ފިލްމު "ޓެކްސްޓް ފޯ ޔޫ" އަށް ޝޫޓްކުރުމުގެ މަސައްކަތް ކުރުމަށް އިނގިރޭސިވިލާތުގެ ލަންޑަންގައި މިވަގުތު ހުރި އިންޑިއާގެ ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްރާ އަދި ފިލްމުގެ ކާސްޓުން އެގައުމުގައި ތާށިވެއްޖެއެވެ.

ކޮރޯނާ ވައިރަހުގެ އާ ވޭރިއަންޓެއް އިނގިރޭސިވިލާތުން ފެނުމާގުޅިގެން އެގައުމުންވަނީ ކުރިއަށްވުރެ ހަރުކަށި ފުރަބަންދެއް އިއުލާނުކޮށްފައެވެ. ހަމަ އެއާއެކު ވަރަށް ގިނަ ގައުމުތަކުންވަނީ އިނގިރޭސިވިލާތުގެ ފްލައިޓްތައްވެސް އެގއުމުތަކަށް އައުން ހުއްޓުވާފައެވެ.

ރިޕޯޓުތައް ބުނާގޮތުން ފިލްމު "ޓެކްސްޓް ފޯ ޔޫ" ގެ ޝޫޓިންގް ކުރިއަށްއޮތް ޖެނުއަރީމަހާ ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވީ ނަމަވެސް މިހާރު ފިލްމުގެ ޝޫޓިންގްވަނީ މެދުކަނޑަލާފައެވެ. ފިލްމުގެ ކްރޫއިންދަނީ އެނބުރި އެމެރިކާއަށް ދިއުމުގެ އިންތިޒާމްތައް ހަމަޖައްސަމުންނެވެ.

ޚާއްސަ ހުއްދައާއެކު ގައުމަށް ދެވޭނެ އިންތިޒާމް ހަމަޖެހުނުނަމަވެސް މިވަގުތު ލަންޑަން ލޮކްޑައުންއަށް ގޮސްފައި އޮތުމުން މިފިލްމުގެ ކްރޫއިންނަށް ލަންޑަންގައި ދުވަސްކޮޅަކު މަޑުކުރަން ޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޖަރުމަންގެ ފިލްމެއްގެ ރިމޭކަކަށް ތައްޔާރުކުރާ "ޓެކްސްޓް ފޯ ޔޫ" ގެ މެއިން ލީޑްއިން ފެނިގެންދާނީ ޕްރިޔަންކާގެ އިތުރުން ފިލްމު "އައުޓް ލޭންޑަރ" ގެ ބަތަލު ސޭމް ހިއުއަން އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ސެލިން ޑިއޯންއެވެ.

މީގެއިތުރުން ޕްރިޔަންކާގެ ފިރިމީހާ އަދި މަޝްހޫރު މިއުޒީޝަން ނިކް ޖޯނަސްވަނީ މިފިލްމުގެ ހާއްސަ ފެނިލުމަކުން އޭނާ ފެންނަ ރޯލުގެ ޝޫޓިންގް މިމަހު ކުރީކޮޅު ނިންމާލާފައެވެ.

ދެހާސްވަނަ އަހަރު ރީތީގެ ރާނީގެ ތާޖު ހާސިލުކޮށްފައިވާ ޕްރިޔަންކާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ދާދިފަހުން ނެޓްފްލިކްސްއިން ޕްރިމިއަކުރި ހޮލީވުޑް ފިލްމު "ވީ ކޭން ބީ ހީރޯސް" އިންނެވެ.

އޭނާވަނީ މިއަހަރުގެތެރޭ ހޮލީވުޑް ފިލްމު "މެޓްރިކްސް4" ގެ ޝޫޓިންގް މަސައްކަތްވެސް އިނގިރޭސިވިލާތުގައި ކުރިއަށް ގެންގޮސްފައެވެ.