ވަފާ ހާލު ކިހިނެއްތަ؟ ކިހިނެއް ވެފަ ތިއިނީ. ކޮބާ މަންމަމެން. އަޒީމް ވަފާ އާއި އެތައް ސުވާލެއް ކުރި ނަމަވެސް ވަފާ އަގަޔަކުން ނުބުނެއެވެ. ވާހަކައެއް ނުދެއްކިއެވެ.
ރަށުގެ އަތިރިމަތީ ފަރާތުގައި ހުރި ޖޯލިފައްޗެއްގައި އޮށޯވެލައިގެން އުމުރުން 20 އަހަރުގެ ވަފާ ވިސްނަމުންދަނީ ކޮންކަމާކަމެއް ހުދު އަޒީމް ވިސްނާ ވިސްނާވެސް ނޭގުނެވެ. އަޒީމް އަކީވެސް ވަފާއާއި އެއްފުރައިގެ ލާނެއް ކުއްޖެކެވެ. ކުޑައިރުއްސުރެން ފެށިގެންވެސް ވަފާގެ އެންމެ ގާތް އެކުވެރިޔާއެވެ. އަދި މިހާރު ވަފާގެ ލޯބިވެރިޔާއެވެ. ކުރިން އަބަދުވެސް ދެމީހުން އެކުގައި ހީސަމާސާކޮށް ހަދައެވެ. ނަމަވެސް މިއަދު ވަފާއަށް މިވީ ކިހިނެއް ކަމެއް ހުދު އާޒިމް އަކަށްވެސް ބުނެދޭކަށެއް ނޭގެއެވެ.
ޖެހިގެން އައި ދުވަހުގެ ހަވީރުގެ ވަގުތެކެވެ. ވަފާ ރަށުގެ މިސްކިތުވަޅުން ފެންބަނޑިޔަލެއް ބޮލަށް ލައިގެން ދަނިކޮށް އަޒީމްއަށް ފެނުނެވެ. ވަގުތުންގޮސް ވަފާ އާއި އަރާ ހަމަކުރިއެވެ. އަދި ވަފާގެ އަތުގައި ހިފާލުމަށްފަހު މަޑުކޮށްލައި ދިނުމަށް އެދުނެވެ. ނަމަވެސް ވަފާގެ އަތުގެ އިޝާރާތުން ނޫނެކޭ ބުނެލިއެވެ. އެވަގުތު އަޒީމް އެދުނެވެ.
މިރޭ އަހަންނާ މީޓް ކުރެވިދާނެތަ؟
ވަފާ އާއެކޭ ބުނުގެ ގޮތުން ބޯ ޖަހާލިއެވެ.
އަޒީމް ބުންޏެވެ. މިރޭ 9 ޖަހާއިރު ރަށުގެ އަތިރިމަތި ފަރާތު ޖޯލިފަށްޗަށް އަންނާށެވެ. އަހަރެން އިންތިޒާރު ކުރާނަމެވެ. މިހެން ބުނެފައި އަޒީމް ދިއުމުން ވަފާ ގެއާއި ދިމާލަށް ހިނގައިގަތެވެ.
ރޭގަނޑުގެ ހަމަހިމޭންކަމުގެ ވަގުތެވެ. ގަޑިން 9 ޖެހިއިރު އައިޝާ ޖޯލިފައްޗާއި ދިމާލަށް އަންނަތަން ފެނުނެވެ. އަޒީމް އިންތިޒާރުގައި ޖޯލިފަތި ކައިރީގައި ހުއްޓެވެ. އަދި ވަފާ އައުމުން ދެމީހުން އެކުގައިގޮސް ޖޯލިފަތީގައި އިށީނެވެ. އެވަގުތު އާޒިމް ވާހަކަދައްކަން ފެށިއެވެ. ވަފާ ކަމެއް ސިއްރުކުރާހެން އެބަހީވޭ.
ވަފާ އިސްޖަހާލައިގެން މަޑުމަޑުން އިނުމުން އަނެއްކާވެސް އަޒީމް ބުންޏެވެ.
ވަފާ ކަމެއް ގޯސްވީތަ؟ އަޅެ ޕްލީސް މަށަށް ކިޔައިދީބަލަ!
