ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފިއެވެ.

މި ގާނޫނުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސްތަކާއި އުސޫލުތަކާއި، ފުލުހުންގެ ޚިދުމަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އެ ޚިދުމަތާގުޅޭ އެނޫންވެސް ކަންކަން ވަނީ ބަޔާންކޮށްފައެވެ.

މިބިލުގެ މަގްސަދުތަކުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހައި ކަންކަމަކީ ގާނޫނުއަސާސީއާއި، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ހައްގުތަކާއި ކަރާމަތަށް އިހްތިރާމުކުރުމާއެކު ގާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ޚިދުމަތެއްކަން ކަށަވަރުކުރުމާއި، ވަކިފަރާތަކަށް ޖެހުމެއްނެތި، އަދި ވަކި ނުފޫޒަކަށް ލެނބުމެއްނެތި، ހަމަހަމަކަމާއެކު ގާނޫނު ނަގަހައްޓައިދެއެވެ.

އަދި ތަންފީޒުކުރުމާއި، އަމަންޢާންމާއި، ދާޚިލީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ފުލުހުން ކުރަންޖެހޭ ކަންކަން ކުރުމުގެ ގާނޫނީ ބާރާއި އިޚްތިޔާރު ފުލުހުންނަށް ފޯރުކޮށްދިނުން މި ބިލުގައި ހިމެނޭއިރު ރައްޔިތުންނާ ގުޅިގެން ޚިދުމަތްދިނުން އިސްކޮށް، ޕްރޮފެޝަނަލްކޮށް މަސައްކަތްކުރުމުގެ ވައްޓަފާޅި ފުލުހުންގެ ޚިދުމަތުގެ އެންމެހައި މުވައްޒަފުންގެ ކިބައިގައި އަށަގެންނެވުންވެސް ހިމެއެވެ.

ފުލުހުންގެ ޚިދުމަތުގެ އަމާޒާއި، މަގްސަދާއި، މަސްއޫލިއްޔަތާއި، ޚިދުމަތާއި، ބާރާއި އިޚްތިޔާރުތައް ގާނޫނުއަސާސީއާއި އިންސާނީ ހައްގުގެ ހަމަތަކުގެ ތެރެއިން އެކަށައަޅައި ބަޔާންކުރުމާއި، ދިވެހި ފުލުހުންގެ ޚިދުމަތަކީ ލާމަރުކަޒީ އުސޫލުން ފޯރުކޮށްދޭ ޚިދުމަތަކަށް ހެދުން މި ބިލުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަަމަށް ސަރުކާރުން ބުނެއެވެ.

މިބިލު ގާނޫނަކަށްވެ އަމަލުކުރަން ފެށުމާއެކު، ފުލުހުންގެ ގާނޫނުގެ ދަށުން ގާއިމުކުރެވިފައިވާ "މޯލްޑިވްސް ޕޮލިސް ސަރވިސް"، މި ގާނޫނުގެ ދަށުން އުފައްދާ "ދިވެހި ފުލުހުންގެ ޚިދުމަތް" އަށް ބަދަލުވާނެއެވެ.

ނަމަވެސް "ދިވެހި ފުލުހުންގެ ޚިދުމަތް" އަށް އިނގިރޭސި ބަހުން ބޭނުންކުރާނެ ނަމަކީ "މޯލްޑިވްސް ޕޮލިސް ސަރވިސް" ކަމުގައި މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

ފުލުހުންގެ ޚިދުމަތުގެ ޚާއްސަ ސިފަތަކުގެ ތެރޭގައި ފުލުހުންނަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ، މަދަނީ އަދި ސަލާމަތީ ޚިދުމަތެއްގެ ގޮތުގައި ހިމެނުމާއި، މުޅި ދިވެހިރާއްޖެއަށް އިންތިޒާމުކުރެވިގެންވާ އެއް ޚިދުމަތެއްގެ ގޮތުގައި ހިމެނުމާއި، އިދާރީ ގޮތުން ހިންގުން ލާމަރުކަޒީކޮށް އިންތިޒާމު ކުރެވިފައިވާ، އަދި ވަޒީފާއާބެހޭ ގާނޫނުން އިސްތިސްނާ ލިބިގެންވާ ޚިދުމަތެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

މިބިލަކީ، މިމަހުގެ 6 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 27 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.

ރައީސުލްޖުމްހޫރިއްޔާ މިބިލު ތަސްދީގުކުރެއްވުމާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފައެވެ.

މިގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މިގާނޫނު ތަސްދީގުކޮށް، ގެޒެޓުގައި ޝާއިޢުކުރާތާ 3 މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.

މިގާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ފުލުހުންގެ ގާނޫނު (2008/5) އުވުނީއެވެ.