަރު އަދި 25 އަހަރު ހިދުމަތްކޮށްދިން ސްޓާފުނަށް ވަނީ އެވޯޑް ދީފައެވެ.

ދިރާގުގެ 200އެއްހާ މުވައްޒަފުން ބައިވެރިވި މިހަފްލާގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވަނީ އެވޯޑު ލިބުނު ފަރާތްތަކަށް މަރުހަބާ ދަންނަވައި، އެ ފަރާތްތަކާއި އާއިލާތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.

އެވޯޑު ލިބުނު 65 މުވައްޒަފުން މި ހަފްލާގައި ދިރާގުގައި ވޭތުކުރި ދިގު މުއްދަތުގެ ތަޖުރިބާ ވަނީ ހިއްސާކޮށްފައެވެ.

ދިރާގަށް 32 އަހަރު ވެފައިވާއިރު، ދިރާގަކީ މުވައްޒަފުންގެ އަގުވަޒަންކުރާ އަދި ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައިގެން ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާކުންފުންޏެކެވެ.

އެގޮތުން މިހާރު ރާއްޖޭގެ އެންމެ ބޮޑު އެލަވަންސް އަދި އެންމެ ހަލުވައި އިންޓަނެޓް ސްޕީޑް ލިބޭ ޕެކޭޖްވެސް ފޯރުކޮށްދެނީ ދިރާގުންނެވެ. މީގެ އިތުރުން މުޅި ދެކުނު އޭޝިއާގައި ވެސް އަލަށް 5ޖީ ޓެކްނޮލޮޖީ ތައާރަފްކުރީ ހަމަ އެ ކުންފުނިންނެވެ.