ރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް 10 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފިއެވެ.

ޓޫރިޒަމާބެހޭ ގާނޫނަށް ގެނެވުނު އިސްލާހުގައި، ދިވެހިރާއްޖޭގައި ޓޫރިސްޓް ރިޒޯޓު ހެދުމަށާއި، އިންޓަގްރޭޓަޑް ޓޫރިޒަމް ތަރައްގީ ކުރުމަށާއި، ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ތަރައްގީ ކުރުމަށާއި، ޕްރައިވެޓް އައިލެންޑް ތަރައްގީކުރުމަށް ކުއްޔަށް ދޫކުރާނެ ރަށްރަށާއި ބިންބިމާއި ފަޅުފަޅާއި، އަދި ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސްއާއި، ޔޮޓް ބަނދަރު ހަދާނެ ތަންތަނާއި، ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރެވޭ އެނޫންވެސް ތަންތަނާއި ސަރަހައްދުތައް ކަނޑައަޅާނީ، ރައީސުލްޖުމްހޫރިއްޔާ ކަމުގައި ބަޔާންކޮށްފައި ވެއެވެ.

ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތަކުގައި، އެރަށެއް ނުވަތަ ސިޓީއެއްގެ ބިނާވެށީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ތަރައްގީކުރުމަށް ބިން އެކަށައެޅުމުގެ އިޚްތިޔާރު، އެރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލަށް ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ލިބިގެންދާނޭ ކަމަށް ސަރުކާރުން ބުނެއެވެ.

މީގެ އިތުރަށް ރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް 10 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން، މިގާނޫނުގެ ދަށުން ސަރުކާރު ބައިވެރިވެގެން އިންވެސްޓްކުރުމަށްޓަކައި ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި، ބިންބިމާއި، ފަޅުތައް ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ސަރުކާރު ހިމެނޭގޮތަށް ހެދިފައިވާ ޖޮއިންޓް ވެންޗަރ ކުންފުނިތަކުގައި ހިމެނޭ ސަރުކާރުގެ ހިއްސާ އެ ޖޮއިންޓް ވެންޗަރ ކުންފުންޏަކަށް މިގާނޫނުގެ ދަށުން ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި، ބިންބިމާއި، ފަޅުތަކުގެ ބިމުގެ ބޮޑުމިނުގެ ކޮންމެ އަކަމީޓަރަކަށް އެ ކުންފުނީގައި ހިމެނޭ ސަރުކާރުގެ ހިއްސާގެ ކޮންމެ އިންސައްތައަކަށް 5 (ފަހެއް) އެމެރިކާ ޑޮލަރުގެ މަގުން އަގުކުރުމަށްފަހު ޖެހޭ އަދަދަކަށް، އެ ޖޮއިންޓް ވެންޗަރ ކުންފުނީގައި ހިމެނޭ އަނެއް ހިއްސާދާރަށް ނުވަތަ ހިއްސާދާރުންނަށް ވިއްކާލުމުގެ އިޚްތިޔާރު ސަރުކާރަށް ލިބިގެންވެއެވެ.

ހިއްސާ ވިއްކާއިރު، އެހިއްސާ ވިއްކާލުމުގެ މުއާމަލާތް ހިންގަންވާނީ، މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅައި ޢާންމުކުރާ ގަވާއިދަކާ އެއްގޮތްވާ ގޮތުގެމަތިންކަމުގައި މިގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

އަދި ދިވެހި ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ކުރިއެރުވުމަށާއި، ދިވެހިންނަށް މަންފާވާނެ ގޮތެއްގައި މި ދާއިރާ ހިންގުމަށްޓަކައި ވަނީ މުހިންމު އިސްލާހުތަކެއް މި ގާނޫނަށް ވަނީ ގެނެސްފައެވެ.