މިމަހުގެ 20 ވަނަ ދުވަހު ބޭއްވި ކައިވެނީގެ ހަފްލާއަކަށް ދިޔަ 35 މީހަކު ކޮވިޑް-19އަށް ޕޮސިޓިވް ވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ މި 35 މީހުންގެ ތެރޭގައި ހައިރިސްކް މީހުންވެސް ހިމެނޭކަމަށެވެ.

ޝީ ބިލްޑިންގްގައި ބޭއްވުނު މިހަފްލާގައި ގާތްގަނޑަކަށް 120 މީހުން ބައިވެރިވިކަމަށް މިހާތަނަށް ވަނީ މައުލޫމާތު ލިބިފައިވާކަމަށާއި، ކޮވިޑްގެ އަލާމާތްތައް ހުރި ބަޔަކު ވަނީ މިހަފްލާގައި ބައިވެރިވެފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިހަފްލާގައި ބައިވެރިވި އެންމެން އަދި ހަފްލާގެ ކަންކަމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ގުޅައި، އެންމެން ކަރަންޓީނު ކުރަމުގެ މަސައްކަތް އެޗްޕީއޭއިން މިހާރު ދަނީ ކުރަމުންނެވެ. އަދި ރިސްކް ފަރާތްތައް ޓެސްޓް ކުރުމުގެ މަސައްކަތްވެސް މިދަނީ ކުރަމުންދާކަމަށް އެ އެޖެންސީއިން މައުލޫމާތުދެއެވެ.

މިހަފްލާއަށް ދިޔަ ފަރާތްތަކުގެ ތެރެއިން އެޗްޕީއޭ އިން ނުގުޅާ ފަރާތްތަކުން 1676 އަށް ގުޅުއްވާ ވިހާވެސް ގިނަ މައުލޫމާތު ހިއްސާ ކުރެއްވުމަކީ މުހިންމު ކަމެއްކަމަށް އެޗްޕީއޭއން ވަނީ ފާހަގަކޮށްފައެވެ. މީގެއިތުރުން އެޗްޕީއޭ އިން އަދި ގުޅިފައި ނުވިނަމަވެސް ގެއިން ބޭރަށް ނުނިކުމެ ގޭގައި އެކަހެރިވެ ތިއްބެވުމަށް އެެއެޖެންސީން އެދިފައިވެއެވެ.

މިފަދަ ހަފްލާތައް ބާއްވާއިރު އެޗްޕީއޭ ގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެކެވެ. ބަލީގެ އަލާމާތްތައް ހުރި މީހުން މިފަދަ ހަފްލާތަކަށް ނުދިއުމާއި، ހާޒިރުވާ ފަރާތްތައް މާސްކްއެޅުމާއި، ގައިދުރުކަން ކަށަވަރުކުރެވޭނެ މިންވަރަށް ބަހާލައިގެން މީހުންނަށް ދައުވަތު ދިނުމަށާއި، ރަނގަޅަށް ވައި ދައުރުވާ ގޮތަށް ހަފްލާ އޮންނަ ތަން ބެހެއްޓުމަށާއި، ކާތަކެތި ސަރވް ކުރުމާއި ކެއުމުގައިވެސް ގައިޑްލައިންގައިވާ ގޮތަށް އިންތިޒާމު ހަމަޖެއްސުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.