މޮރޮކޯގެ ރަސްގެފާނު މުހަންމަދު، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފިއެވެ.
މިކަން ހާމަކޮށްފައިވނީ މޮރޮކޯގެ ރޯޔަލް ކެބިނެޓުން ނެރުނު ބަޔާނެއްގައެވެ.
މިއީ، އިސްރާއީލާއެކު އާދައިގެ ގުޅުމަކަށް ދިއުމަށް މޮރޮކޯއިން މިމަހުގެ ކުރީކޮޅު ނިންމިފަހުން މޮރޮކޯގެ ރަސްގެފާނާއި، އިސްރާއީލުގެ ބޮޑުވަޒީރާ ދެމެދު ސީދާސީދާ ވާހަކަ ދެކެވުނު ފުރަތަމަ ފަހަރެވެ.
އަދި މި ނިންމުމުގެ ދަށުން، އިސްރާއީލާއެކު ވަގުތުން ސިޔާސީ ގުޅުން ގާއިމްކުރަން މޮރޮކޯއާއި އިސްރާއީލުން އެމެރިކާއާއެކު، އެކަމުގެ ގަރާރުގައި ރަބާތުގައި ސޮއިކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
މޮރޮކޯގެ ރޯޔަލް ކެބިނެޓުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އިސްރާއީލުގެ ބޮޑުވަޒީރާއެކު ކުރެވުނު މަޝްވަރާތަކުގައި، ފަލަސްތީނުގެ މައްސަލާގައި މޮކޮރޯގެ މަގާމު ހާމަ ކުރެއްވުމަށް ރަސްގެފާނު މުހަންމަދު ފުރުސަތު ބޭނުން ކުރެއްވި ކަމަށެވެ.
ފަލަސްތީނުގެ މައްސަލާގައި މޮރޮކޯގެ ސިޔާސަތު ބަދަލު ނުކުރާނޭ ކަމަށް ރަސްގެފާނު މުހަންމަދު ނަތަންޔާހޫއަށް ދެންނެވިކަމަށް ވެއެވެ.
ހަމަ އެއާއެކު، މެދުއިރުމަތީގައި ސުލްހައާއި ހަމަޖެހުން ގާއިމްވުމަކީ މޮރޮކޯއިން އަބަދުވެސް ބޭނުންވާ ކަމެއް ކަމަށާއި، އެ ކަމަށް މަސައްކަތް ކުރުން މޮރޮކޯއިން އަދިވެސް ކުރިއަށް ގެންދާނޭ ކަމަށް ރަސްގެފާނު މުހަންމަދު، އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއަށް ދެންނެވި ކަމަށް ބަޔާނުގައި ވެއެވެ.
މޮރޮކޯގެ ރަސްގެފާނުގެ ވާހަކަފުޅުގައި، މޮރޮކޯގެ ޔަހޫދީ އާބާދީއާއި، މޮރޮކޯ ސަރުކާރާ ދެމެދު އޮންނަ ވަރުގަދަ އަދި ޚާއްސަ ގުޅުން ރަސްގެފާނު ފާހަގަ ކުރެއްވި ކަމަށް ބަޔާނުގައި ވެއެވެ. މޮރޮކޯގައި 3،000 ޔަހޫދީންގެ އާބާދީއެއް ދިރިއުޅެއެވެ. އަދި މޮރޮކޯގެ ނަސްލުތަކަށް ނިސްބަތްވާ 7 ލައްކަ ޔަހޫދީން އިސްރާއީލުގައި އުޅެއެވެ.
މޮރޮކޯގެ ރަސްގެފާނާ ފޯނުން ވާހަކަ ދައްކަމުން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫވަނީ، މޮރޮކޯގެ ރަސްގެފާނު މުހަންމަދު އިސްރާއީލަށް ދަތުރުފުޅެއް ކުރެއްވުމަށް ދައުވަތު ދީފައެވެ.