މިހެން ބުނުމުން ވަފާ ވަރަށް ދެރަވެފައި ލަދުން ހުރެ ވާހަކަ ދައްކަން ފެށިއެވެ. އަޒީމް އަހަރެން އެއްވެސްކަމެއް އަޒީމްއަކަށް ސިއްރު ކުރާކަށް ބޭނުމެއް ނޫން. އެކަމަކު މިވާހަކަ ދައްކަން ލަދުވެސް ގަނޭ... ނަމަވެސް އަޑު އަހާށެވެ. އަހަރެންނަށް މިކަންތައް ދިމާވިއިރު އަޒީމް ހުރީ ރާއްޖެއިން ބޭރުގައި ކިޔަވަންގޮސް. އެވޭތުވެ ދިޔަ ފަސް އަހަރު އަހަރެން މަންމަމެންގެ އެދުމުގެ މަތިން އޮފީހަކުން ވަޒީފާއެއް ހޯދިން.
އަހަރެން އެއޮފީހަށް ދިޔަ ފުރަތަމަ ދުވަހަކީ އެއޮފީހުގެ ވެރިމީހާ އަހަރެންނަށް ވަރަށް ހޫނު މަރުހަބާއެއް ކީ ދުވަހެކެވެ. ނަމަވެސް އެ އޮފީހުގެ މުވައްޒަފުންގެ ތެރެއިން ފަރީދާ އަކީ ކުރިންވެސް އަހަރެން ދަންނަ ވަރަށް ހިތްހެޔޮ ކުއްޖެކެވެ. އެދުވަހު އޮފީހުގައި މާގިނަ މަސައްކަތްތަކެއް ނުކުރި ނަމަވެސް އެދުވަހަކީ އަހަރެންގެ ހަޔާތުގައި ވަރަށް އުފާވެރި ދުވަހެކެވެ. ރަނގަޅު އޮފީހަކަށް ވަދެވުނީމައެވެ. އޮފީހުގެ ވެރިމީހާވެސް އަހަރެންނަށް ވަރަށް ރަނގަޅެވެ.
ދުވަސްތައް ފާއިތުވަމުން ދެއެވެ. އަހަރެން މަސައްކަތް ކުރަނީ އެއޮފީހުގެ މާކެޓިންގ ޑިޕާޓްމަންޓްގައެވެ. ނަމަވެސް މާގިނަ ދުވަސްތަކެއް ނުވެ އޮފީހުގެ ވެރިމީހާގެ ސެކެޓްރީއަކަށް އަހަރެން ބަދަލުކޮށްފިއެވެ. އެދުވަހުން ފެށިގެން އަހަރެން މަސައްކަތް ކުރަމުން ދިޔައީ ވެރިމީހާގެ ކައިރީގައެވެ. އޭނާގެ މަސައްކަތުގައެވެ. މިކަމާއި އޮފީހުގައި އުޅޭ ބައެއް މުވައްޒަފުން ދިމާކޮށްވެސް ހަދައެވެ. މިގޮތުން އެއްދުވަހަކު އަހަރެން ވެރިމީހާގެ އޮފީހުން ނިކުންނަނިކޮށް ހަނީފް އަހަރެން ހުއްޓުވިއެވެ. އަދި ބުންޏެވެ.
ހަނީފް: އާނ. އެންމެ ފަހުން ބޮސްގެ އޮފީހުގަދޯ.
ނަޒީފް: އެހެންނު ވާނީ ބޮސްވެސް ބޭނުންވާނީ ރީތި ކުދިންވިއްޔާ!
ވަފާ: ހުނ. ވަރަށް ފޫހިވޭ..
މިހެން ބުނެ އަހަރެން ހިނގައިގަތީމެވެ. އަހަރެން ވެރިމީހާގެ (ބޮސްގެ) އޮފީހަށް ބަދަލުވުމުން އޮފީހުގެ ގިނަ ކުދިން އަހަރެންނާއި ހިތްހަމަ ނުޖެހޭކަން އަހަރެންނަށް އިހުސާސް ކުރެވެއެވެ. އެއީ ކުރިން އޮފީސް ކުދިންނަކީ އަހަރެންނާއި ވާހަކަ ދައްކާ ހީސަމާސާކޮށް ހަދާ ކުދިންނެވެ. ނަމަވެސް މިއަދު މި ބަދަލު އައީ ކީއްވެގެން ހެއްޔެވެ. އަހަރެން އޮފީސްތެރެއިން ފެނުމުން ހަމައެކަނި އަހަރެންނާއި ދިމާކުރަނީ ފިރިހެން ކުދިން އެކަންޏެއް ނޫނެވެ. އޮފީހުގެ އަންހެން ކުދިންވެސް ހަމަ މިގޮތެވެ. ކުރިން ފަރީދާވެސް ވަރަށް ރަނގަޅެވެ. ނަމަވެސް ފަރީދާވެސް މިހާރު އަހަރެންނާއި ދުރުވެއްޖެކަމުގެ އިހްސާސް އަހަރެންނަށް ކުރެވެއެވެ. ސަބަބަކީ ކޮބައިކަން ވިސްނާ ވިސްނާވެސް އަހަރެންނަކަށް ނޭގެއެވެ. އެއްވެސް މުވައްޒަފަކު ސަބަބެއް އޮޅުން ފިލުވައެއް ނުދެއެވެ. އެމީހުންގެ ކަމަކީ އަހަރެންނާއި ފުރައްސާރަ ކުރުމާއި ދިމާކޮށް ބަލާމަތް ކުރުމެވެ. އަހަރެންގެ ވެރިމީހާއާއި އަހަރެންނާއި އަޅުވައިކިޔައިގެން ޒާތްޒާތުގެ ވާހަކަ ފެތުރުމެވެ.
