މަސްވެރިން ބާނާ މަހަށް ހަމައަގު ނުލިބި އެމީހުން ބާނާ މަސް ކިރުމުގައި ލަސްތަކެއް ދިމާވާކަމުގެ ޝަކުވާއަކީ ކޮންމެ ސަރުކާރެއްގައިވެސް މަސްވެރިން ކުރަމުން އަންނަ، މިހާތަނަށްވެސް މިކަމަށް ފުރިހަމަ ހައްލެއް ލިބިފައިނުވާ ޝަކުވާއެކެވެ. މަސްވެރިންގެ ހުންނަ ބޮޑެތި ޝަކުވާތަކަށް ހައްލު ހޯދައިދޭން ކޮންމެ ސަރުކާރަކުން މަސައްކަތް ކުރަމުން ގެންދެއެވެ. އެހެންނަމަވެސް މަސްވެރިންނަށް ދިމާވާ މިފަދަ އެންމެހާ މައްސަލަތަކަށް އެއްވެސް ސަރުކާރަކަށް މިހާތަނަށް ހައްލު ހޯދައިދެވިފައެއް ނުވެއެވެ.

އެހެންކަމުން މިފަދަ ކަންކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް އެދި ދޭތެރެ ދޭތެރެއިން މަސްވެރިންގެ ގެންދަނީ އަޑު އުފުލަމުންނެވެ. މިމަހުގެ 22 ވަނަ ދުވަހުވެސް ޅ. ފެލިވަރުގައި އުތުރުގެ މަސްވެރިން ވަނީ މުޒާހަރާ ކޮށްފައެވެ. ފެލިވަރުގައި މުޒާހަރާކުރި މަސްވެރިންގެ މައިގަނޑު ކަންބޮޑުވުމަކަށް ވެފައިވަނީ ސަރުކާރުގެ ހިއްސާ އޮންނަ މަސް ކުންފުނި، ފެލިވަރުން މަސްވެރިން ބާނާ މަހަށް ހަމައަގު ނުދިނުމާއި، އެމީހުން ބާނާ މަސް ވަގުތުން ނުކިރާކަމުގެ ޝަކުވާއެވެ. މިމުޒާހަރާގައި މަސްވެރިންގެ ފުލުހުންގެ ކުރިމަތިލުންތަކެއްވެސް ކުރިއަށްގޮސްފައިވެއެވެ.

މީގެއިތުރުން މިމަހުގެ 25 ވަނަ ދުވަހު އިހަވަންދޫ މަސްވެރިންވެސް މިފަދަ މުޒާހަރާއެއް ކޮށްފައެވެ. އިހަވަންދޫ މަސްވެރިންގެ ޝަކުވާތައްވެސް ހުރީ ހަމަ މިފަދަ ގޮތަކަށެވެ.

މަސްވެރިންގެ މުޒާހަރާގެ ތެރެއިން

މަސްވެރިންގެ ކަންބޮޑުވުންތައް މިފަދަ ގޮތަކަށް ހުރި ވަގުތެއްގައި، ކުރީގެ ރައިސް މައުމޫން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި މިފްކޯގެ އެންމެ އިސް ވެރިއެއްގެ މަގާމު ފުރުއްވާފައިވާ އާދިލް ސަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މަސްވެރިންނަށް ދިމާވާ މައްސަލަތައް ހައްލުކޮށްދެވޭނީ މަސްވެރިންނަށް ލީޑަރޝިޕް ދައްކައިދީގެން ކަމަށެވެ. ކަންކަން ވަމުންދާގޮތް މަސްވެރިންނަށް ވަރަށް ސާފުކޮށް ބުނެދޭންޖެހޭ ކަމަށާއި، މައްސަލަތައް ހައްލުކޮށްދިނުމަށް ސަރުކާރާއި، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބޭފުޅުން ވަރަށް ގާތުން މަސައްކަތްކުރަން ޖެހިވަޑައިގެންފައިވާކަމަށެވެ.

