2004 ވަނަ އަހަރުގެ ޑިސެމްބަރު 26 ވަނަ ދުވަހުވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ތިބީ އާދައިގެ މަތިން ދިރިއުޅުމުގެ އެކި ކަންކަމުގައި މަޝްއޫލުވެގެންނެވެ. ދެން ކުރިމަތިލާންޖެހޭނީ މުޅި ހަޔާތުގައި އެކަމުގެ ސަބަބުން ހިތްދަތި ލަފެއްލާނެ ވަރުގެ ކަމަކާކަން ހިތަށް ނާރާ ހާލުގައެވެ. މިފަދަ ހާލެއްގައި ތިއްބައި، އެދުވަހުގެ ހެނދުނު 9:20 ވެގެންދިޔައީ ރާއްޖޭގެ ރައްޔިތުންނަށް ބޮޑު ސިހުމެއް ގެނުވި، ހިތާމައިން ފުރިގެންވާ ވަގުތުކޮޅަކަށެވެ. ދުވަހަކުވެސް ކުރިމަތިލާން ނޭދޭނެފަދަ ބޮޑު ކާރިސާއަކާ ކުރމަތިލާންޖެހުނު ވަގުތުކޮޅަށެވެ. މިދުވަހުގެ ހަނދާންތައް އާކޮށް، އެ ދުވަހުގެ ވާހަކަތައް ދައްކާލިޔަސް އަޅުގަނޑުމެންގެ ލޯ ކަރުނުން ތެންމާލައެވެ.

އިންޑޮނީޝިއާގެ ސުމަޓްރާގެ ކަނޑުގެ ސަރަހައްދަށް ރާއްޖެ ގަޑިން ފަތިހު 5:58 ގައި އައި ރިކްޓަރ މިންގަނޑުން 9.3 ގެ ބާރުގަދަ ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގެ އަސަރު ރާއްޖޭގެ އާބާދީގެ ބޮޑުބަޔަކަށް ވަނީ ކޮށްފައެވެ. މި ބިންހެލުމާއެކު އުފެދުނު ބިޔަރާޅުތައް ރާއްޖެ ފަހަނައަޅައި، އެފްރިކާ ބައްރުގެ އައްސޭރިއަށް ބިންދާލިއިރު އިންޑިޔާކަނޑުގެ އައްސޭރިފަށުގެ އެތައް ޤައުމެއް ފަނާކޮށްލިއެވެ.

މި ހިތާމައިން ފުރިގެންވާ ހާދިސާގައި އެތައް ބައެއްގެ މައިންބަފައިން ގާތްތިމާގެ މީހުން އަދި ތުއްތު ކުދިން ވަނީ މިދުނިޔެ ދޫކޮށް ގޮސްފައެވެ. ހިތުން ފިލައިގެން ނުދާނެ މިކާރިސާގައި އަޅުގަނޑުމެންމެ ތެރެއިން 82 މީހެއްގެ ފުރާނަ ގެއްލިފައިވާއިރު، 26 މީހަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. މި ހާދިސާގެ ސަބަބުން ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތައް ލިބުނު އެތައް ބަޔަކު އަދިވެސް ދުނިޔޭގައި އެބަތިއްބެވެ. ވިސްނާވެސްނުލާ ހުއްޓައި ކުރިމަތިލާންޖެހުނު މިކާރިސާ ވެގެންދިޔައީ ގިނަ ބައެއްގެ ގެދޮރު ގެއްލި، ރަށްތަކުގައި ދިރިނޫޅެވޭ ހާލަތަށްގޮސް ބައެއް ރަށްތައް ފަޅުވި ކާރިސާއަކަށެވެ.

https://www.youtube.com/watch?v=fdkkCi5Tmuw

މިއަދަކީ މިއީ މިހިތާމައިން ފުރިގެންވާ ކާރިސާއަށް 16 އަހަރު ފުރުނު ދުވަހެވެ. އެހެންނަމަވެސް އިއްޔެ ޖެހުނު ލައްގަނޑެއްހެން، މިހާދިސާގެ ހިތާމައާއި، އެ ދުވަހުގެ ހަނދާންތައް އަދިވެސް އާކުރެވެއެވެ. އެދުވަހު ދިވެހިންނަށް ކުރިމަތިލާންޖެހުނު ކާރިސާއިން އަރައިގަތުމުގައި ދިވެހިން ދެއްކި އެއްބައިވަންތަކަމަކީ، އެކަން ފާހަގަކޮށް އެކަމުން ނަމޫނާ ލިބިގަންނަންވީ މުހިއްމު އަދި އެހާމެ ރިވެތި ސިފައެކެވެ. މިއީ ދިވެއްސެއްގެ ހަޔާތުގައި މިހާތަނަށް ކުރިމަތިލާންޖެހުނެ އެންމެ ބޮޑު އެއް ކާރިސާއަށް ވާއިރު، މިއީ ދިވެހިންގެ އެއްބަައިވަންތަކަން އެންމެ ބޮޑަށް ދައްކުވައިދިން ކާރިސާވެސް މެއެވެ.

