ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު "ރާދޭ-ޔޯ މޯސްޓް ވޯންޓެޑް ބާއި" ގެ ރޯލަކަށް ސުޕަސްޓަރ ޖެކީ ޝްރޮފް ސޮއިކޮށްފިކަމަށް އިންޑިއާގެ މީޑިއާއިން ބުނެފިއެވެ.

ޚަބަރު ލިބޭގޮތުގައި، ޖެކީ މިފިލްމުގައި ފެނިގެންދާނީ ޕޮލިހެއްގެ މަތީމީހެއްގެ ރޯލުންނެވެ.

ޖެކީ ޝްރޮފް މީގެކުރިންވެސް ވަނީ ސަލްމާން ޚާންގެ ފިލްމު "ބާރަތު" އިން ޕޮލިސް މީހެއްގެ ރޯލުން ފެނިގެން ގޮސްފައެވެ.

ޖެކީގެ ރޯލް ނިމުމާއެކު އޭނާ ކުޅޭ ރޯލާއި ބެހޭގޮތުން ވަރަށް ޝައުގުހުރި މައުލޫމާތުތަކެއް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބެލުންތެރިންނާ ހިއްސާ ކުރުމަށްވަނީ ހަމަޖެހިފައެވެ.

ސަލްމާން ފެނިގެންދާނީ ޖެކީއަށްވުރެ ޖޫނިއަރ ޕޮލިހެއްގެ ރޯލަކުންކަމަށް މައުލޫމާތު ލިބެއެވެ.

މި ދެތަރިންނަކީ އާއްމު ދިރިއުޅުމުގައިވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ދެތަރިން ކަމަށްވުމުން ފިލްމުގެ މަސައްކަތްވެސް ކުރިއަށް ގޮސްފައިވަނީ ވަރަށް މަޖާ މާހައުލެއްގައެވެ.

ސަލްމާންއާއި ޖެކީގެ އިތުރުން ފިލްމުން ދެން ފެނިގެންދާނީ ބަތަލާ ދިޝާ ޕަތާނީ، ޒަރީނާ ވަހަބް އަދި ބަތަލު ރަންދީޕް ހޫޑާއެވެ.

މިފިލްމު މީގެކުރިން ސްޓްރީމްއިން ޕްލެޓް ފޯމަކުން ޕްރީމިއަކުރަން ނިންމި ނަމަވެސް މިހާރު ހަމަޖެހިފައިވާ ގޮތުން ފިލްމު ޕްރިމިއަކުރާނީ އަންނަ އަހަރުގެ ފިތުރު ޢީދުގައެވެ.

މިފިލްމުގެ އިތުރުން ސަލްމާންގެ ޅިޔަނު އަޔުޝްއާއެކީ ކުޅޭ ފިލްމު "އަންތިމް" ވެސް ނެރެން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ތެރޭގައެވެ.