މިގޮތުން އެއްދުވަހެއްގެ ހެނދުނު އަހަރެން އޮފީހުގައި އުޅެނިކޮށް ވެރިމީހާ އަހަރެންނަށް ފޯން ކުރިއެވެ. އަދި އޭނާއަށް މިއަދު އޮފީހަށް ނާދެވޭނެކަމާއި، ބައްދަލުވުމެއްގައި ރިސޯޓެއްގައި ހުރިކަމަށް ބުންޏެވެ. އަދި ދެވޭވަރުވާނީ މިރޭ 9 ޖަހާއިރުކަމާއި، އެގަޑިއަށް އޮފީހަށް އައިސް ދިނުމަށް އަހަރެންގެ ކައިރީ އެދުނެވެ. އަދި ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަކަމަށްވެސް ބުނެ ވެރިމީހާ ބުންޏެވެ. މިހެން ބުނުމުން އަހަރެން އޮފީހުގައި ކުރަން ހުރި މަސައްކަތްތައްކޮށް ނިންމާލުމަށްފަހު އަވަހަށް ގެއަށް ދިޔައީމެވެ. އަދި ގޭގައި ކުރަންހުރި މަސައްކަތްތައް ނިންމާލުމަށްފަހު މަންމަ ގާތު އަހަރެން މިރޭ އޮފީހަށް ދާންޖެހޭ ވާހަކަ ބުނީމެވެ. އަހަރެން މިހެން ބުނުމުން މަންމަ ވަރަށް ހައިރާންވިއެވެ. އެއީ އަހަރެންނަކީ އޮފީހަށް ވަނީއްސުރެވެސް އަދި އޭގެ ކުރިންވެސް ރޭގަނޑު މާބޮޑަށް ބޭރަށްގޮސް ހަދާ ކުއްޖަކަށް ނުވާތީއެވެ. މަންމަގެ ހައިރާންވުމާއެކު އަހަރެން ވަރަށް ގިނައިރު ވަންދެން މަންމަގާތު އޮފީހުގެ ވާހަކަތައް ދައްކަން އިނީމެވެ. އަދި އޮފީހުގެ ވެރިމީހާގެ ސެކެޓްރީއަކަށް ބަދަލުވުމާއެކު އޮފީހުގެ މުވައްޒަފުން ގުޅުން ވަރަށް ކުޑަކަމަށްވެސް ބުނީމެވެ. އަދި އޮފީހަށް ދާންވެސް މިހާރު ފޫހިވާކަމަށް ބުނީމެވެ. މިހެން ބުނުމުން މަންމަ ބުންޏެވެ. (ނުނިމޭ)
--
އެޑިޓަރުގެ ނޯޓު: މި ވާހަކައިގެ އައު ބައިތައް ޝާއިއު ކުރެވޭނީ ކޮންމެ ހަފްތާއެއްގެ ހޯމަދުވަހުއެވެ.
ކޮންއިރަކުންތޯ އަނެއްބައި އަންނާނީ
މީ ހަގީގީ ވާހަކައެއްތަ؟
ޢަސްލު ޖެހިގެން އަންނަ ދުވަހު އަނެއްބައި ކިޔާލަން ލިބޭނަމަ ވަރަށް ސަޅިވާނެ.
ވަރަށް ރީތި ވާނެ ކަމަށް ބެލެވޭ. ސަޅި
ނާފިޢުގެ ވާހަކަތައް ކުރިންވެސް ކިޔަން. ވަރަށް އަސްލާއި އެއްގޮތަށް ލިއުއްވާ ބޭފުޅެއްކަން ފާހަގަ ކުރެވޭ، މިވާހަކަވެސް ވަރަށް ރީތި ފަހުން ވާހަކައިގަ ވާނެ ގޮތަކަށް އިންތިޒާރު ކުރަން