އެދުވަހު އަމިއްލަ ފުރާނައަށްވުރެ ބޮޑަށް އަޅުގަނޑުމެން އިސްކަންދިނީ އަނެކާގެ ފުރާނަ ސަލާމަތް ކުރުމަށެވެ. ކޮންމެ މީހަކީވެސް އެއްބަނޑު އެއްބަފާ މީހެއްގެ ގޮތުގައި ދެކިގެން އަޅުގަނޑުމެން މަސައްކަތް ކުރަމުންދިޔައީ، ވެވެން އޮތް އެހީއެއް އަނެކާއަށް ވެދިނުމަށެވެ. ވަކި ނަސްލަކަށް ނިސްބަތްވާ ނުވަތަ ވަކި ދީނަކަށް ނިސްބަތްވާ މީހެއްތޯ ބެލުމެއްނެތި، އިސްލާމީ ރިވެތި އުސޫލުތަކުގެ ތެރެއިންނެވެ. އެފަދަ ހިތްދަތި ދަނޑިވަޅެއްގައިވެސް އަމިއްލަ ނަފްސުގެ މައްޗަށް ތިމާގެ ގައުމާއި މުޖްތަމައުގެ ސަލާމަތްތެރިކަން އިސްކުރި ކުރުމަކީ، ސުނާމީ ކާރިސާއިން ދިވެހިން ދަސްކުރި އެންމެ މުހިންމު ފިލާވަޅެވެ.

އެދުވަހު ދިވެހިން ދައްކުވައިދިން ނަމޫނާގެ ނަތިޖާއެއްގެ ގޮތުން، މިދުވަހުގެ ހަނދާންތައް އައުކުރުމަށްޓަކާ، ކޮންމެ އަހަރެއްގެވެސް ޑިސެމްބަރުމަހުގެ 26 ވަނަ ދުވަހަކީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ރާއްޖެއިން ކަނޑައެޅިއެވެ.

މިއަހަރުގެ އެއްބައިވަންތަކަމުގެ ދުވަސް އަޅުގަނޑުމެންނާ މި ބައްދަލުކުރީ މީގެކުރިން ދުވަހަކުވެސް ފެނިފައިވާ ނުވާވަރުގެ ނުރައްކާތެރި ވައިރަހަކާ މުޅި ދުނިޔެއިން ހަނގުރާމަ ކުރަމުންދާ ދަނޑިވަޅެއްގައެވެ. ނުވަތަ ގްލޯބަލް ޕެންޑަމިކެއްގެ ތެރެއިންނެވެ. މިއަހަރުގެ މާޗްމަހު ރާއްޖެއިން ކޮވިޑްވައިރަސް ފެނުނީއްސުރެ އަޅުގަނޑުމެންނަށް ވަނީ ގިނަ ކަންތައްތަކަކާ ކުރިމަތިލާންޖެހި، ގިނަ ކަންތައްތަކެއް ގުރުބާންކޮށް ގެއިން ނުނިކުމެވި އާއިލާގެ މީހުންނާ ދިމާނުވެ އުނދަގޫ ދުވަސްތަކަކާ ކުރިމަތިލާންޖެހިފައެވެ.

( 07 މޭ 2020 ) – މާލޭގައި ކޮވިޑް-19 އަށް ބަޔަކު ޓެސްޓު ކުރުމަށްޓަކައި ސިއްހީ ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރި ވަނީ :- އަޙުމަދު ޝުރާއު / ވީފޮޓޯ

ފާއިތުވި 9 ވަރަކަށް މަސް ދުވަހަކީ އުނދަގޫ ދުވަސްތަކެއް ނަމަވެސް، ފާހަގަކޮށްލަންޖެހެނީ ދިވެހިންނަށް ކުރިމަތިލާންޖެހޭ މިފަދަ ކޮންމެ ކާރިސާއެއްގައިވެސް ދިވެހިން ދައްކުވައިދޭ އެއްބައިވަންތަކަމުގެ ރީތި ނަމޫނާއެވެ. އަދި އެންމެން އެކަތިގަނޑަކަށްވެ، އެންމެން އެއްބަސް ކިޔައިގެން މިބަލި ކޮންޓްރޯލްކުރުމުގައި އަދާކުރަމުންދާ މުހިންމު ރޯލެވެ.

ދިވެހިންގެ އެއްބައިވަންތަކަމަކީ ފަނޑުނުވެ ދިވެހިންގެ ތެރޭގައި ދަމަހައްޓަންޖެހޭނެ ސިފައެކެވެ. ސުނާމީ ކާރިސާގައި ދިވެހިން ދައްކުވައިދިން އެއްބައިވަންތަކަން ބޭރު ގައުމުތަކުންވެސް ފާހަގަކޮށްފައިވާއިރު، ދިވެހިންގެ މި އެއްބައިވަންތަކަމުގެ ލޯބި އަޅުގަނޑުމެންގެ ތެރެއިން ފަނޑުވިޔަނުދީ އަންނަން އޮތް ޖީލުތަކަށް މި ރިވެތި ސިފަ ރައްދުކޮށްދިނުމަކީ މިއަދު އަޅުގަނޑުމެން އެންމެންގެވެސް މަސްއޫލިއްޔަތެކެވެ.