އާދިލް ވިދާޅުވީ މަސްވެރިން ބާނައިގެން ގެންނަ ހުރިހާ މަހެއް ވަގުތުން ކިރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ކޮންމެ ދޯންޏެއް ކައިރިކުރާ ދިމާލެއްގައި ކެރޭނެއްވެސް ނުބެހެއްޓޭނެ ކަމަށާއި، ހުރިހާ ދޯންޏަކުން ގެންނަ މަސް، އެއްފަހަރާ ނަގަން ބޭނުންވާވަރަށް މުވައްޒަފުންވެސް ނުތިބޭނެކަން އާދިލް ފާހަގަކުރެއްވިއެވެ.

އުތުރުގެ މަސްވެރިން ބާނާ މަސް، މިފްކޯއަށް ކިރުމުގައި ދަތިތަކެއް ދިމާވެފައިވަނީ އުތުރުގެ މަސްވެރިކަން ރަނގަޅުވުމުގެ ސަބަބުން ކަމަށް މިފްކޯއިން މީގެކުރިން ވަނީ ބުނެފައެވެ. މިފްކޯގެ ފެލިވަރު މަސް ކާރުހާނާގެ ޖާގަ ފުރެމުންދާ ކަމަށާއި، އެތަނުގެ ޖާގަ ބޮޑުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް މިފްކޯއިން ބުނެފައިވެއެވެ.

މަސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވެފައިވަނީ، އެހެން ކުންފުނިތަކާ އަޅާ ބަލާއިރު މިފްކޯއަކީ، މަސްވެރިން ބާނާ މަހަށް ހަމައަގުދޭ ހަމައެކަނި ކުންފުނި ކަމަށެވެ. އެގޮތުން މިފްކޯއިން މަސް ގަންނަ އެންމެ ދަށް އަގުގެ ގޮތުގައި މީގެކުރިން 8 ރުފިޔާ ކަނޑައަޅާފައި ވާއިރު މިއަގު މިހާރު ވަނީ 13 ރުފިޔާއަށް ބޮޑުކޮށްފައިކަމަށް މިނިސްޓަރ ޒަހާ ވިދާޅުވިއެވެ. މިއާއެކު މަހެއްގެ މައްޗަށް މަސްވެރިއަކަށް ލިބޭ އާމްދަނީ އެވްރެޖްކޮށް 22،000 ރުފިޔާއަށް އަރާނެ ކަމަށާއި، ކުރިން އޮތްގޮތުންނަމަ މަހެއްގެ މައްޗަށް މަސްވެރިއަކަށް ލިބޭނީ 11،500 ރުފިޔާކަން މިނިސްޓަރ ވިދާޅުވެފައި ވެއެވެ.

މިގެ އިތުރުން މަސްވެރިކމުގެ ސިނާއަތަށް އިތުރު ކުރިއެރުންތަކެއް ގެނައުމަށް މިހާރުވެސް ގިނަ މަސައްކަތްކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި މިނިސްޓަރ ޒަހާ ވިދާޅުވީ، މަސް ރައްކާކުރާނެ ސްޓޯރޭޖް ފެސިލިޓީ އިތުރުކުރުމުގެ މަސައްކަތާއި، ރާއްޖޭގައި މަހުގެ ވެލިއު އެޑް ކުރެވޭނެ އިތުރު އިންތިޒާމުތައް ހަމަޖައްސަވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ކޭނަރީގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މަސްވެރިކަން ކުރިއެރުވުމަށް 460 މިލިއަން ރުފިޔާއަށްވުރެ އަގުބޮޑު މަޝްރޫޢުތަކެއް، މިއަންނަ އަހަރުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުވެސް ވަނީ ވިދާޅުވެފައެވެ. މިމަސައްކަތްތަކުގެ ތެރެއިން މަސްވެރިންނަށް ދިމާވާ ގިނަ މައްސަލަތަކަށް ހައްލުހޯދައި ދެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.